ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 18:28
މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއަށް ކުޅުނު މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ)
މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއަށް ކުޅުނު މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ)
އެފްއޭއެމް
އާއްކޮ ވެލެންސިއާއަށް ބަދަލުވުން
ދަ ގްރާންޑޭ ދޫކޮށް އާއްކޮ ވެލެންސިއާއަށް
 
އައު ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން ފަރިތަކުރުންތައް ފެށީ އޮކްޓޯބަރު މަހު
 
އާއްކޮ މިހާރު އަންނަނީ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ދޫކޮށް ހުނަރުވެރި މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ) ކުލަބު ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ދަ ގްރާންޑޭއާ އާއްކޮ ގުޅުނު ނަމަވެސް، މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ކުރިއަށް އޮތް ސީޒަނަށް އާއްކޮ ވެލެންސިއާއާ ގުޅުނުއިރު، އޭނާ މިހާރު އަންނަނީ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އާއްކޮ ފުރަތަމަ ޑިވިޝަންގެ ތެރެއަށް ތައާރަފުވެގެން އައީ 2011 ވަނަ އަހަރު ކުލަބު އީގަލްސްއިންނެވެ. 2014 ވަނަ އަހަރާ ހަމައަށް އީގަލްސްގެ ޖާޒީގައި ފެނެގިންދިޔަ އާއްކޮ އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅުނީ 2015 ވަނަ އަހަރުގައެވެ. އަދި މާޒިޔާއާއެކު ހޭދަކުރި ތިން ސީޒަނުގައި އާއްކޮ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެ އިތުރުން އާއްކޮ ވަނީ 2012 ވަނަ އަހަރު އޮތް މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްވެސް ރާއްޖެެއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށިއިރު، މީގެ ކުރިން އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރުވެސް ގެނެސްފައެވެ. ވެލެންސިއާ މި ސީޒަނުގައި ކުޅޭނީ ކޯޗު މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުންނެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، އައު ސީޒަނުގައި ވެލެންސިއާއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް