ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 21:35
އެމެރިކާގެ މަގުމަތީގައި ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރަނީ
އެމެރިކާގެ މަގުމަތީގައި ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ލައްކައިން މަތީގައި!
 
އެމެރިކާގެ މިޑްވެސްޓް ސަރަހައްދަކީ މިހާރު އެންމެ ހާލަތު ގޯސް ސަރަހައްދު
 
އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 20 ސްޓޭޓެއްގައި ވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައި
 
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 880 މީހުން އަންނަނީ އެމެރިކާގައި މިބަލީގައި މަރުވަމުން

އެމެރިކާގައި ހުކުރު ދުވަހު 129،606 މީހުންނަށް ކޮވިޑް-19 ޖެހިއްޖެއެވެ.

އެ ގައުމުގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، މިއީ ލައްކައަކަށް ވުރެ މަތިން ޕޮޒިޓިވް ކޭސްތައް ރިކޯޑް ކުރާތާ ޖެހިޖެހިގެން ތިން ދުވަސް ވަނީ ވެފައެވެ.

އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އެމެރިކާގައި ކުރަމުން އަންނައިރު އެމެރިކާ އަކީ ކޮވިޑް ރޯގާގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގޮތުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 20 ސްޓޭޓެއްގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވެފައެވެ. އެމެރިކާގެ މިޑްވެސްޓް ސަރަހައްދަކީ މިހާރު އެންމެ ހާލަތު ގޯސް ސަރަހައްދެވެ.

މި ސަރަހައްދުގައި ހިމެނޭ އިލިނޯއިއަކީ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ސްޓޭޓެވެ. އިލިނޯއިން ދުވާލެއްގެ މައްޗަށް 10،000ށް ވުރެ ގިނަ މީހުންނަށް އަންނަނީ ވައިރަސް ޖެހެމުންނެވެ. މީގެ އިތުރުން އިންޑިއާނާ، ނެބްރަސްކާ، ނޯތް ޑަކާޓޯ، އޮހިއޯ އަދި ވިސްކޮންސިންއިން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

ކޭސްތައް އިތުރުވާން ފެށުމުން ބައެއް ސްޓޭޓްތަކުގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގުމާއި ބޮޑެތި އެއްވުންތައް ނުބޭއްވުން ފަދަ ފިޔަވަޅުތައް އަޅާފައެވެ. އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރަކުން މިފަދަ އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. އެމެރިކާގެ 17 ސްޓޭޓެއްގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރެއް ނޫނެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު 54،000 އަށް ވުރެ މަތިން ރިކޯޑް ކުރާތާ ޖެހިޖެހިގެން 12 ދުވަސް ވަނީ ވެފައެވެ.

ޓެކްސަސްއަކީ މުޅި އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ 10 އިންސައްތަ ހިއްސާކުރާ ސްޓޭޓެވެ. އެ ސްޓޭޓުން ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިގެން 9000 މީހުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި އެމެރިކާގެ އެއް ސްޓޭޓަކުން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރާ ފުރަތަމަ ސްޓޭޓަށް ޓެކްސަސް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ވައިރަސް ޖެހޭ މީހުންނަށް ވުރެ އެ ގައުމުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 880 މީހުން އެ ގައުމުގައި އަންނަނީ މި ބަލީގައި މަރުވަމުންނެވެ. މި މަސް ތެރޭގައި 10 ސްޓޭޓެއްގައި އަންނަނީ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް