ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 17:53
ލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑީރެކްޓަރ ތޮއްޔިބު މުހައްމަދު
ލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑީރެކްޓަރ ތޮއްޔިބު މުހައްމަދު
ރާއްޖެއެމްވީ
ވަރލްޑް ޓްރެވަލް އެވޯޑްސް 2020
ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ ފަހަތުގައި ވަނީ ރައީސްގެ ލީޑަރޝިޕް - ތޮއްޔިބު
 
ފަތުރުވެރިކަން އަލުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރެވެންހުރި އެންމެ ފުރިހަމައަކަށް ވަނީ ކޮށްފައި
 
ވަރލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުމުގައި އަވަހަށް ބޯޑަރު ހުޅުވާލި ހުޅުވާލުން މުހިންމު ދައުރެއް އަދާކުރި
 
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ރައީސް ސޯލިހް ނިންމި ނިންމެވުމަކީ ހިކުމަތްތެރި ނިންމުމެއް

ބަލިމަޑުކަމުގެ މިހާލަތުގައި ރާއްޖެއަށް ވަރލްޑްސް ލީޑިން ޑެސްޓިނޭޝަން ލިބުމުގެ ފަހަތުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަރޝިޕް ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ވަރލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ތޮއްޔިބު ވިދާޅުވީ، ބަލިމަޑުކަމުގެ ސަބަބުން ގައުމުތައް ބޯޑަރު ބަންދުކޮށްގެން ތިބި އިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ރައީސް ސޯލިހް ނިންމި ނިންމެވުމަކީ ހިކުމަތްތެރި ނިންމުމެއްކަމަށާއި މިހާލަތިގައި ފަތުރުވެރިކަން އަލުން ފަށައިގަނެވުންވީ އެޅުނު މުހިންމު ފިޔަވަޅަކަށްކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުމުގައި އަވަހަށް ބޯޑަރު ހުޅުވާލި ހުޅުވާލުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއްވެސް ކުރެވެންހުރި އެންމެ ފުރިހަމައަކަށް ކޮށްފައިވާ ކަމަށާއި ބަލަމިޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަކަމަށެވެ. އަދި ބޯޑަރު ހުޅުވާލުމަށް ރާއްޖޭގެ ސިއްހީދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މަސައްކަތް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ލިބިގެން މިދިޔަ އެވޯޑް ހާއްސަވެގެން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ވިޔަފާރިވެރިންނަށް ކަމަށް ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ މި އެވޯޑަކީ ރާއްޖެ އިޝްތިހާރު ކުރުމާއި އަދި އެނޫންވެސް ކަންކަމުގައި އެފަރާތްތަކުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާކަމަށެވެ. އަދި މިއީ ވަކިބަޔަކަށް ކްރެޑިޓް ދެވޭނެ ކަމެއް ނޫން ކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ތޮއްޔިބު ވިދާޅުވި މި އެވޯޑަކީ ރާއްޖެ ބޭރު ދުނިޔޭގައި މަޝްހޫރުވެފައި އޮތް މިންވަރުދައްކައިދޭ އެވޯޑެއް ކަމަށާއި މިއީ މުޅި ރާއްޖެއަށް ލިބުނު އެވޯޑެއް ކަމަށެވެ. އަދި މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިން ދިން އެވޯޑެއްކަން ފާހަގަކޮށް ތޮއްޔިބު ވިދާޅުވީ މީގެން ދައްކައިދެނީ ބޭރު ދުނިޔޭގެ މީހުން ރާއްޖެ ބަލައިގަންނަ މިންވަރުކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ވަރލްޑް ޓްރެވަލް އެވޯޑްސްގެ 2020 ވަނަ އަހަރުގެ ވަރލްޑްސް ލީޑިން ޑެސްޓިނޭޝަން ރާއްޖެއަށް ލިބިފައިވާއިރު، މި އެވޯޑްސް އިން ރާއްޖޭގެ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އިން ވަނީ ވަރލްޑްސް ލީޑިން ނިއު ރިސޯޓް 2020 ކާމިޔާބުކޮށްފައެވެ. އަދި ވަރލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020، ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓަށް ލިބިފައިވާއިރު، ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020 ލިބިފައި ވަނީ ބަރޮސް މޯލްޑިވްސްއަށެވެ.

މީގެ އިތުރުން ވަރލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020، ޖޭއޭ މަނަފަރު ހޯދާފައިވާއިރު، ވަރލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020 ހޯދާފައި ވަނީ ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާއެވެ. އަދި ވަރލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020، ޓްރާންސް މޯލްޑިވިއަން އެއާވޭސް އަށް ލިބިފައިވާއިރު، ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020 ލިބިފައި ވަނީ ހުޅުލެ އައިލެންޑް ހޮޓެލަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިހާލަތުގައިވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވަރލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ކޮވިޑުގެ ހާލަތުގައި ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖެއިން އަންނަނީ، ގިނަގުނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް