އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުން

އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމުގެ އުއްމީދާއެކު ރާއްޖެއިން ތައްޔާރީތައް ފަށައިފި

  • ރައްކާތެރި އަދި ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާ 4 ވެކްސިނެއް ފާހަގަ ކުރެވިފައިވޭ
  • ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައި، ވެކްސިން ޖަހާނެ މީހުން ގިންތި ކުރުމުގެ މަސައްކަތް ކުރިއަށްދޭ
  • އަމާޒަކީ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި ހުރުން

ކ. މާލެ | 27 ނޮވެންބަރ 2020 | ހުކުރު 04:38 | 10,694

ޑޮކްޓަރ ނަޒްލާ ރަފީޤް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - ރައީސް އޮފީސް

އަންނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19 އަށް އުފައްދާ ވެކްސިނެއް ރާއްޖެއަށް ލިބޭނެކަމަށް އުއްމީދުކުރެވޭކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، ރައްކާތެރި އަދި ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާ 4 ވެކްސިނެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ވެކްސިންތަކުގެ ސައިންޓިފިކް ޓޭޑާތައް ވަރަށް އަވަހަށް އާންމުވެ، އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރ ތެރޭގައި ވެކްސިނެއް ރަސްމީކޮށް ތައާރަފު ކުރެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ވެކްސިން ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ ކުރިން އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެކަމާ ގުޅޭ ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައި، ވެކްސިން ޖަހާނެ މީހުން ގިންތި ކުރުމުގެ މަސައްކަތް ކަމަށެވެ.

އޭގެ އިތުރުން، ކޯލްޑް-ޗެއިން ސިސްޓަމް ނުވަތަ ވެކްސިން ރައްކާކޮށް ބަހައްޓާ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، އެކަމަށް އިތުރަށް ބޭނުންވާ ސާމާނު ގަތުމާއި، "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުން ފަދަ ކަންކަން މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި ހުރުންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ ނަޒްލާ މުސްތަފާ ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި، ވެކްސިން ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، މި ވައިރަސް ކޮންޓްރޯލް ކުރުމަށް ދޭ ސަމާލުކަންވެސް އިތުރުކުރަން ޖެހޭ ކަމަށެވެ.

ޑރ ނަޒްލާ ވިދާޅުވީ، ވެކްސިނެއް ލިބިއްޖެނަމަ ވެކްސިން ފޯރުކޮށްދިނުމުގައިވެސް ޙަރަކާތްތެރިވާން ޖެހޭނީ ޕަބްލިކް ހެލްތް އޮފިޝަލުން ކަމަށާއި، މިވަގުތު ބަލި ކޮންޓްރޯލް ނުކުރެވި ފެތުރިއްޖެނަމަ އެންމެ އެކަށީގެންވާ ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމުގައިވެސް އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ޖެހޭ އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ވެކްސިން ރޯލްއައުޓް ވާނެކަން، ދެން ވެކްސިންގެ ކަންތަކުގައިވެސް ހަމަ އުޅެން ޖެހޭނީ އެއް ބައެއް، ޕަބްލިކް ހެލްތް މީހުން މި އުޅެނީ ހުރިހާ ކަމެއްގައި، އައުޓްބްރޭކެއް ހިސާބެއްގައި އޮވެއްޖެއްޔާވެސް ޕަބްލިކް ހެލްތް މީހުން ދާނީ، ވެކްސިނަށްވެސް އެބަޔަކު އުޅެން ޖެހޭނީ، އެހެންވީމާ އަޅުގަނޑުމެންނަށް ވެކްސިން ރަނގަޅަށް ރޯލް އައުޓް ކުރަންވެސް އުނދަގޫވާނެ އިތުރު އައުޓްބްރޭކަކަށް އަޅާލަން ޖެހިއްޖެއްޔާ، އެހެންވީމާ މިވަގުތު އަސްލު ކެތް ކޮށްލުން ވަރަށް މުހިއްމު

~ ޑރ ނަޒްލާ މުސްތަފާ

ޑރ ނަޒްލާ ވިދާޅުވީ، ޚާއްސަ ގޮތެއްގައި މި ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރަށް ވެފައި، އެއީ ދިވެހިންނާއި، އެހެނިގެން ޤައުމުތަކުގެ މީހުންވެސް ދަތުރުފަތުރު ކުރާ މިންވަރު އިތުރުވެގެންދާނެ ދުވަސްވަރެއްކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވަނީ މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.