ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 14:37
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު 2021
ޖެނުއަރީ 5 ގެ ކުރިން އިންތިޙާބުގެ ކަންކަން ކުރިއަށް ގެންދަން ހުއްދަ ނުދީފިނަމަ އިންތިޙާބު ނުބޭއްވޭނެ: އިލެކްޝަންސް
 
ޖުމްލަ 86 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވޭ
 
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްްޔާރުވަމުންދަނީ 6 މާރޗްގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް 5 ޖެނުއަރީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދީފިނަމަ އިންތިޙާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށް ސުވާލު ކުރުމުން އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ކޮވިޑާއި ގުޅިގެން އާންމުކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތް އޮތްވައި އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ހާލަތަށް ބަލައި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެންމެ ލަސްވެގެން ޖެނުއަރީ 5 ގެ ކުރިން އެޗްޕީއޭއިން އެކޮމިޝަނަށް ހުއްދަދޭންވާނެ ކަމަށާއި އެހެންނޫން ނަމަ އިންތިޚާބު ބޭއްވޭނެ އެއްވެސް ޖާގައެއް ދެން ނެތް ކަމަށެވެ.

މިހާރު އޮތް ޤާނޫނަށް ނެގެސްފައިވާ އިސްލާހުގައި ބުނާގޮތުން ކޮވިޑްގެ މިހާލަތާއި ގުޅިގެން ފަސްކުރެވުނު ލޯކަލް ކައުންސިލް އިންތިހާބު މެއި 9، 2021 ގެ ކުރިން ބާއްވަން ޖެހޭނެ ކަމަށާއި ނަމަވެސް މި މުއްދަތަކީ ރަމަޟާންމަހާއި ދިމާވާ ދުވަސްތަކެއް ކަމުން ކެމްޕެއިން ކުރުމާއި އިންތިޙާބު ބާއްވަން އުނދަގޫތަކާއި ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން މިހާރު އިންތިޚާބު ބޭއްވުމަށްޓަކައި އެކޮމިޝަނުން ނިންމާފައިވަނީ މާރޗް 6، 2021 ކަމަށްވާއިރު، މިމުއްދަތުގައި ވެސް އިންތިޚާބު ބޭއްވޭނީ ޤާނޫނީ ގޮތުން އިންތިޚާބެއްގައި ކަނޑައެޅިފައިވާ ތާރީޚުތަކަށް މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން ވޯޓާސް ލިސްޓް އާންމު ކުރުމާއި، ކެމްޕެއިން ކުރުމަށް ފުރުޞަތު ހުޅުވާލުމާއި މިނޫންވެސް ޑެޑްލައިންތަކަށް މަސައްކަތް ކުުރަންޖެހޭއިރު ޑިސެމްބަރު 15 ގައި އިންތިޚާބުގެ ކަންކަން ކުރުމަށް އެޗްޕީއޭއިން ހުއްދަދީފި ނަމަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

15 ޑިސެމްބަރު މިކިޔަނީ ބްރީތިން ސްޕޭސްލާފައި، އެެއީ ހުންނާނެ ކުރަންޖެހޭ އިތުރު މަސައްކަތްތައް. 5 ޖެނުއަރީގެ ކުރިން އެޗްޕީއޭގެ ފަރާތުން އިންތިޚާބުގެ ކަންކަން ހުއްދަ ނުދީފި ކަަމަށްވާނަމަ އިންތިޚާބެއް ނުބޭއްވޭނެ
~ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު

ޝަރީފް އިތުރަށް ވިދާޅުވީ މި ޕެންޑަމިކްގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހިއްޖެނަމަ، އިލެކްޝަންސް އިން ކަނޑައަޅާފައިވާ ބަޖެޓްވެސް މިހާރު ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާ ކަމަށް މައުލޫމާތުލިބިފައިވާ ކަމަށާއި ބަޖެޓް ހަމަ ނުޖެހި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ.

ކޮމިޓީގެ މަރުހަލާގެ ތެރެއިން މެމްބަރުން ވަނީ ބައެއް ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމާއި ގުޅިގެން އެ ހުސްވެފައިވާ ޖާގަތަކަށް އަލުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާނެތޯއާއި، އަލުން އިންތިޚާބު ބޭއްވުމަށް ހުރަހެއް އޮތްތޯ ސުވާލުކުރައްވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ، މިހާރު އޮތް ގޮތުން ޤާނޫނުން އެކަމަށް ޖާގައެއް ނުދޭ ކަމަށާއި އަލުން އިންތިޚާބު ބާއްވަން ޖެހިއްޖެ ނަމަވެސް ޚަރަދުތަކެއް ހިނގާ، އެކަމަށްވެސް ފާއިސާ ބޭނުންވާނެ ކަމަށެވެ. އެބަޖެޓް ހަމަ ނުޖެހި އަލުން އިންތިހާބެއް ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނޮވެމްބަރު 24، 2020ގެ ނިޔަލަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ 21 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 20 ފަރާތަކުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލި 10 ފަރާތަކުން އަދި ޑަބްލިއުޑީސީއަށް ކުރިމަތިލި 2 ފަރާތަކުން ވަނީ ނަން އަނުބުރާ ގެންގޮސްފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 6 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާއިރު އަމިއްލަ ގޮތުން މި އިންތިޚާބަށް ކުރިމަތިލި 22 ފަރާތަކުން އަދި ޑަބްލިއުޑީސީގެ 5 ފަރާތަކުން ވަނީ ނަން އަނބުރާ ގެންގޮސްފައި ކަމަށް އިލެކްޝަނުން ބުންޏެވެ.

މި އަދަދުތަކަށް ބަދަލު އައުމާއި ގުޅިގެން ބައެއް ދާއިރާތަކުން ކެންޑިޑޭޓުން އިންތިޙާބުވެފައި ތިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ތާރީޚަކީ މާރޗް 6، 2021 އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް