ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 19:42
ބްރައިޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ބްރައިޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހު ވަގުތު ބްރައިޓަނުން ލިވަޕޫލް ހިފަހައްޓައިފި
 
ލިވަޕޫލް އެއްވަނައިގައި އޮތީ 21 ޕޮއިންޓާއެކު
 
ބްރައިޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ބްރައިޓަނުން ފަހު ވަގުތު ލިވަޕޫލާ އެއްވަރުކޮށްފިއެވެ.

ބްރައިޓަނުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގެ 10 ވަނަ މިނެޓުގައި ބްރައިޓަނުގެ އާރޮން ކޮނޮލީއަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ކޮނޮލީއަށް ލިވަޕޫލުގެ ނީކޯ ވިލިއަމްސް ކުރި ފައުލަކަށް ރެފުރީ ބްރައިޓަނަށް ޕެނަލްޓީއެއް ދިން ނަމަވެސް، ނީލް މޯޕޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އަދި ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހު ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މެޗުގެ 60 މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ސަލާހު ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޔޮޓާއެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަޑިއޯ މާނޭ ލިވަޕޫލަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް، ވީއޭއާރުން ނިންމީ އެ ލަނޑުވެސް އޮފްސައިޑް ކަމަށެވެ.

މެޗުގައި ބްރައިޓަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަސްކަލް ގްރޮސްއެވެ. މިއީ އޭރިއާ ތެރެއިން ބްރައިޓަނުގެ ޑެނީ ވެލްބެކަށް ލިވަޕޫލުގެ އެންޑީ ރޮބަޓްސަން ކުރި ފައުލަކަށް ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗު އެއްވަރުވި ނަމަވެސް، ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައިގައި ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ނުވަ މެޗުން ވަނީ 20 ޕޮއިންޓް ލިބިފައެވެ. އަދި ލިވަޕޫލާ އެއްވަރުކުރި ބްރައިޓަން އޮތީ ތާވަލުގެ 16 ވަނައިގައި 10 މެޗުން 10 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް