ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:24
މިގޮތުން ރައީސް ސޯލިޙުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ވަނީ 80 އަށްވުރެން ގިނަ ގައުމުތަކުގެ އެކި ފެންވަރުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފައި
މިގޮތުން ރައީސް ސޯލިޙުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ވަނީ 80 އަށްވުރެން ގިނަ ގައުމުތަކުގެ އެކި ފެންވަރުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފައި
ޝުއައިބް މުހައްމަދު އިގްބާލް
ޚާރިޖީ ގުޅުމަށް އައި ހެޔޮ ބަދަލު
ރައީސް ސާލިޙުގެ ސަރުކާރުން ވިދަމުންދަނީ، ޚާރިޖީ ސިޔާސަތުގެ އައު ބާބެކެވެ!
 
ރައީސް ސާލިޙުގެ ސަރުކާރުން ވިދަމުންދަނީ، ޚާރިޖީ ސިޔާސަތުގެ އައު ބާބެއް
 
އިންސާނީ ޙައްގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ މަފްޙޫމަށް ލޯބިކުރާ ޔޫރަޕާއި އެމެރިކާފަދަ ގައުމުތަކުގެ ހިތްހަމަ ނުޖެހުން އައި
 
ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އަމަލް ކުރަމުން ގެންދިޔަ ގޮތުގެ ސަބަބުން ދިވެހި ޖައްވުގައިވެސް އޮތީ، ބިރުވެރިކަން އިންތިހާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އައު ސަރުކާރު ފެށިގެން ދިޔައިރު، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭރު ބައްޓަން ކުރެވިފައި އޮތް ގޮތުން، ފެންނަމުންދިޔައީ، ރާއްޖެއާމެދު ޝައްކާ ވަހުމުގެ ނަޒަރެއް ދުނިޔެ އިން ފެންނަމުންދިޔަ ތަނެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެގެންދިޔަ ވަކިވުމަކީ، މީގެ އެއް މިސާލެވެ. އީރާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލުން އެއީ އަނެއް މިސާލެވެ. ގަތަރާއެކު އޮތް ޒަމާންވީ ޚާރިޖީ ގުޅުން ކަނޑާލުމަކީވެސް މީގެ އެއްކަމެވެ. އެންމެ ގާތް އަވަށްޓެރިއާ އިންޑިއާއާއި ރާއްޖެއާއިއެކު އޮތް ގުޅުން ހީނަރުވެފައި އޮތް އޮތުމަކީވެސް، މިގޮތުން ގުނޭނެ މިސާލެކެވެ.

މީޑިއާގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ސިޔާސީ މީހުން ޖަލުގެ ތޭރިގެ ތަކުގެ ފަހަތުން ފެންނާން ތިބި ތިބުމަކީ، ޚާއްސަކޮށް، އިންސާނީ ޙައްގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ މަފްޙޫމަށް ލޯބިކުރާ ޔޫރަޕާއި އެމެރިކާފަދަ ގައުމުތަކުގެ ހިތްހަމަ ނުޖެހުން އޭރު ރާއްޖެއަށް އޮތެވެ. މިދެންނެވި ކަންކަމުގައި ރާއްޖެއިން އަމަލް ކުރަމުން ގެންދިޔަ ގޮތުގެ ސަބަބުން ދިވެހި ޖައްވުގައިވެސް އޮތީ، ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.

ބިރުވެރިކަން ނުވަތަ "ފިއަރ"ގެ ދުލީގެ ތެރެއިން ނިކުންނަން ބޭނުންވެފައި ތިބީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައި އޮތް އެކުވެރި ދައުލަތްތަކަށްވެސް މިކަމަކީ ރުހިގެން ތިބެވެން އޮތް ސިޔާސަތު ތަކަކަށް ނުވިއެވެ. އެހެން ކަމުން ރައީސް ސޯލިޙު ފަށްޓަވާ އައު ޒަޢާމަތުގެ ޚާރިޖީ ސިޔާސަތުގެ ރިޔާ އޭރު ބަދަލުކޮށްލަން މަޖުބޫރުވެފައި އޮތީ، އޮޔާ ވަޔާ އެއްކޮޅަށެވެ. ދުނިޔޭގެ ވިންދާ އެއްކޮޅަށެވެ. ދިވެހީންގެ އެދުމާ އެއްގޮތަށެވެ.

މިގޮތުން ރައީސް ސޯލިޙުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ވަނީ 80 އަށްވުރެން ގިނަ ގައުމުތަކުގެ އެކި ފެންވަރުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރޭގައި 11 ގައުމެއްގެ ރައީސުންނާއި، 13 ގައުމެއްގެ ބޮޑުވަޒީރުންނާއި، 39 ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި 56 ގައުމެއްގެ ސަފިރުންނާއި، 81 ގައުމެއްގެ މަތީފެންވަރުގެ މަންދޫބުންނާއި ބައްދަލު ކުރައްވައިފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ސޯލިހު

މިދެންނެވި ބައްދަލުވުން ތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަހިވެގެންދިޔަ ކަންކަމުގެ ތެރޭގައި، ހަމައެކަނި ވިސާގެ ފަހިކަމަށް ބަލާއިރު، އިންޑިއާ އާއި ސްރީލަންކާއިން ވިސާގެ ބޮޑު ލުއިތަކެއް ދިވެހިންނަށް ލިބުނެވެ. މިގޮތުން ސްރީލަންކާއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ދިވެހިންނަށް ހަމަޖެހުމާއި އެގައުމުން، އެގައުމުގައި ކިޔަވާ 18 އަހަރު ނުފުރޭ ދިވެހި ކުދިންގެ މަންމައާއި ބައްޕަގެ އިތުރުން އެކުދިންގެ މާމަ ކާފައަށްވެސް ވިސާލިބޭނެ މަގު ފަހިވެގެން ދިޔައެވެ.

އިންޑިއާއަށް ބަލާއިރު، ޓޫރިޒަމާއި ބޭސްފަރުވާއާއި ވިޔަފާރިއާގުޅޭ ދަތުރުތަކަށް ދިވެހީންނަށް ކޮންމެ 6 މަސްދުވަހަކުން 90 ދުވަހަށް، ވިސާއާއިނުލައި އެގައުމަށް ދެވޭނެ ގޮތް ހަމަޖެހުމާއި، ދިވެހި ކިޔަވާކުދިން ކިޔަވަން އެގައުމުގައި ތިބޭ މުއްދަތުގައި، މަލްޓިޕުލް އެންޓްރީ ސްޓޫޑެންޓް ވިސާ ހަމަޖެހުމާއި، 18 އަހަރުން ދަށުގެ ދިވެހި ކުދީންގެ ބެލެނިވެރިންނަށް، އެ ދަރިވަރުންގެ ވިސާގެ މުއްދަތަށް، މަލްޓިޕުލް އެންޓްރީ ވިސާ ހަމަޖެހުނެވެ. އަދި ދިގު މުއްދަތަށް ބޭސްކުރަންޖެހޭ ދިވެހީންނަށް 6 މަސްދުވަހަށާއި އަދި ޙާލަތަށް ބަލައި 1 އަހަރަށް، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވިސާލިބޭނެ މަގު ފަހިކޮށްދިނުމާއި، މަތީތަޢުލީމަށް ކިޔެވުމަށާއި ރިސާރޗް ހަދަންތިބޭ ދަރިވަރުންގެ 18 އަހަރުނުވާ ދަރިންނާއި އަނބިންނާއި ފިރިންނާއި މައިންބަފައިންނަށްވެސް ، ވިސާލިބޭނެ މަގު ފަހިކޮށްދިނެވެ.

މި ދެންނެވި ދެގައުމުގެ އިތުރުން، ޔޫ.އޭ.އީ، އާއި ރަޝިޔާއާއި،ތައިލެންޑާއި، މޮރުކޯއަށް، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދިޔައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް