ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 08:13
ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ހޯމަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން
ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ހޯމަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން
އޭޕީ
ޕާކިސްތާނުގައި މުޒާހަރާކުރުން
އިމްރާން ހާންގެ އިސްތިއުފާއަށް ގޮވާލާ ޕާކިސްތާނުގައި މުޒާހަރާކުރަނީ!
 
ނަވާޒް ޝަރީފްގެ ދަރިކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި
 
ކޮވިޑަށް ބެލުމެއް ނެތި މުޒާހަރާކުރާނެ ކަމަށް އިދިކޮޅުން ބުނޭ
 
އިމްރާން ހާންގެ ސަރުކާރަކީ ނާގާބިލް ސަރުކާރެއް: އިދިކޮޅު

މީހުން އެއްވުން މަނާކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލި އެކްޓިވިސްޓުން ތަކެއް ހައްޔަރު ކޮށްފައި ވަނިކޮށް ބޮޑުވަޒީރު އިމްރާން ހާންގެ އިސްތިއުފާ އަށް ގޮވައި ޕާކިސްތާނުގައި މުޒާހަރާކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު މަގުތަކަށް ނިކުތް މީހުން ވަނީ އިމްރާން ހާންގެ ސަރުކާރަކީ ނާގާބިލް ސަރުކާރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުލްތަން ސިޓީގެ މަގުތަކަށް މީހުން ނިކުމެ ރެލީ ބާއްވާފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނިކޮށް މަގުތަކަށް ނިކުތް ބަޔަކު ހައްޔަރުކޮށް އެއްވުންތައް ސަރުކާރުން މަނާކޮށްފައި ވަނިކޮށެވެ. ކޭސްތަކުގެ އަދަދު އިތުރުވުމުން ރެލީތައް ބޭއްވުން ސަރުކާރުން ވަނީ މިދިޔަ މަހު ކުރީކޮޅު މަނާކޮށްފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޕާކިސްތާނުން ކޮވިޑްގެ އައުޓް ބްރޭކް އެއް ފެނުނު ހިސާބުން ފެށިގެން މިހާތަނަށް ތިންލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 8،025 މީހަކު ވަނީ މަރުވެފައެވެ.

މިހާރު ބާއްވާ ރެލީ ތަކަކީ 2018 ވަނަ އަހަރުގެ އިންތިހާބު ސިފައިން މެދުވެރިކޮށް އޮޅުވާލާފައިވާ ކަމަށް ބުނެ އިމްރާން ހާން މަގާމުން ދުރުކުރަން އިދިކޮޅުން ބާއްވާ ރެލީތަކެކެވެ. ހޯމަ ދުވަހުގެ އެއްވުމު ގައި 370 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން ބުނަނީ ހައްޔަރުކުރި މީހުންގެ އަދަދު އުޅެނީ 1800 ގައި ކަމަށެވެ. މުލްތަން ސިޓީގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ މޯބައިލް ނެޓްވޯކް ކަނޑާލާފައެވެ.

އިދިކޮޅުން މުޒާހަރާ ބާއްވަން އޮތް މަގުތަކުގައި އާދިއްތަ ދުވަހުގެރޭ ސިފައިންގެ ފައުޖުތަކުން ވަނީ ބޯޓުގެ ކޮންޓެއިނަރު ޖަހާ މަގު ބްލޮކް ކޮށްފައެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ބޯނުލަނބާ އިދިކޮޅު މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ހުރަސް ކުރަން އުޅެނިކޮށް ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ބަޔަކު ހައްޔަރުކުރި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީގެ ދަރިކަލުން މޫސާ ގިލާނީވެސް ހިމެނިވަޑައިގަންނަވައެވެ. ރެލީގެ ކުރިން ސަރުކާރުގެ ތަރުޖަމާނު ފިރްދައުސް އަޝިގް އަވަން ވަނީ، އިދިކޮޅުން މީހުންގެ ފުރާނައަށް ބެލުމެއްނެތި ސިޔާސީ ކަންތައްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައެވެ.

ރެލީގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަރިކަލުން މަރިޔަމް ނަވާޒް ވިދާޅުވީ، ހައްޔަރުކޮށްފާނެތި ބިރު ނުގަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިމްރާން ހާންގެ ސަރުކާރު ވެރިކަމުގައި ނޯއްނާނެ ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީގެ މައި ލީޑަރު ފަޒަލް-އުރް- ރަހްމާން ވިދާޅުވީ، އިމްރާން ހާންގެ ސަރުކާރަކީ އެ ވައިރަސް އަށް ވުރެ އެ ގައުމަށާއި، ގައުމުގެ އިގްތިސާދަށް އޮތް ނުރައްކަލެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް