ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 21:14
މަސްތުވެގެން ބިތް ޖެހިފައި ތިބި ދެ ޒުވާނުން
މަސްތުވެގެން ބިތް ޖެހިފައި ތިބި ދެ ޒުވާނުން
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ ދުނިޔެ
މަސްތުވެ، ބިތްޖެހުނު މި ދެ މީހުންގެ އުދާސްތައް އަޑުއިވޭތަ؟
 
ހައްލު ހޯދަން މުޅި ދައުލަތް އެކީގައި މަސައްކަތް ކުރަން ޖެހޭ
 
މަސްތުވާތަކެތި ފަސޭހައިން ލިބެމުންދާ ކަމަށް އެމީހުން ބުނޭ
 
ބޭނުންވަނީ ރަނގަޅުވާން، އެކަމަކު އެ މާހައުލެއް ނެތް

މ. ބްރައިޓް ފްލަވާއަށް ފުލުހުންގެ އޮފިސަރުންނާ އެކު ރާއްޖެޓީވީގެ ކްރޫން ވަނީ ފުލުހުން ހިންގާ މަސްތުވާތަކެތި އޮޕަރޭޝަން ގައި ހަރަކާތްތެރިވާށެވެ. އަޅުގަނޑު އެގެއަށް ވަންނަން ދިޔައިރު ގޭގެ ދޮރުގައި ދޮރުފަތްވެސް ހަރުކޮށްފައި ނެތެވެ. އަނދިރިކަމުން ލައިޓް އަޅުވައިގެން ފުލުހުންގެ އޮފިސަރުންނާ އެކު އަޅުގަނޑުވެސް އެ ގޭގެ އެތެރެއަށް ހިނގައިގަތީމެވެ. ގެއަށް ވަންނަ ދޮރުގެ ކަނާތް ފަރާތުގައި ކޮޓަރިއެއް ހުއްޓެވެ. ނަމަވެސް ފުލުހުންގެ މިސްރާބު ހުރީ އެގޭގެ އެންމެ ކަނަށް ހުރި ކޮޓަރިއާ ދިމާލަށެެވެ. ގޭގެ ފާރުތަކުގެ ކުލަވެއްޓި ރީތިކަން ވަނީ ގެއްލިފައެވެ. ފަޅުކަން ވެރިވެފައި އޮތް އެ ގޭގެ އެތެރެ އަށް ހިނގައިގެންއިރު ފެން މޯޓަރު ކައިރީ ކުޑަ ބޮއްކެއް ދިއްލާފައި ހުއްޓެވެ.

ފާރުގެ އެކި ދިމަ ދިމާލުގައި މާކަރަކުން އިނގިރޭސި ބަހުން އެއްޗެހިތަކެއް ލިޔެފައިވެސް ހުއްޓެވެ. މަޑުން މަޑުން ގޮސް ފުލުސް އޮފިސަރު އެ ކޮޓަރިއާ މާ ދުރުނޫން ހިސާބުގައި މަޑުކޮށްލިއެވެ. ކޮޓަރީ ގައި އަލިކަމެއް ހުރުމުން އެ ތަނުގައި ބަޔަކު އުޅޭހެން ހީވެގެން އޮފިސަރު މަޑު މަޑުން އަތުގެ އިޝާރާތުން ކެމެރާމަން އަށް ގޮވައިލިއެވެ. އޮފިސަރުގެ ފަހަތުން ފެންނަނީ ބާވެފައި ހުރި ލަކުޑި ކުޑަ ދޮރެކެވެ.

މ. ބްރައިޓް ފްލަވާ ތެރެއަށް ފުލުހުން ވަންނަނީ. ފޮޓޯ: ރާއްޖެ.އެމްވީ

ފުލުހުންގެ އިޒުނައާއެކު، މަޑު އަލިކަމެއް ފެންނަން ހުރި އެ ކޮޓަރި އަށް އަޅުގަނޑުވެސް ވަނީމެވެ. އެއްވެސް ތަރުތީބެއް ނެތި އެކި ތަންތަނަށް އެއްޗެހި އުކާލާފައި އޮތް އެ ކޮޓަރި ތެރޭގައި ހަ މީހަކު ތިއްބެވެ. އެތެރެ އަށް ވަންއިރު ހުތް ވަހެއް ވައިގެ ތެރޭގައި ހުއްޓެވެ. މަސްތުގެ ދުން އެތަނުން ބޭރު ނުވެވި ވައި ދައުރުވާނެ ގޮތެއްވެސް ނެތެވެ.

ކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ހުރި ޓައްޕު މަތީގައި ހުސްކޮށްފައި ހުރި ޕްލާސްޓިކް ޖޯޑަކާއި އެ ޖޯޑު ވަށައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއްމުކޮށް ގެންގުޅޭ ފޮއިލް އާއި ކަރުދާސްތައް ހުއްޓެވެ. ފުލުހުންގެ ބާރުގެ ދަށަށް އެތަން ގެނައިރުވެސް ކުލަ ޓައްޕު ވަށައިގެން ހަތަރު މީހަކު ތިއްބެވެ. އެކަކު އިނީ ޓައްޕެއްގެ މަތީގައި ހުރަހަށް ފިލާގަނޑެއް އަޅައިގެންނެވެ. ފުލުހުން ހަރަކާތްތެރިވާން ފެށުމާއި އެކު އެވަގުތު އެ މީހުން ކައިރީ ކޮޅަށް ތިބި މީހުންގެ ތެރެއިން ދެ މީހަކު މަޑު މަޑުން ދުރަށް ޖެހިލިއެވެ. އެކަމަކު އިށީންދެގެން ތިބި މީހުންގެ ހަރަކާތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އެ ކޮޓަރި ތެރެއިން އަޅުގަނޑުގެ ނަޒަރު ހުއްޓުނީ، އެންމެންނާ ވަކިން އެތަނުގައި ބާލީހެއް މަތީގައި އިސްޖަހައިގެން އިން ޒުވާނަކާއި ދިމާލަށެވެ. ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ ޒުވާނާ ކައިރި ކޮޅަށް ތެދުވެ މާސްކު އަޅާށޭ ފުލުހުން ބުނުމުން އޭނާވެސް ދެން ތިބި މީހުންނާ އެކު ފުލުހުން އެންގި ގޮތަށް ސަފުގައި ހުއްޓިލައިގެން އިސްތަށިގަނޑު ހާވާލަ ހާވާލަ ހުއްޓެވެ. ފުލުހުންގެ ހުއްދައާ އެކު ޒުވާނާއާ ބެހޭ އިތުރު މައުލޫމާތު ހޯދަން އަޅުގަނޑު އޭނާގެ ގާތަށް ޖެހިލީމެވެ.

ކޮޓަރި ތެރޭގައި ހުރި ކުލަ ޓައްޕުގެ މަތީގައި މަސްތުވާތަކެތި

މައުލޫމާތު އޮޅުން ފިލުވަން ވެގެން ތިއީ ކޮން ނަމެއް ކިޔާ މީހެއްތޯ އަޅުގަނޑު ސުވާލު ކުރުމުން އެއްވެސް ހާސްކަމެއް ނެތި ޖަވާބުދޭން ފެށިއެވެ.

ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނާ މަސްތުވާތަކެތީގެ ޝިކާރައަކަށްވީ އެންމެ 17 އަހަރުގައެވެ. އޭނާގެ ބަހުންނަމަ އެކަމުގެ ތެރެއަށް ވަދެވުނީ ދިމާވީ ރައްޓެހިންގެ ސަބަބުންނެވެ. ''ތެޔޮ ވިއްކަމުން، ބިޑި ބޮމުން އުޅެނިކޮށް'' އޭނާ ބުންޏެވެ. ''އައްޑާގެ'' ތެރޭގައި އިން މި ޒުވާނާ، ފަރުވާ އަށް ފަހު ރިހެބުން ދޫކޮށްލިތާ އަދި ވީ ތިން މަހެއްހާ ދުވަހެެވެ. އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ ފަސޭހައިން ލިބޭތީ ކަމަށް މަޑު މަޑުން އިސް ޖަހައިގެން ހުރެ ކިޔައިދޭން ފެށިއެވެ.

