ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 13:04
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ
އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާ
ރުޤްޔާ ކުރަންވާނީ އަމާނާތްތެރިން: ޚުތުބާ
 
އިސްލާމްދީންގެ ނަން ކިލަނބުވާގޮތަށް ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރު ވެރިންނަށް ވަނީ ގޮވާލާފައި
 
ރުޤްޔާ ކުރުމުގައި ޝަރްޢީ މިންގަނޑުތަކަށް ޙުރްމަތްތެރިކޮށްހިތަން ޖެހޭނެ
 
ބަލިތަކަށް ފަރުވާކުރުމުގައި ރުޤްޔާ ކުރުން ހިމެނޭ

މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ބަލިތަކަށް ފަރުވާކުރުމަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ﷲ ސުބުހާނަހޫ ވަތަޢާލާ ބަލިތައް ލައްވާފައިވާ ފަދައިން، އެ ބަލިތަކުގެ ޝިފާވެސް ލައްވާފައިވާ ކަމަށާއި ބަލިތަކަށް ފަރުވާކުރުމުގައި އަޅުގަނޑުމެން ހިފަން ހުރި ގޮތްތަކުގެ ތެރޭގައިރުޤްޔާ ކުރުން ހިމެނޭ ކަމަށެވެ.

ރުޤްޔާ ކުރުމަކީ އެކަމުގެ ޢިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަކަމެއް ކަމަށާއި ޝަރުޢީ ހަމަތަކުގެ މަތިން، ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭ ކަމަށެވެ.

އެހެންކަމުން މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭކަމަށް ހުތުބާގައި މީސްތަކުންނަށް ގޮވާލިއެވެ. ނަމަވެސް ކަމުގެ ޞައްޙަ މަޢުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދާފައިވާ ކަމަށް ހުތުބާގައިވެއެވެ.

ރުޤްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށައިފި. ރުޤްޔާކުރުމުގެ ނަމުގައި ބަލިމީހާޔަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮންގެން ނުވާނެ.
ހުކުރު ހުތުބާ

ސިހުރު ހާހޫރަ އާއި، ޙަސަދަ އާއި، އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ޝަރުޢީ ރުޤްޔާއަކީ އެންމެ އެކަށީގެންވާ ފަރުވާކަމާ މެދަކު ޝައްކެއްނެތް ކަމަށެވެ. ރުޙާނީ ގޮތުން ކުރިމަތިވާ މި ފަދަ ބަލިތަކަށް ރުޤްޔާއިން ފަރުވާ ހޯދިދާނެ ކަމަށާއި ރުޤްޔާ ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުޠުތަކާއެކު ހުއްދަކަމެއް ކަމުގައި ވީނަމަވެސް ގިނަ ފަހަރަށް މުޖުތަމަޢުގައި ކަން ހިނގަނީ އެހެން ނޫން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ރުޤްޔާ ކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ޙުރްމަތްތެރިކޮށްހިތަން ޖެހޭނެ ކަމަށާއި ނަމަވެސް ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިޙުރު ބާޠިލުކުރުމުގެ ބަހަނާގައި މަޙްރަމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެ ކަނބަލުންނަށް ޖިންސީ ގޯނާކުރުމުގެ ޝަކުވާތައް އާންމުވަމުންދާ ކަމަށެވެ.

ރުޤްޔާ ކުރުމަށްޓަކައި ޤުރްއާން ކިޔަވައި އަންހެނާ ގަޔަށް ފުމެލުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެނަސް އަންހެނަކަށް ނުވަތަ މަޙުރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އަދި މަޙްކަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެން ނުވާނެ ކަމަށާއި އޭނާގެ ޙިޖާބު ނަގައިގެން ނުވާނެއެވެ. އެފަދަ ޙާލަތުގައި އަންހެނަކު ނުވަތަ މަޙްކަމަކު ލައްވައި ރުޤްޔާކުރުން ނުވަތަ އަންހެނާ އަމިއްލައަށް ރުޤްޔާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. މިގޮތުން، ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ، ނުވަތަ އިސްތައްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީވެސް ރުޤްޔާ ކުރުމުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާ ކަންކަން ކަމަށް ހުތުބާގައިވެއެވެ.

މީގެ އިތުރުން ފާލުބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނިޝައިޠާނުން ވައްދައި އެ ޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެއިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްޢީރުޤްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އެކަންކުރުމަކީ ޙަރާމްކަމެއް ކަމަށް ހުތުބާގައިވެއެވެ.

ޝަރުޢީ ގޮތުން ހުއްދަ ވަސީލަތްތަކުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މަކަރުވެރި ކެހިވެރި ރޭވުންތަކުގެ ތެރެއިން ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާ ހަދައިގެން ނުވާނެ ކަމަށް ހުތުބާގައިވެއެވެ.

މީސްތަކުންގެ ކަންކަން މިފަދައިން ހުރެއްޖެނަމަ އެ މުޖުތަމުއެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށް ހުތުބާގައި ބަޔާންކުރިއިރު، ފަސާދަ އާންމުވެ މުޖުތަމައު މިހާރު މިއޮތް ހާލަތަށްވުރެ ނުބައި ހާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި، އިލްމުވެރިންނާއި، މުރައްބީންނާއި މައިންބަފައިން މިކަމާއި މެދު ވިސްނާ ފިޔަވަޅު އެޅުމަށް ގޮވާލިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް