ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 14:43
އޮޑި ދޯނި ފަހަރުގައި މަސްވެރިން ހަރަކާތްތެރިވަނީ
އޮޑި ދޯނި ފަހަރުގައި މަސްވެރިން ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މަސްވެރިންގެ ދުވަސް 2020
ސަރުކާރު ބަދަލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ހަފުސްވެ ވާގިނެތިފައި!
 
އައްޑޫ ފެކްޓްރީ އަޅާފައިހުރީ ބަނދަރެއް ނެތް، މަސް ނުގަނެވޭ ސަރަޙައްދެއްގަ
 
ސަރުކާރު ބަދަލުވި އިރު 50 މިލިއަނާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް މިފްކޯއިން އޮތީ ދަރާފައި
 
މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންވެސްޓްމަންޓެއް ނައިސް އެތައް ދުވަހެއް

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ދުވަސް ފާހަގަކުރަމުން ދަނީ، ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރާ "މަސްވެރިކަމުގެ ދުވަސް"ގެ ގޮތުގައެވެ. މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 40 ވަނަ އަހަރެވެ.

މަސްވެރިކަމުގެ ސިނާއަތަކީ، ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ކުރާ ކަމަކަށް ވާއިރު މަސްވެރިންގެ ޝަކުވާ އަޑުއަހައި އެކަންތައް ހައްލުކޮށްދެއްވަން ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތޯ އެއީ މިއަދުވެސް ކޮށްލަން ރަނގަޅު ސުވާލެކެވެ.

މާޒީގެ ސަފްހާތަކަށް އަލިއަޅުވާލާނަމަ، ރައީސް ޔާމީންގެ ދައުރުގައިވެސް މަސްވެރިންނަށް އެތަކެއް ވައުދުތަކެއްވިއެވެ. މިސަރުކާރު ވެރިކަމާއި ހަވާލުއިރު މަސްވެރިކަމުގެ ދާއިރާގެ ހާލަތު ވަޒަން ކޮށްލަންވެސް ދައްޗެވެ. އެކި ހަފްލާތަކަށް މަސްވެރިކަމާ ބެހޭ ވަޒީރު ރަށްރަށަށް ދަތުރުކުރެއްވި އިރު މަސްވެރިން ކުރި ތަފާތު އެކި އިހްތިޖާޖުތަކަށް ބަލާލިނަމަވެސް އެކަން ފާހަގަވެގެންދާނެއެވެ. އޭގެއިން މިސާލަކަށް، 2017 ވަނަ އަހަރުގެ އެއިރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބޭއްވި ހާއްސަ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އިހަވަންދޫއަށް ވަޑައިގަތުމުން ކުރި މުޒާހަރާއަށް ބަލާލިއަސް ފުދެއެވެ.

މިއީ، އިދިކޮޅުން ބޭއްވި ސިޔާސީ އެއްވުމެއް ނޫނެވެ. މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ސިނާއަތުގައި މަސައްކަތްކުރާ މީހުން އާދޭހާއެކު އަޑުތައް އިއްވުމަށް ބޭއްވި އެއްވުމެކެވެ. ނަމަވެސް އެފަހަރު މަސްވެރިންނަށް ދައުވަތު ނުދިންއިރު މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތެއް ނުލިބުނެވެ.

އެދުވަހު މަސްވެރިން، އާދޭހާއެކު ގޮވަމުންދިޔައީ އަތްވާއި ވާރޭގައި ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ. އެ މަސްވެރިންގެ އުދާސްތައް ބަންޑުން ކުރަމުން ދިޔައިރު އަނެއްކޮޅުން ފުލުހުން ގެންދިޔައީ މުޒާހަރާ ރޫޅާލަމުންނެވެ. އެއަށްވެސް ދިނީ ބީރުކަންފަތެކެވެ. މިއީ މާޒީގެ ސޮފްހާތަކުން ހިނގައިދިޔަ އެންމެ ކަމެއްގެ ވާހަކައެވެ. އެފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ.

އިހަވަންދޫގައި 2017 ވަނަ އަހަރު މަސްވެރިން ކުރި މުޒާހަރާ

މި ސަރުކާރު ހަވާލުވިއިރު އެ ސިނާއަތުގެ ހާލަތު އޮތް ގޮތުން، ކަންކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔައެވެ. މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންވެސްޓްމަންޓެއް ނައިސް އެތައް ދުވަހެއް ވެފައިވާއިރު މަސް ގަންނާކަށް އެކަށީގެންވާ ވަރަށް އިންވެސްޓްމަންޓެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރީ ޕްރައިވެޓް ސެކްޓަރއަށް ފަހި ގޮތަކަށްވެސް ނޫނެވެ. އެ 5 އަހަރުގައި މިފްކޯއަށް ތަރައްޤީއެއް އައިސްފައިނުވާއިރު ކުންފުންޏާއި ހަވާލުވެފައިވާ ފަރާތްތަކުގެ ފުށުން ފެނުނީ ހުސް ހިޔާނާތެވެ. އޮތީ ހުސް ކޮރަޕްޝަނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރިއަލް ރަށް ކަމަށްވާ ފެލިވަރުގެ މަސް ދޯނިފަހަރު ފިފްތު ޖެނެރޭޝަންގައި އުޅޭއިރު މިފްކޯ އޮތީ ޖަޕާނުގެ ނިޕޯން ކޯޕަރޭޝަންއާއި ދިވެހި ސަރުކާރު ގުޅިގެން 1977 ވަނަ އަހަރު އުފެއްދި ގޮތަށް އޭރުގެ ޓެކްނޮލޮޖީއާ ވަސީލަތްތަކާއެކު 42 އަހަރު ފަހަތުގައެވެ.

މިފްކޯގެ ސްޓޯރޭޖެއް ސަރުކާރު ހަވާލުވި އިރު އޮތް ގޮތް

ސިޔާސީ ބޭނުންތަކަށް މިފްކޯއަށް ނުތަކާވަރަށް މުވައްޒަފުން ވައްދާ، ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުވިޔަސް ހެޔޮ ކަމަށް އެކަންވެސް އޮތީ ކޮށްފައެވެ. މިފްކޯގެ ފަރާތުން ސިޔާސީ ސަބަބުތަކަށް އައްޑޫ ފެކްޓްރީ އަޅާފައިހުރީ ބަނދަރެއް ނެތް، މަސް ނުގަނެވޭ ސަރަޙައްދެއްގައެވެ. ފެކްޓަރީއެއް އަޅާ ނިންމާލި އިރު އެތަނަކީ ބޭނުން ކުރެވޭ ތަނަކަށް ނުވިއެވެ. އައްޑޫ ފެކްޓްރީ އޮޕަރޭޝަންގައި ނެތް ނަމަވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާޢަށް ވައްދާފައިހުރިއިރު މިކަމުން މިފްކޯއަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކުންފުނި އޮތީ ލޯނުން ފުރި މަސްވެރިންނަށް ދޭންޖެހޭ ލާރި ނުދެވި ކަރުތާފެނުގައެވެ. ސަރުކާރު ބަދަލުވިއިރު، މިފްކޯއިން މަސްވެރިންނަށް 50 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް ދަރާފައި އޮތެވެ. ކޫއްޑޫ އަދި ފެލިވަރުގެ މަސް ބަންދުކުރަން އެކަށީގެންވާ ޖާގައެއް ނެތް ތަނުގައި މަސްވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތް ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަސީލަތެއް ނެތެވެ. ދެރަށުގެ ބަނދަރުގެ ދަތިކަން އިންތިހާއަށް އޮތެވެ. މަސްވެރިންނަށް އެކަށީގެންވާ މިންވަރަށް އައިސް އެއް ނުލިބެއެވެ. ކަނޑުއޮތްގިރި މިފްކޯ ފެސިލިޓީގައި މަސް ގަތުން އޮތީ ހުއްޓާލަފައެވެ. ބޮޑު ކަންނެލި މަސްވެރިކަމުގައި ބާނާ މަސް ގަންނަ ސަރުކާރުގެ ފެސިލިޓީއެއް ނެތެވެ. ކަޅުބިލަ މަސް ގަނެ އެކްސްޕޯޓްކުރުމުގެ ހުއްދަ ދިން ހުރިހާ ފަރާތުން މަސް ގަންނަމުންދިޔައީ އެންމެ ފަރާތެކެވެ.

ސަރުކާރު ހަވާލުވި އިރު މަސްކިރާ ބޯޓުފަހަރުގެ ހާލަތު

މި ސަރުކާރު ހަވާލުވި އިރުމ މިފްކޯއިން މަސް ގަންނަމުން ދިޔައީ ބޭރުގެ ބާޒާރާއި ނުބައްދަލު އަގުގައި ގެއްލުމުގައެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތެއް އައީ ވަމުންނެވެ. އަދި، މަސް ގަންނަ އެންމެ ދަށް އަގެއްގެ މުރާޖަޢާ ނުކޮށް ދިގު މުއްދަތެއް ފާއިތުވެގެން ދިއުމާއެކު ގެއްލުންވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެންމެ ފަހުން ފްލޯ ޕްރައިސް މުރާޖަޢާކުރި ކަމަށް ވަނީ 2013 ގައެވެ.

ނިމިދިޔަ ސަރުކާރުން ވައުދުވީ ގޮތައް މަސްވެރިންނަށް ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާ ދިނުމުގެ ބަދަލުގައި ހަގީގަތުގައި ދިނީ ހުސް އަނިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
20%
0%
20%
20%
0%
40%
ކޮމެންޓް
11 ޑިސެންބަރ 2020 | ހުކުރު 16:25
މަސްވެރިޔާ
ކޮންޕިއުޓަރެއްގެ ކައިރި ހަބަރުލިޔަން އިންނަ ބީތާޔަކަށް ނޭންގޭނެ މަސްވެރިން އުޅޭ ހާލެއް، ލާދީނީ ފިތުނަ ބައިގަނޑާ 🙄