'' ކްރޭވިންގްސް އަށް ޑީލްކުރަން ނޭނގުނީ.''އޭނާގެ ވާހަކަ ކުރިޔަށް ދިޔައެވެ.

އާއިލާގެ ލޯބި ލިބިގެން ބޮޑުވި ޒުވާނާ އޭނާގެ ޅަ އުމުރު ގައި މަސްތުވާތަކެތީގެ ބަނަ ދުނިޔެ ތެރެއަށް ގެއްލުނު ގޮތަށް އާއިލާއާ ވެސް ދުރުވީއެވެ. އޭނާ ބުނީ، ފަރުވާ އަށް ފަހު އާއިލާ މީހުންނާ މައްސަލަޖެހި މިހާރު އޭނާ އަކީ ވަންނާނެ ގެދޮރެއް ނެތް މީހެއް ކަމަށެވެ. އޭނާ ބޯހިޔާވަހިކަން ހޯދަނީ މަސްތުވާތަކެތީގެ ކޮންމެވެސް ''އައްޑާ'' އެއްގެ ތެރޭގައެވެ. އެޒުވާނާ ބުނި ގޮތުގައި އާމްދަނީ ހޯދަނީ ކޮންމެވެސް މަސައްކަތެއް ކޮށްގެންނެވެ. ނަމަވެސް މަސައްކަތަކީ ކޮބައިިކަން ސާފުކޮށެއް ނުދެއެވެ. އޭގެ ތަފްސީލު އަަކަށްވެސް ނުދިޔައެވެ.

މިތަނުގެ ތެރެއަށް ވަންއިރު އެ ޒުވާނާ ހުރި ބާލީހެއްގައި މަތީގައި ހަމަޖެހިލައިގެން އިށީންދެގެން. ފޮޓޯ: ރާއްޖެ.އެމްވީ

ފަރުވާ އަށް ދިޔުމުގެ ކުރިން ޑައިވިން ކޮށް އުޅުނު ކަމަށް އޭނާ ބުންޏެވެ. ހަމަޖެހިލައިގެން ވާހަކަ ދައްކަމުން ދިޔަ ޒުވާނާގެ އަޑަށް ކުރަކި ކަމެއް އައީ އޭނާގެ ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސަނީ ކިހިނެތްތޯ ސުވާލު ކުރަމުންނެވެ. ބޯ ހިއްލާލާފައި އޭނާ ބުނީ ''ކަނީ ލިބޭ ވަރަކުން'' ކަމަށެވެ. ދުވާލެއްގެ މައްޗަށް އެއް ފަހަރު ކާންޖެހޭ ހާލަތުވެސް ދިމާވާ ކަމަށް ޒުވާނާ ބުންޏެވެ. ނަމަވެސް މަސްތުވާތަކެތި ގަންނަން އެންމެ މަދުވެގެން 500 ރުފިޔާ ދުވާލެއްގެ މައްޗަށް އޭނާ ހޭދަކުރެއެވެ. އޭނާގެ ވާހަކައިން ފާހަގަވި އެއްކަމަކީ ލިބޭ ފައިސާއިންވެސް ކެއުމަށްވުރެ އޭނާ އިސްކަން ދެނީ މަސްތުވާތަކެއްޗަށްކަމެވެ.

މ. ބްރައިޓް ފްލާވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަނުގައި ތިބި މީހުންގެ މައުލޫމާތު ފުލުހުން އެއްކުރަނީ. ފޮޓޯ: ރާއްޖެ.އެމްވީ

މިހާރު އަަޅުގަނޑު ހުއްޓިލައިގެން މިހުރީ ފާށަނާ މަގުގެ ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ގ. ފްރެޝް ލައިޓްގެ ކޮޓަރިއެއްގެ ތެރޭގައެވެ. އެކޮޓަރި ތެރޭގައި ހުރި ނ. އަތޮޅު މީހަކު ދައްކަމުން ދިޔަ ވާހަކަ އަށް ކަނުލާ އަޑުއަހާށެވެ. މަސްތުވާތަކެތިން ހާލި ހަދާފައިވާ މި ގެ ބަލާ ފާސްކުރުމުގައި ފުލުހުން އުޅެނީ އަވަދިނެތިކޮށެވެ. އިސްތަށިގަނޑު ދިގުކޮށް ކަރުގައި އެކި ޒާތްޒާތުގެ ފަށް އަޅައިގެން، އެވަރުން ނުވެގެން ދެ އަތު ކުރީގައި އެކި ކުލަ ކުލައިގެ ކެވެއްޔާއި، ގަހަނާ އަޅައިގެން ހުރި، އުމުރުން 39 އަހަރުގެ މި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލީތާ އަދިވީ އެންމެ ހަތަރު ދުވަހެވެ. އޭނާއަކީ ޅައުމުރުގައި މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ދެވި ހިފާފައިވާ މީހެކެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން މާލެ އައި މި މީހާ އަކީ ކުރިން ރިސޯޓުތަކުގެ އިތުރުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން އައި މީހެކެވެ. މިހާރު އާމްދަނީ ހޯދަނީ، މި ވަބާގައި ޖެހިފައި ތިބޭ އެހެން މީހުން ގޮތަށް އެމްޕީއެލް ސަރަހައްދުން ފޮށިގަނޑު އުފުއްލައިގެންނާއި، މަޖޫރީއެއްގެ ގޮތުގައި ތަފާތު އެކި މީހުންގެ ވިޔަފާރިތަކަށް ބޭނުންވާ ގުލާނު މަސައްކަތް ކޮށްދީގެންނެވެ.

ދެއަތް މައްޗަށް ލައިގެން ހުރި ނ. އަތޮޅަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މީހާ. ފޮޓޯ: ރާއްޖެ.އެމްވީ

އޭނާ ބުނީ، އާއްމު ގޮތެއްގައި މަސްތުވާތަކެތީގެ ގޮތުގައި ބޮޑަށް ބޭނުންކުރަނީ ''ހިކި'' މަސްތުވާތަކެތި ކަމަށެވެ. ދިޔާ ތަކެއްޗަށްވުރެ ބޮޑަށް ހިކި މަސްތުވާތަކެއްޗަކީ ދެވިހިފާ ޒާތުގެ މަސްތުވާ ތަކެއްޗެވެ. އެއީ އެ ބޭނުން ކުރުމުން އެއާއި ނުލާ އުޅުން ދަތި އެއްޗެކެވެ. ދިރިހުރެވޭނީ އެ ބޭނުންކޮށްގެން ކަމަށް އެ މީހުންނަށް ވިސްނިފައިވެއެވެ. މީހުން ބުނާތީ އަޑުއިވެއެވެ. ކަށީގަ ހިފައިފި ކަމެއް ހުއްޓާލަން އުނދަގޫވާނެ އެވެ. ހަމަ އެބީދައިން މި މީހާވެސް ކަަށީގައި ހިފާފައި ހުރުމުން ދުވާލަކަށް މަސްތުވުމައް 1500 ރުފިޔާ ހޭދަކުރާ ކަމަށްވެއެވެ.

މަސްތުވާތަކެތިގެ ވަބާއަށް ގެނބިފައިވާ މި ދެމީހުންގެ ވާހަކައިގައިވެސް ހަގީގަތްތަކެއް އެކުލެވެއެވެ. އަދި އެއާއި ދެކޮޅު ހަގީގަތާއި ޚިލާފް ވާހަކަތަކެއްވެސް ހުރެދާނެއެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ މި ދެ މީހުންގެ ވާހަކަތަކުން ހާމަވަނީ ނިޒާމު ފެއިލް ވެފައި އޮތް ކަމެވެ.

މަސްތުވާތަކެތީގެ ދޮރުތައް ބަންދުކުރަން ވައުދުވެ އެ ވަބާގައި ޖެހުނު މީހުން އެނބުރި މުޖުތަމައު އަށް ގެންނާނެ ކަމަށް އަޅުގަނޑުމެންނަށް ކުރެވުނީ ކުށް ހީ އެކެވެ. ބިލާހަކަށްވުމާއި ގާތަށް މިއަދު މިވަނީ ގޮސްފައެވެ.

މަސްތުވާތަކެއްޗަށް ހުޅުވުނު ދޮރުތައްވެސް ބަންދެއް ނުކުރެވުނެވެ. ފަރުވާ ވެސް ފުރިހަމަ އެއް ނުކުރެވުނެވެ. އަދި ފަރުވާ ހޯދައިގެން މުޖުތަމައުންވެސް އެކަން ބަލައި ނުގަތެވެ. ގާނޫނު ތަކުގައި އިޖުރާތްތަކުގައި މިކަން ތަފްސީލުކޮށް ލިޔުނު ނަމަވެސް ތަންފީޒު ކުރުމުގައި ނިޒާމު މިވަނީ ފެއިލްވެފައެވެ. އެ ޒުވާނުން ހަށިގަނޑުގައި އެ އަޅާ ވޭން އަޅުގަނޑުމެންނަށް އިހްސާސް ނުވެދާނެއެވެެ. އެމީހުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ނަަފްރަތު އަޅުގަނޑުމެންނަށް އަމާޒުނުވެ ހިނގައިދާނެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންކުރާ މަސައްކަތަށް މަދަދުވެރިކަން ފޯރުކޮށްދޭ މީހުން މިއަދަކު ފެންނާކަށް ނެތެވެ. މުއައްސަސާތައް ގަދަ ނިދީގައި ތިއްބާ ޒުވާނުންތަކެއް ހަލާކުވެގެން އެދަނީއެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މި ދެމީހުންވެސް، އަދި ދެން ތިބިމީހުންވެސް ބޭނުމެވެ. މުޖުތަމައު ބަލައިގަންނަ ބަޔަކަށްވާން އެމީހުންގެ އަޒުމް އެބަހުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
6%
0%
77%
6%
4%
8%
ކޮމެންޓް
5 ޑިސެންބަރ 2020 | ހޮނިހިރު 14:08
ހަމްދު
ވ ރަނގަޅު ވާހަކައެއް...މިގައުމުހާ ފަސޭހައިން މަސްތުވާތަކެތި ލިބޭ ގައުމެއް އޮންނާނެހެން ހިއެއްނުވޭ...ގައުމުގެ މައިދޮރާށީގައި ގައުމަށް ހެޔޮއެދޭ އިޚްލާޞްތެރިން ނުހިމެނޭހާ ހިނދަކު ތިކަމެއް ނުހުޓޭނެ،،،،،،
4 ޑިސެންބަރ 2020 | ހުކުރު 19:18
ރާގުންޑާ
ނީވޭ. ނުވެސް އިވޭނެ. ނުވެސް އަހާނަން. ނުވެސް ކިޔާނަން. ކަލޭމެން އަޑުއަހާ. ކަލޭމެންގެ ބައިވެރިން އެއީ.
4 ޑިސެންބަރ 2020 | ހުކުރު 00:11
ޕާޓޭ ގެ ބަފާ
އަހަރެމެން ބޭނުމެއްނޫން އުދާސްތަށް އަޑުއަހާކަށް މޮޅުކަމެއްތިކުރެވެނީ ގައްޑާ ވާންވެގެން. މީހަކުހެޔޮނަސޭހަތެއްދިނަސް އެމީހަކަށް މަލާމާތް ކުރާނެ ކާކަށްދެރަވާނީ ދެންތި ބޭ ބޯލަ ބޯލަ
3 ޑިސެންބަރ 2020 | ބުރާސްފަތި 23:57
އަށްޔަ
ކާކު ބުނީ މަސްތުވެގެން ބިތްޖެހިފަ ތި ބެން ހޭ ބަލިވެގެން ގަނެގެން ބޯންތީދޯ ބޮޑުންނަށް ތީގެވިޔަފާރިކުރެވެނީވެސް ލާހިކެއްނޫން މަށައްތިވިއްކާކަށް 1ލާރިޔަށްވެސް ނުގަންނާނަން