ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 10:46
ރެނެސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން
ރެނެސް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް ދެވަނަ ބުރަށް
 
ފެރެންސްވަރޯސް އަތުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ކިއެވް އަތުން ބާސާ މޮޅުވީ 4-0 ގެ ނަތީޖާއަކުން
 
ކްރަސްނޯޑާ އަތުން ސެވިއްޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ރެނެސް އަތުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބާކީ ދެ މެޗު ނުކުޅެ އޮއްވައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޗެލްސީ، ސެވިއްޔާ، ބާސެލޯނާ އަދި ޔުވެންޓަސްއިން ޔަގީންކޮށްފިއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޗެލްސީ ކަށަވަރުކުރީ ގްރޫޕް އީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ރެނެސް އަތުން 2-1 ން މޮޅުވެގެންނެވެ.

ރެނެސް ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއިއެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރެނެސްގެ ސެރޫ ގިރާސީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިވިއޭ ޖިރޫޑެވެ.

ކްރަސްނޯޑާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ 2-1 ން

ދެން ގްރޫޕް އީގައި ހިމެނޭ ސެވިއްޔާ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންކުރީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ކްރަސްނޯޑާ އަތުން 2-1 ން މޮޅުވެގެންނެވެ.

ކްރަސްނޯޑާގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ވެންޑަސަން ވަނީ ލަނޑެއް ޖަހާ ކްރަސްނޯޑާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ސެވިއްޔާ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި މުނީރު އެލް ހެއްދާދީ ކާމިޔާބުކުރި ލަނޑުންނެވެ.

މިި ނަތީޖާތަކާއެކު ގްރޫޕް އީގައި ހިމެނޭ ޗެލްސީ އާއި ސެވިއްޔާ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެއްވަނައިގައި ޗެލްސީ އާއި ދެވަނައިގައި އޮތް ސެވިއްޔާއަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ކްރަސްނޯޑާ އާއި ފުލުގައި އޮތް ރެނެސްއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކިއެވް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-0 ން

މީގެ އިތުރުން ގްރޫޕް ޖީގައި ހިމެނޭ ބާސާ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންކުރީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ޑީނަމޯ ކިއެވް އަތުން 4-0 ން މޮޅުވެގެންނެވެ. މި މޮޅާއެކު އެ ޓީމުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓާފައެވެ.

ކެޕްޓަން ލިއޮނަލް މެސީ އާއި ފްރެންކީ ޑި ޔޯންއަށް އަރާމުކުރަން ފުރުސަތު ދިނުމަށްފަހު އަންގާރަ ދުވަހުގެރޭގެ މެޗަށް ބާސާއިން ނުކުތީ ޒުވާން ކުޅުންތެރިތަކަކާއެކުއެވެ. މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިނިއޯ ޑެސްޓެވެ. މިއީ މިދިޔަ ޓްރާންސްފާގައި ބާސާއަށް ބަދަލުވުމަށްފަހު ޑެސްޓް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި މާޓިން ބްރެތުވެއިޓް ބާސާއަށް ލީޑު ފުޅާކޮށްދިންއިރު، 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެތުވެއިޓް ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޓޮއިން ގްރީޒްމަނެވެ.

ޔުވެންޓަސް އާއި ފެރެންސްވަރޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 ން

ދެން ގްރޫޕް ޖީގައި ހިމެނޭ ޔުވެންޓަސް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންކުރީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފެރެންސްވަރޯސް އަތުން 2-1 ން މޮޅުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފެރެންސްވަރޯސްއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީރްތޯ އުޒުނީއެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މި މެޗުން ޔުވެންޓަސް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑުންނެވެ.

މިި ނަތީޖާތަކާއެކު ގްރޫޕް ޖީގައި ހިމެނޭ ބާސާ އާއި ޔުވެންޓަސް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެއްވަނައިގައި އޮތް ބާސާއަށް ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ޔުވެންޓަސްއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި އޮތް ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސްއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް