ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 00:49
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީޑިއާތައް ޖޫރިމަނާ ކުރުން
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީޑިއާތައް ޖޫރިމަނާ ކުރުން
މީޑިއާ ބިރުވެރިކަމުން ވީއްލުން
ރައީސް ސާލިޙުގެ ސަރުކާރާއެކު، އަނެއްކާވެސް މިނިވަން މީޑިއާއަކަށް ޖާގަ ލިބިފައި!
 
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީޑިއާތައް ޖޫރިމަނާ ކުރުން
 
މިނިވަން ނޫސްވެރިކަމަށް ޖާގަލިބި ޙައްގުތަކުގެ ބޭނުން، ނޫސްވެރިން ހިފަމުން ގެންދާ އެއް ވަގުތަކީ މިއީ
 
ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަނެއްކައިވެސް ދިރުން ގެނެސްދިން

މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ބަލައިގަނެ، ދިވެހިރާއްޖެ ޒަމާނީ ދިމިގްރާތީ ނިޒާމުގެ ފޭރާންލީ، 7 އޯގަސްޓު 2008 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް، ތަސްދީޤު ކުރައްވައި، ގެޒެޓުގައި ޝާއިޢު ކުރެއްވި، "އައު ގާނޫނުއަސާސީ" ންނެވެ. އެއީ 2008 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު އޮތް، "ރައްޔިތުންގެ ޚާއްސަ މަޖިލިސް" ގެ، 272ވަނަ ޖަލްސާއިން ފާސްކުރި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" އެވެ. މި ދެންނެވި ޤާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ޙައްގުތަކާއި މިނިވަންކަން" މި ބާބުގެ 27 އަދި 28 ވަނަ މާއްދާއިން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން، އިހުނަށްވުރެ ބޮޑަށް ކަށަވަރު ކޮށްދިނެވެ. މިއީ މިނިވަން މީޑިއާ އަކަށް ޖާގަލިބިގެންދިޔަ "މިނިވަން މީޑިއާ" ގެ އައު ޒަމާނެއްގެ ފެށުމެވެ.

ސުވާލަކީ، 2013 ގައި، ރާއްޖެ ޓީވީ އަންދާލި ޙާދިސާއާއި، ކޯޓު ޙުކުމެއްގެ ސަބަބުން 2016ގައި ރާއްޖޭގެ ލީޑިން ނިއުސްޕޭޕަރ "ހަވީރު" ހުއްޓާލުން، މިނިވަން މީޑިއާގެ އައު ޒަމާން ފިރުކިގަތް ހިސާބާ އިއްތިފާޤުވީ، ކީއްވެ ހެއްޔެވެ؟ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޒަޢާމަތުގައި، މީޑިއާއަށް ހުޅުފައިވަނީ، މިނިވަންކަމުގެ ކޮން ދޮރެއް ހެއްޔެވެ؟

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާން ކުރަނީ، "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ" މިހެންނެވެ.

މި މާއްދާ އާއި ވިދިގެން އޮތް 28 ވަނަ މާއްދާގައި ބުނަނީ، "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެންނެއް ނުވާނެއެވެ".

ކުރީގެ ސަރުކާރުން މީޑިއާ ތަކަށް އެތައް ހުރަސްތަކެއް ކުރިމަތިކުރުވި

މި ދެންނެވި ދެ މާއްދާއިން، ލިބިދިން މީޑިއާގެ މިނިވަންކަމުގެ ތެރޭގައި، ފެންނަމުންދިއަ ޓީ.ވީ، ރޭޑިއޯ، އާއި ނޫސްވެރިކަމުގެ އައު ޒަމާނުގެ ތެރެއިން "ރާއްޖެ ޓީވީ" އަކީވެސް، މިނިވަންކަމާއެކު ޚިޔާލުފާޅުކުރަމުން އައި ޓީވީއެކެވެ. ހަމަ އެހެންމެ، "ހަވީރު" ނޫހާއި "ހަވީރު އޮންލައިން" އަކީވެސް، މިނިވަން ޚިޔާލުތައް ހާމަކުރަމުން ގެންދިއަ ނޫހެކެވެ. މިދެންނެވި މިނިވަން ޚިޔާލު ތަކުގެ ވަސީލަތްތަކަކަށް، އިސްވެ ދެންނެވި ވަސީލަތްތައް ހަދައިދިނީ ގާނޫނުއަސާސީންނެވެ. އެއީ މިނިވަން ދިމިގްރާތީ ގައުމެއްގައި ނަމަ، އެކަންކަން ހިނގާނެ މަގެވެ. ޚިޔާލު ފާޅުކުރުމުގެ މިފަދަ މިނިވަންކަން، ދިވެހި ކޮންމެ ރައްޔިތަކަށްމެ، އައު ގާނޫނުއަސާސީން ލިބިދިނެވެ. އެހެންކަމުން، ފާޅުކުރެވޭ އެއް ޚިޔާލަކާމެދު، ހިތްހަމަ ނުޖެހޭ މިހާގެ ޚިޔާލު އޭނާ އެދޭ ގޮތަށް ފާޅުކުރުމުގެ ފުރުސަތުވެސް އޮތީ ހަމަހަމަ ކަމާއެކު، ފަހިވެފައެވެ. މާނައަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލު ފާޅުކުރާށޭއޭ ބުނުމެވެ. މި އުސޫލުން އޮންނަންވާނި މަގަކީ، އެއްފަރާތެއްގެ ޚިޔާލަށް ނުރުހޭ މީހާ، އޭނާގެ ޚިޔާލުވެސް ހާމަކުރުމެވެ. ބަސްބުނާ މީހާއަށް ނުވަތަ ފަރާތަށް ނަފުރަތު ކުރުމުގެ ބަދަލުގައި، އަނެކާވެސް ޢަމަލުން ބުނަންވީ ބަހެވެ. ފާޅުކުރަންވީ ޚިޔާލެވެ. އެ ޚިޔާލެއް ބަލައިގަތުމާއި ބަލައި ނުގަތުމުގެ ޙައްގުވެސް މި މަފްޙޫމުގައި އެބަ އޮތެވެ.

މިނިވަން ނޫސްވެރިކަމެއްގެ އެންމެ ޅަފަތުގައި އޮތްވައި، 7 އޮކްޓޯބަރު 2013ގެ ހެނދުނު 7:11ގައި، ރާއްޖެ ޓީވީން ކުރި ޓުވީޓަކީ، ރާއްޖެ ޓީވީގައި ބަޔަކު ރޯކޮށްލި ޙާދިސާގެ އަލިފާނުގައި، އެތާނގެ ބްރޯޑްކާސްޓުކުރާ ހުރިހާ އިކްއިޕްމަންޓަކާއި، ޓްރާންސްމިޝަން އިކްއިޕްމަންޓުތަކާއި، ކޮމްޕިއުޓަރ ސިސްޓަމް އަނދައިގެން ދިޔަ ވާހަކައެވެ.

"ކުއީން އޮފް ދަ ނައިޓް" ބިލްޑިންގުގައި، ރާއްޖެޓީވީ ހިނގަމުންދިޔަ ފަނގިފިލާގައި ހިނގައިދިއަ، މިދެންނެވި ޙާދިސާއަކީ، މިނިވަންކަމާއެކު، ޚިޔާލުފާޅުކުރުމަށް ދިން، އެންމެ ނުރައްކާތެރި ޙަމަލާއެވެ. މިނިވަން ޚިޔާލުގައި ރޯކޮށްލުމުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދިން ނޫސްވެރިކަމުގެ މިނިވަންކަން ސިހިގެން ދިޔައެވެ.

މިދެންނެވި ހާދިސާގެ ތިން އަހަރު ފަހުން، ދެން ލިބިގެންދިއަ ދެވަނަ ސިހުމަކީ، 27 ޑިސެމްބަރު 1978ން ފެށިގެން 2016 ވަނަ އަހަރުގެ މާރޗް 31 އާއި ހަމައަށް، ނިކުންނަމުންދިއަ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު ނޫސް "ހަވީރު" ނެރުން ހުއްޓައިލި ޚަބަރެވެ. އެކަން ހިނގައިދިޔައީ ހަވީރުގެ މިލްކުވެރިކަމާމެދު، ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ތެރެއިންނެވެ. އެއީ "ހަވީރު ނިއުސް އެޖެންސީގެ" ގެ މަސްއޫލުވެރިން ކޯޓަށް ހުށަހެޅި މިލްކުވެރިކަމުގެ މައްސަލައެކެވެ. އެކަމުގައި ސިވިލް ކޯޓާއި ހައިކޯޓުންވެސް، ޙުކުމަކާއި ހަމައަށް ދިޔައެވެ. ކޮންމެއަކަސް އެހައިތަނުން "ހަވީރު" ނޫހާއި "ހަވީރު އޮންލައިން" ނިކުތުން އެ ހުއްޓުނީއެވެ.

މިއީ އެކަމެއްގެ ސަބަބުން ހަމަ ގައިމުވެސް ހަވީރުގެ ކިއުންތެރިންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ކަމެކެވެ. މި ދެންނެވި އަސަރުތައް ތާޒާކަމާއެކު އޮތްވައި، ދެން ލިބުނީ ހަވީރުގެ 90 އަށްވުރެން ގިނަ މުއައްޒަފުން، ހަވީރުން ކެނޑުނު ޚަބަރެވެ. އޭގެ ދުވަސްތަކެއް ފަހުން މިދެންނެވި މުވައްޒަފުންގެ އިސްނެގުމެއްގެ މަތިން "މިހާރު" ކިޔާ ނޫހެއް އުފަންވެގެން އައެވެ. އެއާއެކު، މިހާއު އޮންލައިނާއި ޗާޕުވެގެން ނިކުންނަންފެށި "މިހާރު ނޫސް" މީހުންގެ އަތްމައްޗަށް އަރަންފެށިއެވެ. އަނެއްކައިވެސް މިނިވަން ޚިޔާލުގެ ނޫސްވެރިކަމެއްގެ ގޮތުގައެވެ.

މިނިވަން ނޫސްވެރިކަމަށް ޖާގަލިބި ޙައްގުތަކުގެ ބޭނުން، ނޫސްވެރިން ހިފަމުން ގެންދާ އެއް ވަގުތަކީ މިއީ

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ބޮޑު ޢަދަދުތަކުން ޖުރުމާނާ ކުރެވޭގޮތަށް ފަރުމާކުރި "ޑިފަރމޭޝަން ލޯ" 47 މެންބަރުންގެ ވޯޓުން ފާސްވުމާއި ހަމައިންނެވެ. މިކަމުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަންގ، ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓުނެވެ.

ރައީސް ސާލިޙުގެ ސަރުކާރު، ސަރުކާރު ފެށުމާއެކު، މިދެންނެވި ކަންބޮޑުވުމަށް ނިމުން ގެނެސްދިނެވެ. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަނެއްކައިވެސް ދިރުން ގެނުވައި ދިނެވެ. އެހެންކަމުން މިއަދު ފެންނާން މި އޮތީ، މިނިވަން ކަމާއެކު، ޚިޔާލު ފާޅުކުރަމުން ގެންދާ ޓީވީ ތަކާއި ނޫސްތަކެވެ. އެކި ޓީވީ ޗެނަލްތަކުން ފެންނަނީ އެކި ފިކުރެވެ. އެކި ޚިޔާލެވެ. ސަރުކާރުގެ ސިޔާސަތު ތަކަށް ފާޅުގައި ފާޑުކިއުންވެސް، މިދެންނެވި މިނިވަން ނޫސްވެރިކަމުގައި އެބަ އޮތެވެ. އެހެންކަމުން މިނިވަން ނޫސްވެރިކަމަށް ޖާގަލިބިދިން، އަދި، ޚިޔާލު ފާޅުކުރުމަށާއި ނޫސްވެރިކަމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދިން މިނިވަންކަމުގެ ޙައްގުތަކުގެ ބޭނުން، ނޫސްވެރިން ހިފަމުން ގެންދާ އެއް ވަގުތަކީ މިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް