އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

ދެފުށް ފެންނަ އުސޫލުން އިންތިޚާބު ބާއްވައިގެން ކުށަކަށްވާނަމަ، އެ ޖަމާޢަތަކުން ރާއްޖެ ވަކިވާން ޖެހޭ: ރައީސް ނަޝީދު

  • އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތައް ބޭއްވުމުން އިންސާފުވެރިކަން ޔަގީން ކުރެވޭނެ
  • ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް މެންބަރުން އައްޔަންކުރާ އުސޫލު ބަދަލުކުރުމުން މިނިވަންކަމާއެކު މަޖިލިސް ހިނގަން ފަށާނެ
  • ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑް ވެގެންދާނެ ކަމަށް ދައްކާ ވާހަކަ ގަބޫލެއް ނުކުރަން

ކ. މާލެ | 25 ނޮވެންބަރ 2020 | ބުދަ 14:38 | 11,423

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު - މަޖިލިސް

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު ދެފުށް ފެންނަ ގޮތަށް ބޭއްވުން އެއީީ ކުށަކަށް ވެގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެފަދައިން އަމަލުކުރާ ޖަމާޢަތެއް އޮތްނަމަ، ރާއްޖެއިން ކުރިއާލާ އެފަދަ ޖަމާޢަތަކުން ވަކިވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ އިދާރާތަކެއް ޝާމިލުވާ ގޮތަށް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގައި އިސްލާހުތަކާ ބެހޭ ގޮތުން ހަސަން ލަތީފަށް ދެއްވި ފުރުސަތު ނިންމާލެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ހަސަން ލަތީފުގެ ވާހަކަ ކަނުލައި އަޑުއަހަން އިންނެވިއިރު، އިންސާފުވެރި ކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިޚާބެއް ބޭއްވުމުން ޖަމުޢިއްޔާއަކުން ރާއްޖެއާ މެދު ފިޔަވަޅެއް އަޅާނަމަ، އެފަދަ ޖަމުޢިއްޔާއެއްގައި ރާއްޖެ އޮތުން ރާއްޖޭގެ ޤާނޫނު އަސާސީންވެސް ހުއްދަ ނުކުރާނެ ކަމަށެވެ.

އަޅުގަނޑު ކަނުލާ އަޑުއަހަން މިއިނީ. އަޅުގަނޑުގެ ހިތަކަށް ނުވަތް އިންސާފުވެރި ކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިޚާބެއް ބާއްވައިގެން މި ރާއްޖެ ވަކިކުރާ ޖަމާޢަތެއް އޮވެއްޖެއްޔާ ކުރިއަށް އެ ޖަމާޢަތުން ވަކިވާން އަޅުގަނޑަށް ފެންނަނީ. އިންސާފުވެރި ކަމާއި ޑިމޮކްރެޓިކް އުސޫލުން ދެފުށް ފެންނަ ގޮތަށް އިންތިޚާބެއް ބޭއްވުން އެއީ ކުށަކަށްވާ ޖަމާޢަތެއްގައި ދިވެހިރާއްޖެ ބައިވެރިވެ އުޅޭ ކަމަށް ވަނިއްޔާ، ރާއްޖޭގެ ޤާނޫނު އަސާސީންވެސް އެކަން ކުށަކަށްވާނެ ކަމެއް.

~ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް މައިގަނޑު ފަސް ކަމަށް ބަހާލެވިފައިވާއިރު، އެ އިސްލާހުތައް ހުށަހެޅިފައިވަނީ ކީއްވެކަން ވަރަށް ތަފުސީލުކޮށް ބުދަ ދުވަހުގެ މަޖިލީހުގައި ހަސަން ލަތީފް ވަނީ ސާފުކޮށްދެއްވާފައެވެ.

އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ހުށަހަޅާފައިވާ އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށާއި، އެގޮތަށް އެކަން ފާސްކުރަން ޖެހޭ ކަމަށް ބުދަ ދުވަހުގެ ޖަލްސާގައި ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެ މަގުން އެކަންކުރަންޖެހޭ ސަބަބު ވަނީ ތަފުސީލުކޮށްދެއްވާފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް މި އަހަރު ބޭއްވިގެންދިޔައިރު ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، އަދި ޒަމާނުއްސުރެން އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކަކީ އިންސާފުވެރި ކަމާއެކު ކުރިއަށްދާ އިންތިޚާބުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރެއްވި ހަސަން ލަތީފް ވިދާޅުވިއެވެ.

އަދިވެސް ހަމަ ގަބޫލުކުރަނީ އިންތިޚާބުތައް ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް. އޭގެ ބޭނުމަކީ އިންސާފުވެރި ދެފުށް ފެންނަ އަދި ބޭނުންވެއްޖެ ކޮންމެ ފަރާތަކުން ފާރަވެރިވާނެ އިންތިޚާބެއް ބޭއްވުމަށް ރާއްޖޭގެ ޤާނޫނު އަސާސީން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނަކުން އެ މަސްއޫލިއްޔަތު ހަވާލުކުރުން. މިކަމަކީ އޮލިމްޕިކް ޗާޓަރާއި ޚިލާފުވާނެ ކަމެއް ނޫން. އަދި މިކަމަކީ ރާއްޖޭގެ އޮލިމްޕިކް މޫވްމަންޓަށްވެސް އަސަރުކުރާނެ ކަމެއް ނޫންކަންވެސް ގަބޫލުކުރަން. އަދި މިކަމަކީ ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުމަށް ނުފޫޒު ފޯރުވޭނެ ކަމެއް ކަމަށް މާނަ ނުކުރެވޭނެ. އިލެކްޝަނުން އިންތިޚާބު ބޭއްވުމަށް ޤާނޫނުން ކަނޑައަޅަން ބޭނުންވާ ސަބަބަކީ އިންސާފުވެރި އަދި ވަކިފަރާތަކަށް ނުޖެހޭ ދައުލަތުގެ މުއައްސަސާއިން އެކަން ކުރުމުގެ ބޭނުމުގައި. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގެ އިތުބާރު ބޮޑުކުރުން. މި ނޫން ގޮތަކަށް އޮލިމްޕިކް ޗާޓަރުގެ މާއްދާތައް މާނަކުރާނަމަ އެއްވެސް ގައުމެއްގެ ޤާނޫނު އަސާސީ އަދި ޤާނޫނެއް، އެ ގައުމެއްގެ ޤާނޫނު އަސާސީގެ މައްޗަކަށް ނުހިނގާނެ.

~ އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ހަސަން ލަތީފް ވާހަކަދައްކަވަނިކޮށް

ހަސަން ލަތީފް އިތުރަށް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑް ވާނެ ކަމަށް ވިދާޅުވާ ބޭފުޅުން އޮލިމްޕިކް ޗާޓަރުގެ ތިން މާއްދާއެއް ފާހަގަކުރާއިރު، އެ ތިން މާއްދާ އަކީ 27.5، 27.6 އަދި 27.9 ކަމަށާއި، މި ތިން މާއްދާގައިވެސް މިނިވަން ކަމާއެކު ދެފުށް ފެންނަ ގޮތަކަށް އިންތިޚާބުތައް ބޭއްވުން އެއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މުސްތަގިއްލުކަމާއި މިނިވަންކަމަށް އަރައިގަތުން ކަމަށް މާނަ ނުކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތައް ރަޖިސްޓްރީ ކުރަންވެސް ލާޒިމުކުރަނީ ޤާނޫނަކުން ކަމަށާއި، އެގޮތަށް ލާޒިމުކުރުމުން އެއީ އެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ހިންގުމަށް ވަނުން ކަމަށް މާނަ ކުރާނެ ހަމައެއް އޮންނާނެތޯ ހަސަން ލަތީފް ވަނީ ސުވާލު ކުރައްވާފައެވެ.

1958 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ މެންބަރަކަށްވެ، އަދި ހަމަ 1957 ވަނަ އަހަރު ފީފާގެ މެންބަރަކަށް ނޯތު ކޮރެއާ ވެފައިވާއިރު، އެތަނުގެ އިންތިޚާބުތައް ދާ ގޮތާއި، އިންތިޚާބުވާ މެންބަރުންގެ މައުލޫމާތެއްވެސް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް ނޯތު ކޮރެއާ ސަސްޕެންޑް ނުކުރާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ނޯތު ކޮރެއާ އަކީ 1958 ވަނަ އަހަރު ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީގެ މެންބަރެއް. މިހާރުވެސް މެންބަރެއް. 1957 ވަނަ އަހަރު ނޯތު ކޮރެއާ އަކީ ފީފާގެ މެންބަރުކަން ނަގާފައި އޮތް ގައުމެއް. ސަސްޕެންޑް ކުރޭ އެކަމަކު އެ ކުރެވެނީ އދ އިން ނޯތު ކޮރެއާ ސަސްޕެންޑް ކުރުމުން. އެއީކީ އެމީހުންގެ ކުޅިވަރު ކަމެއްގައި ސަސްޕެންޑް ކުރާ ކުރުމެއް ނޫން. 2018 ވަނަ އަހަރު ވިންޓަ އޮލިމްޕިކްސް ސައުތު ކޮރެއާގައި ބޭއްވުމަށް ނިންމި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބެކް އެއީ ޖަރުމަންގެ ރައްޔިތެއް. އައިއޯސީގެ ރައީސް ވަޑައިގެން ހުންނެވީ ނޯތު ކޮރެއާގައި، ނޯތު ކޮރެއާގައި އައިއޯސީގެ ރައީސް ބައްދަލުކުރެއްވީ ނޯތު ކޮރެއާގެ އޮލިމްޕިކް ކޮމިޓީގެ ރައީސްއާ. އިއްތިފާގުން އެ ރައީސްވީ ކުޅިވަރާ ބެހޭ ވަޒީރަށް. ނުފޫޒުގެ ވާހަކަ ދައްކާ ބޭފުޅުންނަށް އަޅުގަނޑު މި ވާހަކަ މި ދައްކަނީ. ކުޅިވަރާ ބެހޭ ވަޒީރަކީ އޮލިމްޕިކް ކޮމިޓީގެވެސް ރައީސް. ސަރުކާރުގެ ނުފޫޒު ފޯރާނެވަރު އަޅުގަނޑުމެންނަށް ދެން އެބަ އިނގޭތާ. އޮލިމްޕިކް ކޮމިޓީއަކަށް ނޭނގޭ ނޯތު ކޮރެއާގައި އިންތިޚާބެއް ބާއްވާކަންވެސް. ނޯތު ކޮރެއާގެ އޮލިމްޕިކް ކޮމިޓީގެ މަގާމުތަކަށް މީހުން އައްޔަންކުރާ ކަމެއްވެސް. އަދި ފީފާއަކަށް ނޭނގޭ ނޯތު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ގުޅާނެ ފޯނު ނަންބަރެއްވެސް. ފެކްސް ނަންބަރެއް އޮވޭ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ދީފައި އޮންނަ. މީގެ އަހަރެއްހާ ދުވަސް ކުރިން އެބައޮތް އީމެއިލެއް ދީފައި. ހަ މަސް ދުވަސް ނަގާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ޖަވާބެއް ދޭން.

~ އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

ބިލަށް އިސްލާހުތައް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ ޤާނޫނުގެ ބިލް ގެނައުން ލަސްވެފައިވާ ކަމަށެވެ. އަދު އެމްޑީޕީގެ ރިޔާސީ ވައުދުގެ ގޮތުގައި ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުމަށް އޮތްއިރު، އެ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށާއި، އޭރުވެސް އެކަން ކުރަން ތާރީޚުތަކެއް ކަނޑައެޅީ 2020 ވަނަ އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ އަހަރަށް ވުމުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކުޅިވަރުގެ ގައުމީ މަޖިލިސް އެކުލަވާލުމަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މިހާރު ތިބި 11 މެންބަރުންގެ ތެރެއިން 10 މެންބަރުންނަކީ ކުޅިވަރާ ބެހޭ ވަޒީރު އައްޔަންކުރާ މެމްބަރުން ކަމަށާއި، އެ އުސޫލުން އެކަންކުރުމުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަކީ މިނިވަންކޮން މަސައްކަތް ކުރެވޭނެ ތަނަކަށް ވެގެން ނުދާއިރު، އަލަށް ގެންނަ އިސްލާހުތަކާއެކު އެކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ހުށަހެޅިފައިވާ އިސްލާހުތަކާއެކު ކުޅިވަރުގެ އެއް މުއައްސަސާ އާއި އަނެއް މުއައްސަސާގެ ފުށުއެރުން ނިމުމަކަށް އަންނާނެ ކަމަށާއި، ކުޅިވަރުގެ ހިންގުމުގެ ތެރެއިން އަންނަ ނުރަނގަޅު ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބަހުސްގެ މަރުހަލާގައި މެންބަރުން ވަނީ މި އިސްލާހުތަކަކީ މި ވަގުތަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށާއި، މި އިސްލާހުތަކާއެކު ކުޅިވަރުގެ ޤާނޫނަށް އިތުރު ފުރިހަމަކަމެއް ލިބި، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅުންތެރިންނަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.