ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 16:44
އަމާޒަކީ ފަތުރުވެރިކަމުގެ މަންފާ، ހުރިހާ ސަރަޙައްދުތަކަށް ލިބެނިވި ގޮތަކަށް އަމާޒު ކުރުން
އަމާޒަކީ ފަތުރުވެރިކަމުގެ މަންފާ، ހުރިހާ ސަރަޙައްދުތަކަށް ލިބެނިވި ގޮތަކަށް އަމާޒު ކުރުން
ފަތުރުވެރިކަން ޢާންމުކުރުމުގެ އައު ސިޔާސަތު
"ރައީސް ޞާލިޙުގެ ސަރުކާރުގައި ފަތުރުވެރިކަމަށް 35،000 އެނދު އިތުރުވެ މުޅިރާއްޖެ އަށް ފެތުރިގެން ދާނެ"
 
ކުރިމަގުގެ އަމާޒަކީ، މި ދާއިރާގައި ވަޒީފާއަދާކުރާ ދިވެހިންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރުން
 
އަމާޒަކީ ފަތުރުވެރިކަމުގެ މަންފާ، ހުރިހާ ސަރަޙައްދުތަކަށް ލިބެނިވި ގޮތަކަށް އަމާޒު ކުރުން
 
ދުރުރާސްތާ ޕްލޭންގައި 35،000 އެނދު އަލަށް ތަޢާރަފް ވާނޭކަމަށް ލަފާކުރެވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެގެންދާނީ، މުޅިރާއްޖެއަށް ފަތުރުވެރިކަން ފަތުރައިދީ، ދުރުރާސްތާ ޕްލޭންގައި 35،000 އެނދު އަލަށް ތަޢާރަފްވާނޭކަމަށް ލަފާކުރުމެވެ.

ރާއްޖެ ޓީވީއަށް، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ދެއްވި ޚާއްސަ އިންޓަރވިއުގައި، ހާމަކޮށްދެއްވި ގޮތުގައި، މުޅިރާއްޖެއަށް އަމާޒުކޮށް، ފަތުރުވެރިކަމުގެ މަންފާ، ހުރިހާ ސަރަޙައްދުތަކަށް ލިބެނިވި ގޮތަކަށް އަމާޒު ކުރެވޭ އިރު، އޭގެ ތެރެއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ، މާލޭގެ އުތުރާއި އަދި ދެނުކުނުގެ އެއަރޕޯރޓްތަކަށް އެއަރލައިންތައް ދަތުރުކުރާ މިންވަރަށްބަލައި، ފީސިބަލްވާނޭ ގޮތަކަށް، ފަތުރުވެރިކަން ތަޢާރަފުކުރުމެވެ.

މިގޮތުން، ބޮޑުދިލަނުންމަތީގައި 8000 އެނދު ތަޢާރަފު ކުރުމާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ހިމެނޭ ސަދަރން ޒޯނުގައި، 8000 އެނދު ތަޢާރަފު ކުރެވޭނެއެވެ. ނަމަވެސް މި އަދަދުތައް އަންނާނީ، ސަރުކާރުން އަލަށް ތަޢާރަފްކުރާ ރިސޯޓްތަކާއި، ކުރިން ހަވާލުކުރެވި ނުހެދިހުރި ތަންތަނުގެ އިތުރުން، ކައުންސިލްތަކުން ފަތުރުވެރިކަމަށް ހުޅުވާލައިގެން، ފުރުސަތު ދޭ އެނދުތަކާއި، އަދި އަމިއްލަ ފަރާތްތަކުން ހަދާ ގެސްޓްހައުސްތަކުން ތަޢާރަފުވެގެން އަންނަ އެނދު ތަކުންނެވެ.

ރާއްޖެ ޓީވީއަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްދީފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު، އަލަށް ހުޅުވޭ، "ވަށުގިރި" އަކީ، 80 އެނދުގެ ރިސޯޓެކެވެ. އަލަށް މިއަހަރު ހުޅުވޭ "ކަގި ރިސޯޓު" ގައި 100 އެނދު ހިމެނެއެވެ. ހަމަ އެހެންމެ އަލަށް މިއަހަރު ހުޅުވޭ "ކުޑަވިލިނގިލި" ރިސޯޓަކީވެސް 198 އެނދުގެ ރިސޯޓެކެވެ. ހަމަ އެހެންމެ މިއަހަރު ނ. އަތޮޅުގައި ހުޅުވޭ "ދިގުރަށް" ރިސޯތަކީ، 1018 އެނދުގެ ރިސޯޓެކެވެ.

މިދެންނެވި ރިސޯޓުތައް އަލަށް ހުޅުވިގެން އަންނަ އިރު، މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚާއްސަކޮށް ޓޫރިޒަމް ކުރިއަރާފައި ނުވާ ސަރަޙައްދުތައް ކުރިއެރުވުމަކީވެސް، ފަތުރުވެރި ކަމުގެ އައު ސިޔާސަތުގެ އަމާޒެކެވެ. މިގޮތުން ރާއްޖޭގެ އެވަރޭޖް ނިސްބަތަށް ބަލާއިރު، ކޮންމެ އެނދަކަށް ވަޒީފާއެއްގެ މަގުން ބަލައިގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާ ތައް، އާންމު ގޮތެއްގައި މުޅި ރާއްޖެ ޝާމިލްވެގެން ދާނޭ ގޮތަށް، އިތުރުވެގެން އަންނާނެއެވެ. އެގޮތުން ބަލާއިރު، ކޮންމެ 10 ހާސް އެނދަކަށް 10 ހާސް ވަޒީފާ އިތުރުވެގެން އަންނާނެ މިންގަނޑަކުން، ވަޒީފާގެ ފުރުސަތު، ފަހިވެގެން ދާނެއެވެ. މީގެ އިތުރުން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން، ދިވެހި މުވައްޒަފުންނަށް، އެމީހުން އަދާކުރާހިތްވާ ޒާތުގެ ބޮޑު މުސާރަ ލިބޭ ވަޒީފާތައްވެސް ލިބުމަށް މަގުފަހިކޮށްދިނުމަކީ، މި އައު ސިޔާސަތުގެ އަމާޒެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚާއްސަކޮށް ޓޫރިޒަމް ކުރިއަރާފައި ނުވާ ސަރަޙައްދުތައް ކުރިއެރުވުމަކީވެސް، ފަތުރުވެރި ކަމުގެ އައު ސިޔާސަތުގެ އަމާޒެއް

ފަތުރުވެރި ކަމުގެ ދާއިރާގައި ދިވެހީން ވަޒީފާއަދާކުރާ ނިސްބަތް އިތުރުކުރުމަށް، އެމްޕްލޯޔްމަންޓް ޤާނޫނަށް ގެނައި ބަދަލާއެކު، އޭގެ ހެޔޮ އަސަރުވެސް ކުރިމަގުގައި ފެނިގެން ދާނެއެވެ. އެގޮތުން ދިވެހީންނަކީ، ރިޒޯޓުތަކުގެ މަތީ މަޤާމުތަކުގައި އުޅޭ މީހުންނަށް ހެދުމަކީ، އައު ލަނޑުދަނޑިއެކެވެ. މިކަމަށް މަގުފަހި ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޕްރައިވެޓް ސެކްޓަރ ގުޅިގެންކުރާ މަސައްކަތެއް، ވަނީ ފެށިފައެވެ. ފަތުރުވެރި ކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް، ކޮލިފައިޑް ދިވެހިން ގެންދިއުމަށް، މިނިސްޓްރީއާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ކޮލިފައިޑް ނޫން ނަމަވެސް، އެކްސްޕީރިއަންސް ނުވަތަ ތަޖުރިބާހުރި ދިވެހީންނަށްވެސް ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންވެސް، އިތުރު މަސައްކަތްކުރެވެމުން ދާނެއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ފަތުރުވެރިކަމުގެ އައު ސިޔާސަތަކީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ރައްޔިތުންނަށްވެސް، ފަތުރުވެރިކަމުގައި ޙިއްސާވެވޭ، އަދި ވަޒީފާގެ ގިންތި ތަކުގައި ޚިދުމަތްކުރާނޭ ފުރުސަތު ފަހި، ހަމަ އެހެންމެ ފަތުރުވެރިކަމުގެ ލާބައާއި މަންފާލިބެނިވި ބަޔަކަށް ހަދައިދިނުމެވެ.

މިދެންނެވި މަގަށް ފަތުރުވެރި ކަމުގެ އައު ސިޔާސަތު، ބައްޓަންވެ ތަރައްޤީވެގެން ދާއިރު، މިހާރު މިދާއިރާގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ދިވެހިންގެ ނިސްބަތް ދާދި ހަމަ ހަމަ މިންގަނޑެއްގައި އޮތް ނަމަވެސް، ކުރިމަގުގެ އަމާޒަކީ، މި ދާއިރާގައި ވަޒީފާއަދާކުރާ ދިވެހިންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް