ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 00:54
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއެކު، ބޭއްވި ރަސްމީ ވާހަކަފުޅުގެ ތެރެއިން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއެކު، ބޭއްވި ރަސްމީ ވާހަކަފުޅުގެ ތެރެއިން
ރައީސް އޮފީސް
އައު ސަރުކާރުގެ ޚާރިޖީ ސިޔާސަތު
ދިވެހިރާއްޖެ ދުނިޔެއާއެކު އަތުގުޅާލައި، އަނެއްކާވެސް ބައިނަލްއަގުވާމީ ސަފަށް!
 
ވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި މިވަނީ، ދުނިޔެއާއިއެކު އަތުގުޅާލައި، އަނެއްކާވެސް ބައިނަލްއަގުވާމީ ސަފަށް ނިކުމެފައި
 
ރާއްޖެއާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ޒަމާންވީ ގުޅުންތައް ތިލަކޮށްދެއްވި
 
އަވަށްޓެރި ގައުމުތަކާ މި ބާއްވާ ގުޅުން ހަރުދަނާ ކުރަންޖެހޭ

ރާއްޖޭގައި، އެމެރިކާގެ ރެޒިޑެންޓު އެމްބަސީއެއް، ޤާއިމްކުރަން، އެމެރިކާއިން، ޝައުޤުވެރިވިމަކީ، ރާއްޖެފަދަ ކުޑަ ގައުމެއްގެ ޢިއްޒަތާ، ޤަދަރާ، ޝަރަފު، ދުނިޔޭގައި އުފުލިގެންދާނެ ކަމެކެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ އިހަށް ދުވަހު، ރާއްޖެއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއެކު، ބޭއްވި ރަސްމީ ވާހަކަފުޅު ތަކަށްފަހު، މިކަން ވަނީ އިޢުލާން ކުރައްވާފައެވެ. ޕޮމްޕޭގެ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި، އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

ރައީސް ސާލިޙުގެ މި ދައުރުގައި، ރާއްޖޭގައި ޔޫ.އޭ.އީގެ އެމްބަސީ ހުޅުވި، އިނގިރޭސި ވިލާތުގެ ހައިކޮމިޝަންވަނީ ހުޅުވައިފައެވެ. ކުރިމަގުގައި އެމެރިކާގެ އެމްބަސީ ހުޅުވުމުން، ރައީސް ސޯލިޙުގެ ޒަޢާމަތަކީ، ބޮޑެތިބޮޑެތި ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުޅުވަންފެށި ޒަޢާމަތަށް ވެގެން ދާނެއެވެ. ހަމަ އެހެންމެ މި ޒަޢާމަތަކީ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ މެންބަރަކަށް ރާއްޖެ ވުމުގެ އިތުރުން، ކޮމަންވެލްތުގެ މެންބަރަކަށް އަލުން ރާއްޖެވެ، އިސްލާމީ ގައުމުތަކުގެ ޖަމްޢިއްޔާއަށް ސަފީރަކު ކަނޑައަޅުއްވައި، ސާކުގެ ޖަލްސާތަކުގައި އިހުނެކޭ އެއްފަދައިން ރާއްޖެ ބައިވެރިވާންފެށި ޒަޢާމަތެވެ.

ދުނިޔޭގެ ގައުމުތަކާއެކު ސިޔާސީގުޅުން ގާއިމްކޮށް، ދިވެހީންނަށް ހިލޭ ވިސާގައި ދަތުރުކުރެވޭ ނިސްބަތް، މިސާރުކާރުން އިތުރުކޮށްދީފިއެވެ. މީގެކުރިން ރާއްޖެއިން ދުވަހަކު ބައްދަލުކޮށްފައިނެތް، ކިތަންމެ ގައުމެއްގެ އިސްވެރިންނާއި ޚާރިޖީވަޒީރުންނާއި، މި ދައުރުގައި ރާއްޖެއިން ބައްދަލު ކޮށްފިއެވެ. ނަތީޖާއަކަށްވީ ރައީސް ޔާމީންގެ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެހީއަށްވުރެ، ގިނަ އެހީ ރާއްޖެއަށް ލިބިގެން ދިއުމެވެ.

ދުނިޔެއާއިއެކު، ރާއްޖެ ބައިނަލް އަގުވާމީ މައިދާނުގައި އަތުގުޅާލައި، އިންސާނީ ހައްގުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޑިމޮކްރެޓިކް ވެރިކަމެއްގެ ނިޒާމު ހަރުދަނާކުރަން ފެށިފެށުމީ، ދުނިޔޭގެ ރުހުން ރާއްޖެއަށް ލިބިގެން ދިއުމެވެ. މިހާތަނަށް ލިބިފައިނެތް ވިސާގެ ފަސޭހަތަކާއި، ބޭރުގެ އެހީ އިތުރުވާންފެށި މައިގަނޑު ސަބަބަކީ މިއެވެ. ގިނަ ގައުމުތަކަކުން، ދިވެހި ރައްޔިތު މީހާއަށް ފަސޭހަ ލިބިގެން ދިއުމީ، ވިޔަފާރީގެ ބޭނުންތަކުގެ އިތުރަށް، ބޭސްފަރުވާއަށާއި، ޗުއްޓީއަށް ދަތުރުކޮށްލުމުގެ ފަސޭހަތައް ލިބިގެންދާނެ ކަމެކެވެ. މިއަދު، އިންޑިއާއާއި ސްރީލަންކާގައި ކިޔަވާކުދިންގެ ކާފަ މާމައަށްވެސް، މިވަނީ ހިލޭ ވިސާ ލިބިފައެވެ.

ޚާރިޖީ ވަޒީރުގެ ނަޒަރުގައި، މި ސިޔާސަތު މިހެން ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ރާއްޖެފަދަ މީސްކޮޅުމަދު، ވަސީލަތްމަދު ގައުމެއްގައި ޚާރިޖީ ސިޔާސަތުގެ އެންމެ ވަރުގަދަ އަސާސަކަށް ރައްޔިތުންނަށް ފައިދާހުރި ގޮތް ހޯދައިދިނުމެވެ. އެއީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮވެ، ބަދަހިކުރާ ޚާރިޖީ ސިޔާސަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮތުމަށްޓަކައި، އަޅުގަނޑުމެންގެ ސަރަޙައްދަކީ، ސުލްޙަވެރި އަމާން އޮމާން ސަރަޙަށްދަކަށް ބާއްވަން އެބަޖެހޭ. މިސާލަކަށް އިންޑިއަން އޯޝަން ރީޖަންގަ އެންމެ ފުރަތަމަ އެބަޖެހޭ އަޅުގަނޑުމެންގެ އަވަށްޓެރިންނާ ގާތްގުޅުމެއް ދަމަހައްޓަން. އެހެންވީމަ އަވަށްޓެރި ގައުމުތަކާ ގުޅުންބާއްވަން ރާއްޖެ އިސްކަންދެނީ. އަވަށްޓެރި ގައުމުތަކުގެ އިތުބާރު ރާއްޖެއަށް އޮންނަންޖެހޭ. އެއީ މި ސަރަޙައްދުގައި، ރާއްޖެއަކީވެސް، އޮމާން އަމާން ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ވަރަށް މުހިންމު ކަމެއް
ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު

އައު ސަރުކާރުން ދެކޭ ގޮތުގައި، ރާއްޖެއަކީ ޓޫރިޒަމްގެ މައްޗަށް ބިނާވެފައި އޮތް ގައުމެކެވެ. އިންޑިއަން އޯޝަންގައި ހަމަނުޖެހުން އޮތިއްޔާ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑަށް، އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ސަރަޙައްދީ ހަމަޖެހުމާއި ކުދި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް، ރާއްޖެ އިސްކަން ދީފައިވާ މިންވަރު، އިތުރަށް، އެމަނިކުފާނު ތަފްސީލު ކޮށްދެއްވިއެވެ.

ތާރީޚުގެ ތެރޭން ފެނިފަ އެބަ އޮތް، މިސާލަކަށް ވަކި ސަރަޙައްދެއްގެ އަމަންއަމާންކަން ގެއްލޭހިނދު، އެ ސަރަޙައްދެއްގައި އޮންނަ ކުދި ގައުމުތައް، އެހެން ބާރުތަކުން ފޮތިފޮތިކޮށްލައިގެން އުޅޭ މަންޒަރު. ރާއްޖެ އިސްނަގައިގެން 1989 ގައި، އދ. އަށް މިކަމާބެހޭ ގަރާރެއް، އެންމެ ފުރަތަމަ ހުށަހެޅީވެސް ރާއްޖެއިން. އެއީ ކުދި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމާބެހޭ ގަރާރު. އޭގެ ބުނެފަ އޮންނާނެ ކުދި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ބިނާވެފައި އޮންނަ އުސޫލަކީ، ބައިނަލް އަގުވާމީ ގާނޫނު ތަންފީޒު ވަމުން ދިއުންކަމަށް
ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޚާރިޖީ ވަޒިރުގެ ނަޒަރުގައި، ދެވަނަ ކަމަކީ، އަވަށްޓެރި ގައުމުތަކާ މި ބާއްވާ ގުޅުން ހަރުދަނާ ކުރުމެވެ. އިންޑިއާ ސްރީލަންކާ އަކީ، ރާއްޖެ މިނިވަންވެގެން ސިޔާސީ ގުޅުން ގާއިމްކޮށްގެން ގުޅުން ބަދަހިވެފަ އޮތް ދެގައުމެއް ނޫނެވެ. އޭގެ މާ އިހުއްސުރެ، މި ގައުމު ތަކުގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނާއި ދެމެދުގައި ވަރަށް ޚާއްސަ ގާތް ގުޅުންތަކެއް އޮތީ ގާއިމްވެފައެވެ. އެހެންވީމާ، މިރާއްޖޭގައި އޮންނަ ވެރިކަމެއް، ރާއްޖޭގެ ރައްޔިތުންގެ ގުޅުން އޮތް ގައުމަކާއެކު ޚާއްސަ ގުޅުންތަކެއް ބާއްވާނެއެވެ. އެއީ އެކަން އޮންނަންވާނެވެސް ގޮތެވެ.

އެންމެ ގިނަ ޢަދަދެއްގެ ދިވެހިން، ކުދިންނަށް ކިޔަވައި ދިނުމަށާ، ބޭސްފަރުވާއަށާއި، ވިޔަފާރީގެ މުހުތާދުތަކަށާއި ޗުއްޓީއަށް، މިއަދުވެސް ދަތުރުކުރާ ގައުމުތަކަކީ، ސްރީލަންކާ އާއި އިންޑިއާއެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިކަން މިހެން މިވަނީ، ރާއްޖެއާ އެންމެ ގާތުގައި އޮތް، މިވަރު ކަމެއް ކޮށްދެވޭވަރު ގައުމަކަށް އޮތީ އިންޑިއާ ކަމަށް ވީތީއެވެ. ސްރީލަންކާ ކަމަށް ވީތީއެވެ.

ރާއްޖެއާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ޒަމާންވީ ގުޅުންތައް، އެމަނިކުފާނު، ތިލަކޮށް ދެއްވަމުން ވިދާޅުވިއެވެ.

އެހެންވެ މިސާލަކަށް އިންޑިއާ އާއި ރާއްޖެއާ، ސްރީލަންކާއާއި ރާއްޖެއާއި، މި އޮންނަ ގުޅުން އެހާ ވަރުގަދަވަނި. އެއީ ތާރީޚީ ގޮތުން ގުޅިފަ އޮތް ގުޅުމެއް. މިސާލަކަށް ރާއްޖެއަށް ދިމާވި ހުރިހާ ބޮޑެތި ހާދިސާތަކެއްގައިވެސް ރާއްޖެއަށް އެންމެ އަވަހަށް އެންމެ ބޮޑު އެހީއެއް ވެދީފައި އޮތް ގައުމަކީ، އިންޑިއާ. އެއީ 1988ގެ ޢުދުވާނީ ޙަމަލާގައި، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށްދޭން އެންމެ ބޮޑު އެހީވެދިން ގައުމު. 2004ގެ ސުނާމީގައި އެންމެ ފުރަތަމަ ކާބޯތަކެތި ހިފައިގެން މަނަވަރު ތަކުގައި އައީވެސް އިންޑިއާ. މާލެ ފެނަށް ޖެހުނު ދުވަހު، ބަރާބަރު 6 ގަޑީއިރުގެ ތެރޭގައި އެއަރލިފްޓު ކޮށްފަ، ފެން ގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނީވެސް އިންޑިއާ. މިސާލަކަށް އަޅުގަނޑުމެންނަށް ކަންކަން ކޮށްދޭން ބޭނުންވެދާނެ މިސާލަކަށް ވެނެޒުއޭލާވެސް. އެކަމު އެއީ ލެޓިން އެމެރިކާ. އެއިން ތަނަކުން އެހީއެއް ފޯރުކޮށްދޭން ނަގާނެ ވަގުތު ވިސްނަވާ
ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު

ރާއްޖެ ޓީވީއަށް، ދެއްވި އިންޓަރވިއުގައި، ޝާހިދުވަނީ، ރާއްޖެއާއި ޗައިނާގެ ގުޅުމާމެދުވެސް، ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ، ވަކި ސަރުކާރަކާ ގުޅިފައިވާ ގުޅުމެއް ނޫނެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫޢެއް ހިންގައިދިނީ ޗައިނާ ސަރުކާރުންނެވެ.

އޮޕޮޒިޝަނުގައި އަޅުގަނޑުމެން އޮތް އިރުވެސް ދައްކަމުން ގެންދިޔަ ވާހަކައަކީ، ޗައިނާ ސަރުކާރުން ރާއްޖެއަށްދޭ އެހީގެ މައްސަލައެއް އޮވެގެން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑުމެން މިއަދުވެސް ދައްކާ ވާހަކައަކީ، ކުރީގެ ސަރުކާރުގައި ތިބިބަޔަކު، ބޭރު ގައުމު ތަކުން ދިން ހިލޭ އެހީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައްނޫން ގޮތްގޮތަށް ބޭނުންކުރިކަމާ، ޚިޔާނަތްތެރިވެފަ އޮތްކަން. ވައްކަންކޮށްފަ ހުރިކަން. ވައްކަންކުރީ ޗައިނާ މީހުންނެއްނޫން. ޚިޔާނަތްތެރިވީ ޗައިނާ ސަރުކާރެއްނޫން. އެކަންކަން ކުރީ ދިވެހިރާއްޖޭގައި ކުރީގައި އޮތް ޚުދުމުޚުތާރު ސަރުކާރުން. އެހެންވީމައި އެވާހަކަ އަޅުގަނޑުމެން، މިއަދުވެސް ދައްކަނި. މިސަރުކާރާ ޗައިނާއާ ތިބީ އެއްމާބަނޑު ދެބެންހެން. އެހާވެސް ގާތްކޮށް. ދެ ގައުމުގެ ގުޅުމާއި މި ހުރިހާ ކަމެއްވެސް ދަނީ ހިނގަމުން
ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮންގް އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޚާރިޖީ ވުޒާރާއިން ސިފަކުރައްވާ ގޮތުގައި، ރައީސް ސާލިޙުގެ ސަރުކާރުން، މި ވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި މިވަނީ، ދުނިޔެއާއިއެކު އަތުގުޅާލައި، އަނެއްކާވެސް ބައިނަލްއަގުވާމީ ސަފަށް ނިކުމެއެވެ. ރާއްޖެއާއިއެކު ގައުމުތަކުން އިހުއޮތް އިތުބާރު އަލުން މިވަނީ ދަހަމައްޓައި ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް