އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ސޯލަރ ޕްރޮޖެކްޓް

ހުޅުލެ–ހުޅުމާލެ ގުޅޭ ލިންކް ރޯޑްގައި ސޯލަރ ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަނީ

  • ހުޅުލެ ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރަން ވަނީ ހަމަޖެހިފަ
  • ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮވާނެ
  • ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ

ކ. މާލެ | 24 ނޮވެންބަރ 2020 | އަންގާރަ 16:04 | 16,193

ހުޅުލެ ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމްގެ ޑިޒައިން - އެންވަރަންމަންޓް މިނިސްޓްރީ

ހުޅުލެ–ހުޅުމާލެ ގުޅޭ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލާރ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ވޯލްޑް ބޭންކާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުލެ–ހުޅުމާލޭ ލިންކް ރޯޑްގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުމަށް ސޮއިކުރީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީ އެކުއެވެ.

އަންގާރަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެން ރަޝީދު ހަސަން އާއި އެންސިސް ކުންފުނީގެ، އެގްޒެކްޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.

އެސްޕަޔަރ މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.

އެންސިސް އިން ހުޅުލެ-ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެސްޕަޔަރގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެހެންކަމުން 5 މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް އެއްބަސްވުމުގެ ދަށުން ގަންނަން ލިބޭނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: ރާއްޖެއެމްވީ

އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލަރއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އާންމުންނަށް ޕޭވްމަންޓް ބޭނުން ކުރެވޭނެ ހެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.