ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 11:05
ނާޕޮލީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 3-1 ން
ނާޕޮލީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާން އެއްވަނައިގައި، ޓޮރީނޯ އަތުން އިންޓައަށް މޮޅެއް
 
ޓޮރީނޯ އަތުން އިންޓަ މޮޅުވީ 4-2 ގެ ނަތީޖާއަކުން
 
ނާޕޮލީ އަތުން މިލާން މޮޅުވީ 3-1 ގެ ނަތީޖާއަކުން

ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ޖެހި ދެ ލަނޑާއެކު ނާޕޮލީ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއްވަނައަށް އަލުން އަރައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ހެލަސް ވެރޯނާ އަތުން 2-0 ން މޮޅުވެ ސަސުއޮލޯ ވަނީ ވަގުތީ ގޮތުން އެއްވަނައަށް ޖެހިލާފައެވެ. އެކަމަކު އޭގެ ފަހުން އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި 3-1 ން ނާޕޮލީ ބަލިކޮށް މިލާން ވަނީ އަލުން އެއްވަނައަށް އަރާފައެވެ. މިއީ މިލާނަށް ލީގުގައި ނާޕޮލީ އަތުން އެ ޓީމުގެ ދަނޑުގައި 10 އަހަރަށްފަހު މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗު ފަށައިގެން 20 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އިބްރަހިމޮވިޗެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އުމުރުން 39 އަހަރުގެ ފޯވާޑް ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ޖެހި 10 ވަނަ ލަނޑެވެ. އެކަމަކު މި މެޗުގައި ފައިގެ ފަލަމަސްގަނަޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އިބްރަހިމޮވިޗް ވަނީ ބަދަލުކޮށްފައެވެ.

މެޗުގައި މިލާނުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ 63 ވަނަ މިނެޓުގައި ޑްރީސް މާޓެންސް ވަނީ ލަނޑެއް ޖަހާ ނާޕޮލީއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ނާޕޮލީއަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ ޓިމެޔޯ ބަޔަޔޯކޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމުންނެވެ. އެއާއެކު މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭންސް ޕެޓާ ހޯގް ވަނީ މިލާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

އިންޓަ އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 4-2 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޓޮރީނޯ އަތުން ފަހަތުން އަރައި އިންޓަ މިލާން މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮރީނޯއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިމޯން ޒާޒާއެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރިސްޓިއަން އަންސަލްޑީ ވަނީ ޓޮރީނޯއަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން އެލެކްސިސް ސަންޗޭޒް އިންޓައަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހާ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލުކާކޫ އިންޓައަށް ލީޑު ނަގައިދިންއިރު، މެޗުގެ ފަހު މިނެޓުގައި އިންޓައަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.

މި ނަތީޖާތަކާއެކު މިލާން އެއްވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސަސުއޮލޯއަށް 18 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ޕާމާ އަތުން 3-0 ން މޮޅުވެ ރޯމާ ވަނީ 17 ޕޮއިންޓާއެކު ތިންވަނައަށް އަރާފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި 16 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތްއިރު، އިންޓަ އޮތީ ތާވަލުގެ ފަސްވަނައިގައި 15 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް