އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
އޮޅުވާލައިގެން ހިއްސާ ބަދަލުކުރި މައްސަލަ

ކުރީގެ ވަޒީރުން ޝާމިލުވާ ރިސޯޓް ހިއްސާ ބަދަލުކުރުމުގެ މައްސަލަ ބެލޭނެކަމަށް ނިންމައިފި

  • ޔާމީން ސަރުކާރުގައި މި މައްސަލަ ކޯޓަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލި
  • ހިއްސާ ބަދަލުކޮށްފައިވަނީ 13 ނޮވެމްބަރު 2016 ގައި، މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވޭ
  • ނ. ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކޮށްފައިވަނީ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް

ކ. މާލެ | 28 ނޮވެންބަރ 2020 | ހޮނިހިރު 18:17 | 14,260

ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދުއާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު - ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ނ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔަ ކުންފުންޏެއްގެ ހިއްސާ އޮޅުވާލައިގެން ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މައުޟޫއީ ގޮތުން ބެލޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ނޮވެމްބަރު 25 ގައި ސިވިލް ކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމުގައިވަނީ، މި މައްސަލައަކީ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑުގައިވާ ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ބަދަލުކޮށް، 13 ނޮވެމްބަރު 2016 ގައި އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ ޒެން ރިސޯޓް ކުންފުނީގެ ހިއްސާގެ މުއާމަލާތަކީ ބާޠިލް މުއާމަލާތެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަަލައެއް ކަމަށެވެ.

މި މައްސަލަ ރައްދުވާ، ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ކުންފުންނާއި ޕޮލެންޑްގެ 4 ރައްޔިތެއްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަަމަށް ބުނެ ފާހަގަކުރި އިޖުރާއީ ނުކުތާއާއި ގުޅިގެން ސިވިލް ކޯޓުން ނިންމީ މައްސަލަ ބެލޭނެކަމަށެވެ. އެގޮތުން މި މުއާމަލާތާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅޭނީ މި މައްސަލަ މައުޟޫއީ ގޮތުން ބަލައިގެންކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ ނިންމުގައި ވަނީ "ދައުވާ ލިބޭ ފަރާތްތަކުން ނަގާފައިވާ އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، މިމައްސަލަ މައުޟޫއީ ގޮތުން ބަލައި މި މުއާމަލާތާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ހުރަސްއެޅޭފަދަ ކަންތައްތަކަކަށްނުވާތީ، މި މައްސަލަ މައުލޫއީ ގޮތުން ބެލުމަށް ހުރަހެއް ނެތްކަމަށް ނިންމައި، މިމައްސަލަ މައުލޫއީ ގޮތުން ބެލުމަށް ނިންމާ" ކަމަށެވެ.

ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއާ ގުޅިގެން އެފަރާތުން ފާހަގަކޮށްފައި ވަނީ، ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާ އެއްގޮތަށް، ކުންފުނީގެ ހިންގާ ގަވާއިދުގެ ދަށުން، ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިޒުނައާއެކު ކޮށްފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ ބަދަލުތައް ގެނައިކަން ދަޢުވާ ކުރާފަރާތަށް އެނގި އެކަމާމެދު މައްސަލައެއް ޖައްސާފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ދަޢުވާލިބޭ ފަރާތްތަކުން ޤާނޫނާ ޚިލާފަށް ކުރިކަމެއް ސާބިތުކޮށްނުދީ، މުޢާމަލާތްތައް ބާޠިލުކުރުމަށް ހުށަހެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެފައިވެއެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ހިއްސާ ބަދަލުކުރުން ބަލައިގަނެފައިވާއިރު، ދައުލަތުގެ އިދާރާއަކުން ޤާނޫނާ ޚިލާފުކަމެއް ކުރިނަމަ، އެކަންކުރުވުމަށް ދަޢުވާކުރާ ފަރާތްތަކުން ކުރިކަމެއްވެސް ބަޔާންކުރުމެއްނެތި ހުށަހަޅާފައިވާ މި މައްސަލައަކީ، މިހާރު އުފަންކުރުވަން އުޅޭ މައްސަލައެއްކަމަށް ދައުވާ ހުށައެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި ދައުވާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މއ. ރެޑްހެވަން، މާލެ، މުޙައްމަދު ޞަދީފް އާއި ޕޮލެންޑްގެ 2 ރައްޔިތެއް ކަމަށްވާ، އާރކާޑިއުސް މާޗެއި މެޖެސްކީ އަދި އިއަނާ ޑޮމިނިކާ މެޖެސްކާ އެވެ. މި މައްސަލައިގައި ޕޮލެންޑުގެ އިތުރު ދެ ރައްޔިތެއްވެސް ޝާމިލުވެއެވެ.

ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑުގައިވާ ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ބަދަލުކޮށް, އެ ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި އެހެން ފަރާތަކަށް ބަދަލު ކުރުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ 10 ޕަސެންޓް ހިއްސާއަކާއި، ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 90 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުން ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް އިން އޭރު ގެންދިޔައީ ނ. ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.