ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 13:41
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)
މިހާރު
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް: ދަގަނޑޭ ފައިނަލަށް
 
ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮންކޮންގުގެ ޗޭން ސިއު ކީއާ
 
ދަގަނޑޭއަށް 54.68 އިންސައްތަ ވޯޓު ލިބުނު
 
ދަގަނޑޭ ފައިނަލަށް ދަތުރުކުރީ ސެމީގައި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައިގެން

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

ދަގަނޑޭ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައިގެންނެވެ. އާންމުންގެ މެދުގައި އޮންލައިނުކޮށް ނެގުނު ވޯޓުގައި ދަގަނޑޭއަށް 54.68 އިންސައްތަ ވޯޓު ލިބުނުއިރު، ގުޔެން ގުއެންޑް ހައިއަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.

ފޯރިގަދަ ވެގެންދިޔަ މި ޕޯލް ކުރިއަށްދިޔައިރު ސޯޝަލް މީޑިއާގައި ދިވެހިން ވަނީ ބޮޑު ކެމްޕެއިނެއްކޮށް، ދަގަނޑޭއަށް ވޯޓު ހޯދައިދީފައެވެ. އެގޮތުން ދަގަނޑޭއަށް ވޯޓު ހޯދުމަށް ދިވެހިން ވަނީ "ޓީމް އަޝްފާގު" ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއްވެސް ހަދާފައެވެ.

ދިވެހިން ހިންގި ބޮޑު ކެމްޕެއިނަށްފަހު ފައިނަލަށް ދަގަނޑޭ ހޮވުމާއެކު އޭނާ ވަނީ ދިވެހި ސަޕޯޓަރުންނަށް ޝުކުރު ބަންޑުންކޮށްލާފައެވެ. ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީފައިނަލް ބުރުގެ ޕޯލް ކާމިޔާބުކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯދުމަށް މަސައްކަތްކުރި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަދި ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އޭނާގެ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށްވެސް ހޮވިފައެވެ.

އެ ލަނޑު އޭނާ ޖަހާފައިވަނީ ޕާސިބޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ދެ ކޮޅަށް ތަޅުވާލުމަށްފަހުއެވެ.

މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮންކޮންގުގެ ސައުތު ޗައިނާ ކުލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް