ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 15:29
ސްކޭމް މައްސަލަތަކުގެ ތެރޭގައި އޮންލައިން ޓްރާންސެކްޝަންތަކާ ގުޅޭ މުއާމަލާތްތައް ގިނަ [ފައިލް ފޮޓޯ]
ސްކޭމް މައްސަލަތަކުގެ ތެރޭގައި އޮންލައިން ޓްރާންސެކްޝަންތަކާ ގުޅޭ މުއާމަލާތްތައް ގިނަ [ފައިލް ފޮޓޯ]
ބެންކް އޮފް މޯލްޑިވްސް
ފައިސާއާ ގުޅޭ ސްކޭމް މައްސަލަތައް
ސަމާލުވޭ! ތަފާތު އެކި ނަންނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
 
މި ބާވަތުގެ މައްސަލަތައް މަދުކުރަން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުން އިތުރަށް ސަމާލުވާން އެދިފައިވޭ
 
ފުލުހުންނަށް ގިނައިން ހުށައަޅެނީ އޮންލައިން މުއާމަލާތްތަކާއި ގުޅިގެން ހިންގާ ސްކޭމް މައްސަލަތައް
 
ކޮވިޑަށް ފަހު މިފަދަ މައްސަލަތައް ހުށައެޅޭ އަދަދުތައް ވަނީ އިތުރުވެފައި

މިފަހަކަށް އައިސް ތަފާތު އެކި ނަންނަމުގައި ހިންގާ ސްކޭމްތަކުން މީހުން އަތުން ފައިސާ ފޭރިގެން ހުށައަޅާ މައްސަލަތައް އިތުރުވާތީ، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އެންމެންވެސް ފަރުވާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް ވަނީ ފުލުހުންނަށް ހުށައެޅޭ ސްކޭމްތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ކޮވިޑުގެ ހާލަތަށްފަހު މި ބާވަތުގެ ކަންކަން ކުރާ މިންވަރާއި، މައްސަލަތައް ހުށައެޅޭ އަދަދުތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް އާންމުކޮށް ހުށައެޅޭ ތަފާތު އެކި ބާވަތްތަކުގެ ސްކޭމްތަކުގެ ތެރޭގައި، ސްކޭމް ކޯލްތަކާއި، ސޯޝަލް މީޑިއާއިން ހުށައެޅުންތައް ހުށައަޅައިގެން ފައިސާ ފޭރުމާއި ފޭކް ސްލިޕުން ވިޔަފާރިކުރާ މައްސަލަތައް ހިމެނެއެވެ. އޭގެ އިތުރުން ޑޮލަރު ވިއްކުމުގެ ނަމުގައި ހީލަތުން ފައިސާ ނަގާ މައްސަލަތަކާއި، ތަފާތު އެކި އޮންލައިން މުއާމަލާތްތަކުން އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައްވެސް ހިމެނެއެވެ.

މިފަދަ މައްސަލަތަކުގައި އާންމުންނަށް ސަމާލު ނުވެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ފާއިޒު ވަނީ މިހެން ހިންގާ ކަންކަމަށް އާންމުން އިތުރަށް ހޭލުންތެރިވުމަށް އެދިވަޑައިގެންފައެވެ. ހާއްސަކޮށް ގޮތް ނޭނގޭ މީހުންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މުއާމަލާތް ނުކުރުމަށާއި އެ ވަސީލަތްތައް ބޭނުންކުރަން ނޭނގެނީނަމަ ބޭނުން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އޮންލައިންކޮށް ސޯޝަލް މީޑިއާގައި ތަފާތު ކަންކަމުގެ ތެރެއަށް އަސްލު ހަގީގަތުގައި ވާނުވާ ނޭނގި ނުވަނުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް. އެއީ ގިނަ ފަހަރު އަޅުގަނޑުމެންނަކަށް ނޭނގޭ އަޅުގަނޑުމެންނަށް މި ވާހަކަދެކެވެނީ ކޮން ބަޔަކާ ކަމެއްވެސް.
ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް

މިހެން ރޭވިގެން ހިންގޭ ފައިސާ ފޭރިގަތުމުގެ މައްސަލަތައް މަދުކުރުމުގައި އާންމުންގެ ދައުރު ބޮޑުކަމަށް ފާއިޒް ވިދާޅުވިއެވެ. އެގޮތުން މައްސަލައެއް ފާހަގަވާ ހިސާބުން ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓްކުރުމަށް އެދިލެއްވިއެވެ.

އޭގެ އިތުރުން ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް މިހާރަށް ވުރެން ބޮޑަށް ސަމާލުވެ، ވިޔަފާރިވެރިޔާގެ ރައްކާތެރިކަމަށް ހުންނަ ސީސީޓީވީ ފަދަ އާލާތްތައް ހަރުކުރުމަށް ފާއިޒް އިލްތިމާސްކުރެއްވިއެވެ. އަދި ވިޔަފާރިވެރިންނާއި އާންމުންވެސް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ކުރިން ހާއްސަ ފަރުވާތެރިކަމެއް ބެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތެވެ.

[ސަމާލުވާންޖެހޭ ކަންކަމަށް] ރިއާޔަތްކުރުމަށް ފަހުގައި ނޫނީ މުއާމަލާތްތައް ނުހިންގުމަކީ ވަރަށް ބޮޑަށް އެދޭކަމެއް. ގިނަ ފަހަރު މިފަދަ މުއާމަލާތްތައް ހިންގުމަށްފަހު، ދެން ފުލުހުންނަށް އަންނަ އިރުގައި އޮންނަނީ މާ ބޮޑަށް، ފައިސާ ރިކަވަރކުރާ ކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް ދަތިވާ ހިސާބަށް ގޮސްފައި. އެހެންކަމުން ފުރަތަމަ ކަމަކީ ހަމަ ޕްރިވެންޝަނަށް މަސައްކަތް ކުރުން.
ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް

ފުލުހުންގެ ފަރާތުން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮޅުވާލައިގެން ފައިސާ ހޯދުމުގެ 193 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި މަހުން މަހަށް ބަލާއިރު، އެ އަދަދުތައް އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެއެވެ. އެގޮތުން ޖުލައި މަހު 43 މައްސަލަ ހުށައެޅުނުއިރު، އޮގަސްޓު މަހު 60 މައްސަލައެއް އަދި ސެޕްޓެމްބަރު މަހު 90 މައްސަލަ ހުށައެޅިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
18%
18%
45%
0%
18%
ކޮމެންޓް