ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 10:33
ލިވަޕޫލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން
ލިވަޕޫލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލެސްޓާ ބަލިކޮށް ލިވަޕޫލް ދެވަނައަށް
 
ލިވަޕޫލާއި ޓޮޓެންހަމަށްވެސް ވަނީ 20 ޕޮއިންޓް ލިބިފައި
 
ލިވަޕޫލުން ވަނީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިނުވެ އަމިއްލަ ދަނޑުގައި 64 މެޗު ހަމަކޮށްފައި
 
ލެސްޓާ އަތުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުން

ލެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިނުވެ އަމިއްލަ ދަނޑުގައި 64 މެޗު ހަމަކޮށްފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ލިވަޕޫލުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލެސްޓާގެ ޑިފެންޑަރު ޖޯނީ އެވަންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޑިފެންޑަރު އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ފޯވާޑް ޑިއޯގޯ ޔޮޓާ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައިވެސް އެ ޓީމުން ވަނީ ލެސްޓާ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ދެ ހަމަލާއެއް ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް މަތަކުރިއިރު، ފޯވާޑް ރޮބާޓޯ ފިރްމީނޯ ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖޭމްސް މިލްނާ ނަގައިދިން ކޯނަރަކުން ފިރްމީނޯ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ވަނީ ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ލިވަޕޫލާއި ޓޮޓެންހަމަށްވެސް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑުން ކުރިލިބެނީ ޓޮޓެންހަމަށެވެ. ތިންވަނައިގައި އޮތް ޗެލްސީ އާއި ހަތަރުވަނައިގައި އޮތް ލެސްޓާއަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް