ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 11:19
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިންސާނީ ޙައްޤުތަކުގެ ދުވަސް
އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު
 
އިންސާނީ ޙައްޤުތައް ގެއްލުމާ ގުޅޭ މައްސަލަތައްވެސް އަވަސް މިނެއްގައި ނިންމަން ޖެހޭ
 
އިންސާނީ ޙައްޤުތަކަކީ ސިޔާސަތުތައް ކަނޑައެޅުމުގެ މުހިއްމު ބަހާއެއް
 
ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ގިނަ ރައްޔިތުންތަކެއް އޭރު ތަހައްމަލު ކުރަމުންދިޔަ

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާއި، އެ ޙައްޤުތަކަށް އެކި ސިފަސިފައިގައި އަރައިގަތް ދުވަސް ވަރެއް ދިވެހިންވެސް ދާދި މިދާކަށް ދުވަހު ވަނީ ދެކިފައެވެ. އޭރު އިންސާނީ ޙައްޤުތަކާ ގުޅޭ ބޮޑެތި ޖަރީމާތައް ޤައުމުގައި ހިނގަމުން ދިޔައިރު، އެކަމާ ދެކޮޅަށް އަޑު އުފުލި އެތައް ބަޔަކަށްވެސް ބޮޑެތި އަނިޔާތަކާއި އަހުވަތައް ތަޙައްމަލު ކުރަން ޖެހުނެވެ. އެހެން ނަމަވެސް މިއަދު މަންޒަރު ބަދަލުވަމުންދާއިރު، ފާއިތުވި ދުވަސްތަކަކީ މާޒީ ކަމުގައި ދެކިގެން ދޫކޮށްލެވޭކަށް ނެތެވެ. ސަބަބުތައްވެސް އެހާމެ ބައިވަރެވެ.

އެތައް ދުވަހެއްގެ ނިންޖަކަށްފަހު އެޗްއާރްސީއެމް ހޭލަން ޖެހުން، ޒިންމާތައް ބޮޑު

އިންސާނީ ޙައްޤުތަކަށް ކަށަވަރު ކުރުމާއި، އެކަމާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ ޙަވާލުކޮށްފައި އޮންނަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު ބޮޑުތަނުންވެސް ގެއްލިފައިވާ މުއައްސަސާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތުން ދިވެހިން ދުށް އަނިޔާވެރިކަމާއި، ލާއިންސާނީ ކަންކަމަށް އޭރު އެޗްއާރްސީއެމުން ބީރު ކަންފަތެއްދީ "ފުން ނިންޖަކުން" ނިދާފައި އޮތުމުގެ ސަބަބުން މިއަދުވެސް ރައްޔިތުންގެ އަރުތެރޭގައި އެކަމުގެ ވޭން ހަރުލާފައި އެބަ ހުއްޓެވެ.

ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށްގެން ގެންގުޅުމުން ފެށިގެން ގޮސް، މިނިވަންކަމާއި، ދިރިހުރުމުގެ ހައްޤު ނިގުޅައިގަތުމާއި، ރަހީނު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ގިނަ ރައްޔިތުންތަކެއް އޭރު ތަހައްމަލު ކުރަމުންދިޔައިރު، އެޗްއާރްސީއެމުން ބަލާފައިވާ މައްސަލަތަކާއި ތަހުޤީޤު ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ އަދަދުތަކަށް ބަލާލުމުންވެސް ޒިންމާ އަދާ ނުކުރެވޭކަން ސާފުވެއެވެ. އޭގެ އެއް މިސާލަކީ އަނިޔާ މަނާ ކުރުމުގެ ޤާނޫނަށް މިދިޔަ އަހަރު 7 އަހަރު ފުރިފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ޓޯޗަރގެ 200 އަށްވުރެ ގިނަ މައްސަލައެއް ބެލި ނަމަވެސް، އޭގެ ތެރެއިން ތަހުޤީޤު ނިންމައި ދައުވާ ކުރާ މަރުޙަލާއަށް ގޮސްފައިވަނީ އެންމެ 5 މައްސަލަ ކަމަށް ވުމެވެ. އޭގެ ތެރެއިންވެސް ޕްރޮސެކިއުޓަރ ޖެނެރަލްއިން ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ.

ކޮންމެއަކަސް، ބަޖެޓު ނެތުމުގެ ވާހަކަތައް ނިވާފަތްގަނޑަކަށް ހަދައިގެން އުޅުނު ޒަމާން ވޭތުވެގޮސް، ދާދި ފަހުން މިވަނީ އެ ކޮމިޝަނަށް އަނެއްކާވެސް އައު މެމްބަރުންތަކެއް އައްޔަނުކޮށްފައެވެ. އެއާއެކު މިއަދު އެޗްއާރްސީއެމުން ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދުމަށް ކުރަން ޖެހިފައިވާ މަސައްކަތްތައްވެސް ނުހަނު ގިނަ ގުނައެވެ. ކޮމިޝަނުގައި އެތައް މައްސަލަތަކެއް ފުނިޖެހި މުޅި ކޮމިޝަނުގެ ކަންކަން ބޮއްސުންލާފައިވާއިރު، މިއަދު އެޗްއާރްސީއެމަށް އޮތް ގޮންޖެހުންތަކާއި ޒިންމާތައްވެސް ބޮޑެވެ.

އޭރު އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ގޮވާލާ ނުކުތް މީހުންނަށްވެސް ބޮޑެތި ފިއްތުންތަކާއި އަނިޔާތައް ކުރިމަތިވި

ރައީސް ވިދާޅުވަނީ އިންސާނީ ޙައްޤުތަކަކީ ސިޔާސަތުތައް ކަނޑައެޅުމުގެ މުހިއްމު ބަހާއެއް ކަމަށް

ނޮވެންބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އިންސާނީ ހައްގުތައް ދިރުވުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ ވައުދުފުޅާއެކުއެވެ. މި ކަންކަން ފުރިހަމަކުރުމަށް ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ސަރުކާރުން ފަސްނުޖެހި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް އޭރުވެސް ދެއްވިއެވެ.

ސިޔާސަތުތައް ކަނޑައެޅުމުގައި އިންސާނީ ޙައްޤުތައް އިސްރޯލެއް އަދާ ކުރާ ކަމަށާއި، އެއީ އިންސާނީ ޙައްޤުތަކުގެ މުހިއްމު ބަހާއެއް ކަމަށް ވިދާޅުވެ ރައީސް ގެންދަވަނީ އެ މަސައްކަތުގައި ސާބިތުވެ ހުންނެވިކަން ރައްޔިތުންނަށްވެސް ދައްކުވައިދެމުންނެވެ. އެގޮތުން އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު ދެ މުޢާހަދާއެއް ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައި، މަޖިލީހުގެ ލަފައަކަށް އެދިވަޑައިގަތުމަށް އެމަނިކުފާނު ހުށައެޅުއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީ.އީ.ޑީ)" އާ ބެހޭ މުޢާހަދާއެވެ.

ސީ.އީ.ޑީ މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދިޤުކޮށް އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ޤައުމުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ކަނޑައެޅިގެން ދިއުމުން، އިންސާފު ޤާއިމުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުންވެސް މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކީވެސް މި މަސައްކަތަށް އިތުރުވެގެން ދިޔަ އައު ބޮޅެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގައި މިހާރު ރާއްޖެއަކީ މިސާލެއްކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރވެސް ވިދާޅުވިއެވެ.

ސަރުކާރުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް މި ކުރަމުންދާ މަސައްކަތުގައި ޙަޤީޤީ ކުލަ ޖެހޭނީ އެކަމުގެ ޒިންމާ އަދާކުރަން ޖެހޭ މުއައްސަސާތައްވެސް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާކޮށްގެންނެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުަތަކެއް އަޅައި، އިންސާނީ ޙައްޤުތައް ގެއްލުމާ ގުޅޭ މައްސަލަތައްވެސް އަވަސް މިނެއްގައި ނިންމަން ޖެހެއެވެ. އެންމެން ގުޅިގެން މި ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ނެރެވޭނީ އޭރުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް