ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 14:59
ބޯޑަރު ހުޅުވާލިފަހުން ތުލުސްދޫއަށް އައި ފުރަތަމަ ދެ ފަތުރުވެރިންނާއި އެކު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ބޯޑަރު ހުޅުވާލިފަހުން ތުލުސްދޫއަށް އައި ފުރަތަމަ ދެ ފަތުރުވެރިންނާއި އެކު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ތުލުސްދޫގެ ފަތުރުވެރިކަން ފެށުން
ތުލުސްދޫ ރައްޔިތުންގެ އުންމީދަކަށް ބަދަލެއް ނާދޭ!
 
ރަށް ހުޅުވާލާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން
 
ގެސްޓްހައުސްތައް އަދި އެހެނިހެން ވިޔަފާރިތަކަށް ތުލުސްދޫ އޮތީ ތައްޔާރަށް

ޓޫރިޒަމް މިނިސްޓްރީ އިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިން ތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރަށުގެ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ލިބިގެނެއް ނުދެއެވެ.

ގެސްޓްހައުސްތައް ހުޅުވާލާ ރަށަށް އަލުން ފަތުރުވެރިން ގެނައުމަށް ރަށު ކައުންސިލުން ފެށިގެން، ރަށުގެ ވިޔަފާރިވެރިންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ރަށުގެ އާންމު ރައްޔިތުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތަށް މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ އެއް ރަށަކީ ކ.ތުލުސްދޫއެވެ.

ގެސްޓްހައުސްގެ ވިޔަފާރި އަލުން ހުޅުވާލުމުގެ ހުއްދަ ލިބިގެން ދިޔުމަށް ފަހު ތުލުސްދޫއަށް ފުރަތަމަ ދެ ފަތުރުވެރިން ހޮނިހިރު ދުވަހު އެރަށަށް އައިސްފައިވާ އިރު، އެފަތުރުވެރިންނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ދެ ފަތުރުވެރިން ރަށަށް އައު އުންމީދެއް ދީފައިވާއިރު، ތުލުސްދޫގެ ރައްޔިތުން ތިބީ ހިތްވަރާއި އެކު ކުރިއަށް ދިއުމަށް ތައްޔާރަށެވެ.

އެގޮތުން އާންމުންގެ ތެރޭގައި މިހާ އަވަހަށް ގެސްޓްހައުސްތައް ހުޅުވާލުމާއި މެދު ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މި ވިޔަފާރި އަލުން ފަށައިގެން ނޫނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ.

ފަތުރުވެރިކަމަށް ހުޅުވާލެވުމަކީ ތުލުސްދޫގެ ހުރިހާ ގެސްޓްހައުސްތަކަށާއި އާންމު ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވުނު ދުވަހެއް ކަމަށް، އެރަށުގެ ގެސްޓްހައުސް އޯނަރުން ގަބޫލުކުރާ އިރު، މިހާ ދުވަސްކޮށްފައި ގެސްޓްހައުސްތައް ހުޅުވި ފުރަތަމަ ފަތުރުވެރިން ރަށަށް އައުމާއި އެކު ރަށުގެ ހުރިހާ ރައްޔިތުންވެސް ތިބީ ވަރަށް ފޮނި އުންމީދުތަކަކާއި އެކު ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.

ރަށަށް ފަތުރުވެރިން އަންނަން ދުވަސްތަކެއް ނަގާފާނެ ކަމަށާއި އެހެން ނަަމެވެސް ރަށް މިހާރު މިއޮތީ ހުޅުވިފައި އޮތްއިރު ގެސްޓްހައުސްތައް އަދި ރަށުގެ އެހެނިހެން ވިޔަފާރިތަކާއި އާންމު ރައްޔިތުންވެސް މިހާރު ތިބީ ތައްޔާރަށް ކަމަށް ތުލުސްދޫގެ ރައްޔިތުން ފާހަގަކުރެ އެވެ.

އަދި ރަށް ހުޅުވާލެވިފައި މިވަނީ އެކަށިގެންވާ ގޮތުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށްވެސް އެރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ.

އެގޮތުން ތުލުސްދޫ ކައުންސިލުން އެރަށަށް އަންނަ ފަތުރުވެރިން ކަރަންޓީން ކުރުމަށް ހަތް ކޮޓަރި ދީފައިވާއިރު، ކައުންސިލުން ވަނީ އެރަށުގައި ފްލޫ ކްލިނިކް ގާއިމް ކުރުމަށްޓަކައި ވެސް ކޮޓަރިއެއް ދޫކޮށްފަ އެވެ. އަދި ރަށުގެ ގެސްޓްހައުސްތަކުން އެކޮޓަރި ތަރައްގީކޮށްފައިވާ އިރު، އެރަށު ކައުންސިލުން ވަނީ ކައުންސިލްގެ ފަރާތުން ތަންތަން އިންސްޕެކްޓްކުރަންވެސް ދިޔައީ އެކަށިީގެންވާ ވަރަށް ތައްޔާރީތައް ވުމުން ކަމަށް ފާހަގަކޮށްފަ އެވެ.

ހެދިފައިވާ ގައިޑްލައިންތަކަށް ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ތަބާވުމަށް ތުލުސްދޫ ކައުންސިލުން އެދޭ އިރު، ގައިޑްލައިންތަކާއި ހިލާފުވާ ފަރާތްތަކަށް ހަމަހަމަ ކަމާއި އެކު ފިޔަވަޅުއެޅެން ޖެހޭނެ ކަމަށްވެސް ކައުންސިލުން ފާހަގަކުރެ އެވެ.

ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރަން ތުލުސްދޫގެ ކައުންސިލުން ތައްޔާރަށް އޮތް އިރު، ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަށް ކައުންސިލުން ވަނީ ދީފަ އެވެ.

ތުލުސްދޫއަށް އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ތުލުސްދޫއަށް ވަޑައިގެންފައިވާ އިރު، އެމަނިކުފާނު ވަނީ ވިޔަފާރީގެ ވާދަވެރިކަމާއި އެކުވެސް އެކުގައި މަސައްކަތްކުރުމުން ކާމިޔާބު ވާނެކަން ތުލޫސްދޫގެ ރައްޔިތުން ދައްކާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަދި އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިނިސްޓަރ އިލްތިމާސް ކުރާއްވާފައިވާއިރު، އެމަނިކުފާނު ވަނީ ތުލުސްދޫ ރާއްޖޭގެ ވަކި ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ތަރައްގީކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެރަށަށް ޒިޔާރަތްކުރި ފަތުރުވެރިން ވަނީ ތުލުސްދޫ ހިޔާރު ކުރި އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ސަރފިން ޕޮއިންޓެއް އޮތް ރަށަށް ވުމުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު އެހެން ގައުމުތަކާއި އަޅާބަލާއިރު، ރަނގަޅުކަން އެ ފާރާތްތަކުން ފާހަނގަކޮށްފައިވާއިރު، ރާއްޖޭގައި އެފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކަމަށްވެސް ފަތުރުވެރިން ވަނީ ފާހަނގަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް