ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 10:34
ޓޮޓެންްހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-0 ން
ޓޮޓެންްހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީ ބަލިކޮށް ޓޮޓެންހަމް އެއްވަނައަށް
 
ވެސްޓް ބްރޮމް އަތުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ސިޓީ އަތުން ޓޮޓެންހަމް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލައިފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޓަންގުއީ އެންޑޮމްބެލޭ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ހުއެން-މިންއެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ސިޓީގެ އައިމެރިކް ލަޕޯޓް ލަނޑެއް ޖެހި ނަމަވެސް، އެ ޓީމުގެ ގަބްރިއެލް ޖީސޫސްގެ އަަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގައި ޓޮޓެންހަމުން ލީޑު ފުޅާކޮށްފައިވަނީ 65 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި 35 ސިކުންތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައަށް ޓިޮޓެންހަމް އެރީ ނުވަ މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ޗެލްސީ އޮތީ ނުވަ މެޗުން 18 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުއެވެ.

ޔުނައިޓެޑާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސްޓް ބްރޮމް އަތުން 1-0 ން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސްއެވެ. މިއީ އޭރިއާ ތެރެއިން ވެސްޓް ބްރޮމުގެ ޑާނެލް ފާލޯންގުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. ފެނާންޑޭސް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ވެސްޓް ބްރޮމުގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން މަތަކުރި ނަމަވެސް، އޭނާ ގޯލު ރޮނގު ހުރަސްކުރުމުން ރެފުރީ ވަނީ ދެވަަނަ ފަހަރަށް ޕެނަލްޓީ ޖަހަން ދީފައެވެ. އަދި ދެވަނަ ފުރުސަތުގައި ފެނާންޑޭސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ކުޅުނު އަށް މެޗުން 13 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ތާވަލުގެ ނުވަވަނައިގައެވެ. ޔުނައިޓެޑް އަތުން ބަލިވި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ނުވަ މެޗުން ތިން ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް