ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 13:06
ރާއްޖޭގައި މިފަހުގެ ތާރީހުގައި ހިންގާފައިވާ ޖަރީމާތަކުގައި މަރުވެ، އިންސާފު ނުލިބިވާ ތިން މީހުން: އަފްރާޝީމް، ރިލްވާން އަދި ރިލްވާންގެ އެކުވެރިޔާ ޔާމީން
ރާއްޖޭގައި މިފަހުގެ ތާރީހުގައި ހިންގާފައިވާ ޖަރީމާތަކުގައި މަރުވެ، އިންސާފު ނުލިބިވާ ތިން މީހުން: އަފްރާޝީމް، ރިލްވާން އަދި ރިލްވާންގެ އެކުވެރިޔާ ޔާމީން
ގޫގުލް
ޔާމީންގެ މަރު
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
 
ޔާމީން އަކީ ނޫސްވެރިޔާ ރިލްވާންގެ އެކުވެރިއެއް
 
އެއްވެސް ބަޔަކު ހައްޔަރެއް ނުކުރޭ
 
ޔާމީންގެ ގާތިލުންނަކީ ކޮން ބައެއްކަން ހޯދައިފަ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ ގާތް އެކުވެރިޔާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިނިވަން ތަހުގީގެއްކޮށް، ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލުން ހޯދުމަކީ ވަރަށް ގާތް ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.

އަޅުގަނޑު މި ރިޕޯޓްގައި މިބަލާލަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލާގައި އަޅުގަނޑަށް ލިބިފައިވާ މައުލޫމާތާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދައުލަތުން ޝަރީއަތުގައި މަޖިލީގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މި ދެ މަރުގެ މައްސަލާގައި ކަން ހިނގާފައިވާ "އެއްގޮތް" ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ކަންކަންމުގެ މައްޗަށެވެ.

ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލާގައި މަރުގެ ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ހުރިހާ ޝަރީއަތެއްގެ މަޖިލީހަށް ވަތް މީހެއްގެ ހައިސިއްޔަތުންނާއި ޔާމީން ރަޝީދު މަރާލި ދުވަހު އޭނާގެ ހަށިގަނޑު އައިޖީއެމްއެޗުގައި އޮތް ވަގުތުން ފެށިގެން ކަށުކަމާކެމީގެ ކަންތައްތަކާ ހަމައަށް އެސަރަހައްދުގައި އުޅުނު ނޫސްވެރިއެއްގެ ހައިސިއްޔަތުން މި ދެ މަރާ ގުޅިގެން ފާހަގަ ކުރެވޭ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ 11:30 އާއި 02:00 އާ މެދުގެ ވަގުތެއްގަ އެވެ. މިއީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން ހާމަވެގެންދިޔަ މަރުގެ ހާދިސާއެއްކަން ފާގަހަ ކުރެވެއެވެ. އެއީ އޭގެ ފަހުން ކުއްލި ގޮތަކަށް މީހުން މަރުވެ، ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލި، މީހުން ވަގަށް ނެގުން ފަދަ ގިނަ މަރީޖާމަތެއް މި ކުޑަކުޑަ ދިވެހިރާއްޖޭގައި ހާއްސަކޮށް ކިލޯ މީޓަރެއްހާވަރުގެ މި ކުޑަކުޑަ މާލޭގައި ހިނގާފައިވެއެވެ.

ޖަރީމާތައް ހިނގަން ފެށީ ރައީސް ނަޝީދުގެ ވެރިކަން ދިވެހި ފުލުހުންނާއި ސިފައިން މެދުވެގެން ބަދަލުކުރި ހިސާބުން ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އޭގެ ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވަމުން ދަނިކޮށް ޑރ. އަފްރާޝީމް އަލީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ކުރިމަތި ނުލައްވާނަމަ ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ލިބުމުގެ ބަދަލުގައި އަފްރާޝީމްއަށް ކުރިމަތިވީ އޭނާގެ ގާތިލުންގެ ހަންޖަރުތަކުން ސަލާމަތް ނުވެވި، ތާއަބަދަށް މިދުނިޔެ ދޫކޮށްދިއުމުވެ.

މިއަދާ އަހަމައަށް ވެސް އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަގީގަތެއް ކަމާބެހޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. ތުންތުން މަތިން އެވެނީ އެކިއެކި ވާހަކަތަކެވެ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ނުނިމި ދިގުލައިގެން ރައްޔިތުން ނުރުހުންވަމުން ގޮސް އެކިއެކި މީހުން އަމިއްލައަށް އެމައްސަލަ ދިރާސާ ކުރަމުންވެސް ދިޔައެވެ.

ދެން އިވިގެން ދިޔައީ އޯގަސްޓް 08، 2014 ވަނަ ދުވަހުން ފެށިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލު ވާހަކައެވެ. ބަޔަކު މީހުން ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ތަހުގީގު އިދާރާ، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވަނީ ބުނެފަ އެވެ. މިއަދާ އަހަމައަށް ވެސް ރިލްވާނަށް ވީނުވީއެއް ނޭނގެއެވެ. އެމައްސަލައިގެ ތަހުގީގެއްވެސް ނުނިމެއެވެ.

ބަޔަކު މީހުން ރިލްވާން ވަގަށް ނެގިއިރު އޭނާއަކީ އަފްރާޝީމް އަލީގެ މަރުގެ ކޮންމެވެސް ހަގީގަތްތަކެއް އެނގޭ ނޫސްވެރިއެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ އެވެ. މިކަމުގެ ހަގީގަތެއް ނޭނގެއެވެ.

ނަމަވެސް އެނގޭ ހަގީގަގަތީ އަފްރާޝީމް މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާވެސް މަސައްކަތް ކުރަމުން ދިޔަކަމެވެ. ދެން ފެންނަ އޮތް ހަގީގަތަަކީ ރިލްވާން ވަގަށް ނެގުމުން، ރިލްވާން ވަގަށް ނެގި މައްސަލައިގެ ހަގީގަތް ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކީ ރިލްވާނުގެ ގާތްއެކުވެރިޔާ ޔާމީން ރަޝީދު ކަމެވެ. މިއަދު ޔާމީން މިދުނިޔެއިން ވަކިވެގެން އެދިޔަކީ އަފްރާޝީމް ފަދައިން ގާތިލުންގެ ހަންޖަރުތަކުން ސަލާމަތް ނުވެވިގެން، ވަރަށް އަނިޔާވެރި، ލާއިންސާނީ އަނިޔާތާއެކުގަ އެވެ.

އަފްރާޝީމްއަށް ހަމަލާދިން ބަޔަކު ހަމަލާދީފައވަނީ ތަފާތުން ދެ ވައްތަރު ތޫނު ވަޅިއަކުންކަން ތަހުގީގު އަދި ތަހުލީލު ރިޕޯޓްތަކުން އެނގެއެވެ. އަފްރާޝީމްގެ ހަށިގަނޑުގެ 12 ވަރަކަށް ތަނެއް ޒަހަމް ކޮށްލާފައިވެއެވެ. އެންމެ ނުރައްކާތެރި ހަމަލާ އަރާފައިވަނީ ކަރަށެވެ. އަދި ބޮލަށް ހަމަލާއެއް އަރާފައިވާއިރު، ދެން ހުރީ ކުދި ޒަހަމްތަކެވެ. އަފްރާޝީމަށް ހަމަލާދީފައިވަނީ ދިރިއުޅޭ ގެއިން ބޭރުގައި އުޅުމަށްފަހު ގެއަށް ވަތް ވަގުތު ކަމަށް ބެލެވެއެވެ.

ޔާމީންއަށް ދީފައިވާ ހަމަލާތަކަށް ބަލާއިރު، ހަމަލާދީފައިވަނީ އަފްރާޝީމަށް ދީފައިވާ ހަމަލާއާ ދާދި އެއްގޮތަކަށް ކަމަށް ބެލެވެއެވެ. ޔާމީނަށް އެންމެ ނުރައްކާތެރި ހަމަލާ އަރާފައިވަނީވެސް ކަރަށެވެ. އަދި ބޮލަށް ވެސް ވަޅި އަކުން ހަމަލާދީފައިވެއެވެ. ދެން ހުރީ ޔާމީންގެ މެއަށް ދީފައިވާ ހަމަލާތަ ކެވެ. ޔާމީނަށް ވެސް ހަމަލާދީފައިވަނީ އޮފީހުން އެއަށް ވަތް ވަގުތުގައި ކަމަށް ބެލެވެއެވެ. ޔާމީންގެ މުޅި ހަށިގަނޑަށް ދީފައިވާ ކުދި ޒަހަމްތަކާއެކު 35 ތަނެއް ޒަހަމް ކޮށްލާފައިވާއިރު، މިއީ ރާއްޖޭގައި އެންމެ އަނިޔާވެރި ގޮތަކަށް މަރާލެވުނު މީހާއެވެ.

އަފްރާޝީމް ހަމަލާދީފައިވަނީ ވަކި މިވެނި ވަގުތެއްކަން ހާމަވާން ނެތްއިރު، ބޮޑަށް ބެލިފައިވަނީ އެރޭގެ 11:30 އާއި 01:00 އާ މެދުގެ ވަގުތެއްގަ ކަމެވެ. ޔާމީންއަށް ހަމަލާދީފައިވަނީ ވަރަށް ކުޑަށް ވަގުތު ކޮޅެއްގެ ތެރޭގައިކަން ހާމަވެއެވެ.

ޔާމީން ވަޒީފާ އަދާކުރާ ބޮޑު ތަކުރުފާނު މަގު، ފޮރިން މިނިސްޓްރީ ހުންނަ ސަރަހައްދުގައި ހުންނަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ހުރެފައި ގެއަށް ދިއުމަށް ހިނގައިގަނެފަނީ މެންދަމު ދޭއްގެ ފަހުންނެވެ. އެހެންކަމުން ބިސް ބުރު ކައިރީ ހުންނަ ޔާމީން ދިރިއުޅޭ ގެއަށް ވަދެފައިވަނީ 2:28 ގައެވެ. އެ ގޭގެ ދިރިއުޅޭ މީހަކަށް ޔާމީން މަރާލާފައި އޮތްވާ ފެނިފައިވަނީ 02:43 ހާއިރު ކަމަށް ވެއެވެ.

 

ޔާމީނަށް ދީފައިވާ ހަމަލާތަކަށް ބަލާއިރު، އެބަޔަކު ޔާމީންގެ ކަރަށާއި ބޮލަށް ވަޅި ޖެހުމަށްފަހު، ޔާމީންގެ މެއަށް އެހާ ގިނައިން ވަޅިން ހަމަލާދީފައިވަނީ ޔާމީންގެ ދުވަސް ދުއްވާލުމަށްފަހު އަވަސް އަވަހަށް އެތަނުން ދިއުމުގެ ނިޔަތުގަ ކަމަށް ބެލެއެވެ.

 

އަފްރާޝީމްގެ މަރާއި ޔާމީންގެ މަރަކީވެސް ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ ވަރަށް އެއްގޮތް ދެ ޖަރީމާއެވެ. މި ދެ މަރުގެ ވެސް އެންމެ އެއްގޮތް ކަމަކީ ތަކުރާރުކޮށް މަރުގެ އިންޒާރުދިނުމަށްފަހު މަރާލާފައިވުމާއި އެ ދެ މީހުންނަށް ވެސް ހަމަލާދިން ކަމަށް ގަބޫލް ކުރެވެނީ އެ ދެ މީހުން ވެސް ދިރިއުޅޭ ގޭގެ  ސިޑި ގޮޅިގަ ކަމަށް ވުމެވެ. އަދި ފާރަ ލުމުގެ ކަންކަމާއި ވަށައިގެންވާ ކަންކަން ދިރާސާކޮށްފައިވާކަމަށް ގަބޫލު ކުރެވެއެވެ.

 

އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށް އެތައް އަހަރެއް އެވަނީ ފާއިތު ވެފައެވެ. ނަމަވެސް ޔާމީންގެ މަރުގެ މައްސަލަ މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގައިފިނަމަ ޔާމީންގެ މަރުގެ ހަގީގަތް ހޯދުމަކީ އެހާ އުނދަގޫކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ޔާމީން ދިރިއުޅޭ ގޭ ސަރަހައްދަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ މާލޭގެ ބާރުބޮޑު އެއް ސަރަހައްދެވެ. ގިނަ ސީސީޓީވީ ކެމެރާތައް އެސަރަހައްދުގައި އެބަހުއްޓެވެ. ބަޔަކު މީހުން އެގެއަށް ވަދެ ޔާމީނަށް ހަމަލާދިނުމަށްފަހު އެ ގެއިން ނިކުމެގެން ދިޔަކަމަށްވާ ނަމަ އެސަރަހައްދުގައި ހުރި ކެމެރާތަކުގެ ތެރެއިން ކެމެރާއަކަށް އެރުމަކީ ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމެކެވެ. އަނެއް ކަމަކީ ސީސީޓީވީ ފޫޓޭޖެއް ބަލަންވިޔަސް ބަލަން އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެންމެ ދިގުކޮށް ބަލާނަމަ ބަލަން އޮތީ 02:20 ފެށިގެން 02:59 އާ ހަމަށެވެ. އެއީ ޔާމީން އޮފީހުން ނިކުމެގެން ގެއަށް ދިއުމަށް ހިނގައިގެން ކަމަށް ބެލެވޭ ވަގުތާއި ފުލުހުންނަށް ރިޕޯޓް ލިބުނުކަމަށް ބުނާ ވަގުތާ ހަމައަށެވެ. ބަލަން ބޭނުންނަމަ އެވަގުތުތަކަށްވުރެ ކުރީގެ އަދި ފަހުގެ ވަގުތުތަކުގެ އިތުރު ސީސީޓީވީ ފޫޓޭޖްވެސް ބަލަން ވީއެވެ.

އަފްރާޝީމްގެ މަރާ އެއްގޮތްކަމަށް ބެލެވޭ ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން ތަހުގީގެއް ހިންގައިފިނަމަ ޔާމީންގެ މަރުގެ މައްސަލައިގެ ހަގީގަތް ދެނެގަނެވޭނެ އެވެ. މިހާރު އެ ވަނީ ގާތިލުންނަކީ ކޮން ބައެއްކަން ދެނެގަނެވިފަ އެވެ. ދެން އެ މީހުން ނުހޯދެންވީ ސަބަބެއް ނެތެވެ. ޔާމީންގެ މަރުގެ ހަގީގަތް ހޯދިއްޖެނަމަ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ގަބޫލު ކުރެވެއެވެ.

އޭރުން ރާއްޖޭގައި ފަހުގެ ތާރީހުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަށް ހިންގާފައިވާ ފަރާތްތައް އަތުލާއިގަނެވިދާނެ އެވެ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ހަގީގަތްތަކާއި ރިލްވާން ވަގަށް ނެގި މައްސަލައިގެ ހަގީގަތް ހޯދުމުގެ ވަރަށް ފަހި ފުރުސަތެއް މިވަނީ ލިބިފަ އެވެ. ފުރުސަތު ނަގާނުލާށެވެ. ޔާމީންގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގާ ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާށެވެ. އޭރުން މިހާރު ހިންގަމުންދާ ބޮޑެތި ޖަރީމާތައް ހިންގާ އިތުރު މީހުންވެސް ޖެހިލުންވާތަން ފެންނާނެއެވެ.

 

ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް އެފަދަ ޖަރީމާތައް ހިންގުމަށް ފުރުސަތުދީ ދައުލަތުގެ މުއައްސަސާތައް "ކުރުއަތްމައްޗަށް ބޯލައިގެން އޮށޯވެގެން އޮތުމުން" ވާނެ ހުރިހާކަމެއް މި ގައުމުން މިދަނީ ފެންނަމުންނެވެ. އެފުރުސަތު އެފަރާތްތަކަށް ނުދެއްވާ އަތުކުރި އޮޅާލައިގެން ނިކަން ނިކުންނަވާށެވެ.

 

ކުރީ ދުވަހު މަގުމަތިކޮށްލީ އަފްރާޝީމްގެ އާއިލާއެވެ. އިއްޔެ ރިލްވާނުގެ ލޯބިވާ މަންމަ އާއި އާއިލާއެވެ. މިއަދު ޔާމީންގެ ލޯބިވާ މަންމަ އާއި އާއިލާއެވެ. މާދަމާ މަގުމަތި ކޮށްލާނީ އަޅުގަނޑުގެ ލޯބިވާ މަންމަ އާއި އާއިލާ ކަމަށް ވުމަކީ ގާތްކަމެކެވެ. މިހެންގޮސް މާލޭގެ މަގުތަކަށް ހުރިހާ މަންމައިން ނިކުމެ ކަރުނަ އަޅަންޖެހިދާނެ އެވެ. މިގޮތަށް ވިޔަ ނުދެއްވާށެވެ. ބޭނުންވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމެވެ. ހިތްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
27 އޭޕްރިލް 2017 | ބުރާސްފަތި 19:14
ބަލާލީ
ޔާމީން އަކީ ރިލްވާންގެ އެކުވެރިއެއް ރިލްވާންއަކީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ގިނަ ކަންތައްތަކެއް އެނގޭފަރާތަކަށް ވަނީ ނަމަ, ދެން އެހެންވީމާ ސުވާލު ގިނަވަނީ؟ ސީރިއަލް ކިލާސް އިންނަކީ ކޮބައިބާ؟ ރާއްޖޭގައި ހިނަގާފައިވާ ބޮޑެތި ގަތުލުތަކުގެ ގާތިލުން ހާމަނުކުރުމަކީ މިކަމަށް ދެވޭ ހިއްވަރަކަށް ވެގެންދާނެ. އިންސާފުވެރި ތަހުގީގެއް ހިންގަން އެބަޖެހޭ. އެއީ އެހެން ޤައުމެއްބެ ބަޔަކު ލައްވާވިޔަސް.