ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 13:43
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ
އޭއެފްޕީ
މަރަޑޯނާގެ މަރުގެ މައްސަލަ
މަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް ބަލަނީ
 
އެމްބިއުލަންސް އައުން ލަސްވި މައްސަލަވެސް އަންނަނީ ބަލަމުން
 
މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގޭ
 
މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި، ބުދަ ދުވަހުގެރޭގެ ވަގުތެއްގައި

މިދޔަ ބުދަ ދުވަހުގެރޭ މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް ބަލަން ފަށައިފިއެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ ބުދަ ދުވަހު ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ކުރިން މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަރަޑޯނާ މަރުވި ދުވަހު އެމްބިއުލަންސްއަށް ގުޅައިގެން އެ އައުން ލަސްވި މައްސަލަ އާއި ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ގެއަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާ މައްސަލަ ހިމެނެއެވެ.

އާޖެންޓީނާގެ ރައީސް ރައީސް އޮފީހުގައި ބަހައްޓާފައި ހުރި މަރަޑޯނާގެ ސަންދޯއް

އާޖެންޓީނާގެ ރިޕޯޓުތައް ބުނާ ގޮތުން އޮޓޮޕްސީ ރިޕޯޓުގައި ހިމަނާފައި އޮތީ މަރަޑޯނާ މަރުވީ ނިދީގައި ހިތާއި ފުއްޕާމޭ ފެއިލްވެގެން ކަމަށެވެ. އެކަމަކު މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގުމުން، މަރަޑޯނާގެ މަރުގެ ސެޓްފިކެޓުގައި މަރުވި ގަޑިއެއް ޖެހުމުގައި ވަނީ މައްސަލަތަކެއް ދިމާވެފައެވެ. އެހެންކަމުން ހުރިހާ ލިޔެކިއުމެއްގައި ސޮއިކުރަން މަރަޑޯނާގެ އާއިލާއިން ބޭނުން ނުވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު މަރަޑޯނާގެ ވަކީލި ހުށަހެޅި މައްސަލަތައް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ބުދަ ދުވަހުގެރޭ މަރަޑޯނާ މަރުވުމާއެކު އާޖެންޓީނާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ހިތާމަފާޅުކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ މަރަޑޯނާގެ މަރާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ތިން ދުވަސް ހަމަޖައްސާފައެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
17%
0%
58%
8%
8%
8%
ކޮމެންޓް