ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:12
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ސަރުކާރު ޖަވާބުދާރީ ކުރުން
ރައީސް ސާލިޙުގެ ޒަޢާމަތުގައި، ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހެއް ހިނގަމުންދާ، ހާމަބޮޑު މަންޒަރެވެ
 
ޙާޒިރުކުރަން ޖެހުނު ކޮންމެ ބޭފުޅަކުހެން، މަޖިލީހަށް ޙާޒިރުކޮށް، ސުވާލު ކުރޭ
 
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، މަޖިލިސް ސާބިތުވެފައި އޮތް ހަރުދަނާ ކަން ފެންނަން އެބައޮތް
 
ހުއްޓުމެއްނެތި ކުރިއަށްގެންދާ މަޖިލީހެއްގެ ތެރެއިން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާތަން ފެނޭ

ޤާނޫނުއަސާސީގެ ތިންވަނަ ބާބު ޚާއްސަވަނީ، ރައްޔިތުންގެ މަޖިލީހަށެވެ. މި ބާބު، ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ފެށިގެން، 105 ވަނަ މާއްދާއަށް، ނިމިގެން ދާއިރު، އެ ދެމެދުގައިވާ 35 މާއްދާއަކީ، ރައްޔިތުންގެ މަޖިލީހާއި މަތިކުރެވިފައިވާ، ބާރުތަކާއި، ޒިންމާތަކާއި، މަސްއޫލިއްޔަތަކާއި، ވާޖިބުތައް، ކަޅާ ހުދުން، ހާމަކޮށްދީފައިވާ، މާއްދާތަކެވެ.

މިދެންނެވި މުޅި ބާބުން، އެ މަޖިލީހާ މަތިކޮށްފައިވާ އެންމެހާ ކަންކަމުން އެނގި ހާމަވަނީ، މިނިވަން ދިމިގްރާތީ ވެރިކަމެއް ހިނގަމުން އަންނަ، ދިވެހި ދައުލަތުގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން އޮތް މިންވަރެވެ. އެ މަޖިލީހުގެ ބާރުގަދަކަމެވެ. އެ ބާރުތައް މަޖިލީހަށް ދީފައި އެ އޮތީ، ގައުމުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނާރެހަކީވެސް، މި މަޖިލީހަށް ވީތީ އެކަންޏެއް ނޫނެވެ. ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހިނގަމުންދަނީ، މިނިވަން ދިމިގްރާތީ ނިޒާމު ފަރުމާ ކޮށްފައިއޮތް ހަމަތަކާއި އުސޫލްތަކާއި އެއްގޮތަށް، ގާނޫނީ ތަރަހައިގެ ތެރޭގައިތޯ؟ ކަށަވަރު ކުރުމަށްވެސް މެއެވެ.

ކޮންމެއަކަސް، 70 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ އަކުރުގައި ބުނަނީ، "ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން" މިހެންނެވެ. ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޒަޢާމަތުގައި، ހިނގަމުން އަންނަ ސަރުކާރު ޖަވާބުދާރީ ކުރުވަން، ޚުދު އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހަކުން، ކިހާ މިނިވަންކަމާއެކު، އެ ދައުރު އަދާކުރޭ ހެއްޔެވެ؟

ފުރަތަމަ ކަމަކަށް ފެންނަ އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ، މަޖިލީހުގެ ޖަލްސާތައް ބާއްވަން ހަމަޖެހިފައި އޮތް ގަވާޢިދާ އެއްގޮތަށް، މަޖިލީހުގެ ޖަލްސާތައް ބާއްވަމުންގެންދާ ކަމެވެ. ރައީސް ޔާމީންގެ ރައީސްކަމުގެ ދައުރުގައި، އޭރު ފެންނާން އޮތް މަޖިލީހުގެ ރައީސް މަސީހުގެ ރިޔާސަތާ ޚިލާފަށް، މިއަދުގެ މަޖިލިސް ހުއްޓުމެއް، ތަޅުއެޅުވުމެއް ނެތި، ކުރިއަށް ގެންދާކަމެވެ.

ޚާއްސަ ގޮތެއްގައި، އިދިކޮޅު މެންބަރުންގެ އަޑު، އިއްޔެ ފެނުނު ފަދައިން، މިއަދު ކަނޑުވައިލައިފާ ނެތްކަމެވެ. ހުއްޓުމެއްނެތި ކުރިއަށްގެންދާ މަޖިލީހެއްގެ ތެރެއިން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް، މިއަދު ގާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ފެންނަމުން އެބަ ދެއެވެ.

ހުއްޓުމެއްނެތި ކުރިއަށްގެންދާ މަޖިލީހެއްގެ ތެރެއިން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާތަން ފެނޭ

މިސާލަކަށް އެންމެ ފަހުން، އޮޑިޓަރޖެނެރަލްގެ ރިޕޯޓުން ފެންމަތިވި ހެލްތް މިނިސްޓްރީއަށް އިނގިލި ދިއްކުރެވުނު މައްސަލައަށް ބަލައިލަމާ ހެއްޔެވެ؟ އެއީ ކޮވިޑް19 ގެ ފުރަބަންދުގެ ތެރޭގައި، ސިއްޙީ ދާއިރާގެ ބޭނުމަށް ކޮންމެހެން ގަންނަން ޖެހުނު ވެންޓިލޭޓަރުތަކެއް، ގެންނަން ބައެއް ފަރާތަކާއި ޙަވާލުކުރީ، ސުވާލު އުފެދޭ ގޮތަކަށް ކަމަށްވާތީ، އެ މައްސަލަ އާއިމެދު، އޮޑިޓަރޖެނެރަލަށް ފާހަގަ ކުރެއްވި ކަންބޮޑުވުންތަކުގެ މައްސަލައެވެ.

މި މައްސަލަ ބަލަން، ހެލްތް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތައް، މަޖިލީހަށް ހާޒިރުކޮށް، މައްސަލަ ބަލަންފެށުނެވެ. އަދި މިކަންކަން މިނިވަން ކަމާއެކު ބަލައި، ތަޙުގީގުކުރަމުން ގެންދާތީ، ހެލްތް މިނިސްޓަރވެސް މައްސަލަ ނިމެންދެއް، މަގާމުގެ ޒިންމާތަކުން އެކަހެރިވިއެވެ. އަދި ހަމަ އެހެންމެ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން ރައީސުލްޖުމްހޫރިއްޔާ އެހެން ބޭފުޅަކު ޢައްޔަން ކުރެއްވިއެވެ. އަދި އޮޑިޓަރ ޖެނެރެލަށް ފާހަގަވިކަންކަންވެސް މަޖިލީހުން އިތުރަށް ބެލިވެސް މެއެވެ. އެހެންކަމުން، މި ފެންނަނީ ހިނގަމުންދާ ސަރުކާރެއްގެ ތެރޭގައި ކަރަޕްޝަނަށް ކިރިއާވެސް ތުހުމަތެއް ކުރެވިދާނެ ކަމެއްގެ އެލާމް އަޅާތަނުންވެސް، ރައްޔިތުންގެ މަޖިލިސް އެކަމުގެ ހަގީގަތް ދެނެގަންނަން އެލާޓަށް އަންނަ މިންވަރެވެ.

މިދެންނެވި އުސޫލުން، މަޖިލީހުގެ ކޮމިޓީތަކަށް، ޙާޒިރުކުރަން ޖެހުނު ކޮންމެ ބޭފުޅަކުހެން، ޙާޒިރުކޮށް، ސުވާލު އުފެދިފައިވާ ކަންކަން ބެލުމަކީ، މިއަދު ލައިވްކޮށް ރައްޔިތުންނަށް ފެންނަމުންދާ މަންޒަރު ތަކެވެ.

ދާދިފަހުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނަށް ބަލާއިރުވެސް، އެ ގާނޫނު ތަސްދީގު ވުމަށްފަހު، ވަކި މުއްދަތެއްގެ ތެރޭގައި އެކުލަވައިލާ ނިންމަން އޮތް ގަވާއިދު، ލަސްވަމުން ދާތީވެސް، މަޖިލީހުގައި އެ އަޑު އުފުލިއެވެ. ސުވާލު ކުރަންފެށިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، މަޖިލިސް ސާބިތުވެފައި އޮތް ހަރުދަނާ ކަން ފެންނަން އެބައޮތް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި، އެ މައްސަލަ ތަކާއި ގުޅިގެން ހުޅުވާލި ބަޙުސްގެ މަރުހަލާ ތަކަށް ބަލާއިރުވެސް، ފެންނާން އޮތީ، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުފެށި ލަސްވަމުންދާ ކޮންމެ ކަމެއްގެ ކަންބޮޑުވުން، މަޖިލީހަށް އޮތް މިންވަރެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، މަޖިލިސް ސާބިތުވެފައި އޮތް ހަރުދަނާ ކަމެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ސިސްޓަމުން ފެންނަ، ދެފުށްފެންނަ ޑިކޮމްރެޓިކް ނިޒާމު، ރައީސް ސާލިހުގެ ޒަޢާމަތުގައި، މި ގައުމުގައި މިނިވަން ކަމާއެކު، ހިނގަމުންދާކަން ޔަޤީންކުރެވޭ މަންޒަރު ތަކެވެ.

މިއީ، ރައީސް ސާލިޙު ނިސްބަތްވާ އެމް.ޑީ.ޕީގެ އާދަޔާޚިލާފު ބޮޑު އަޣުލަބިއްޔަތެއް، މަޖިލީހުގައި އޮވެމެ، ސަރުކާރަށް ފާރަވެރި ވުމުގައި، އެ ޕާޓީގެ މެންބަރުންނާއި، މުޅި މަޖިލިސް، މިދެންނެވި މަސްއޫލިއްޔަތު އުފުލުމުގައި، ސާބިތުވެ އޮތް މިންވަރު ހާމަވާ ކަމެކެވެ. މިސާލަކަށް މި މަންޒަރަކީ، އޮޕޮޒިޝަންގެ އަތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮތްނަމަވެސް، ފެންނާނެ މަންޒަރެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޒަޢާމަތުގައި ދިވެހި ދައުލަތުގެ ތިންބާރުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލިސް، ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ގާނޫނު އަސާސީން އެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރާކަމީ، ހެޔޮ ވެރިކަމެއް، ރާއްޖޭގައި ހިނގަމުންދާ ކަމުގެ ހާމަބޮޑު މަންޒަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް