ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 14:08
ޓްރަމްޕްގެ ކެމްޕެއިން ބެނާއެއް ކައިރިން މީހަކު މާސްކު އަޅައިގެން ދަނީ
ޓްރަމްޕްގެ ކެމްޕެއިން ބެނާއެއް ކައިރިން މީހަކު މާސްކު އަޅައިގެން ދަނީ
ރޮއިޓަރސް
އެމެރިކާގެ ރިޔާސީ އިންތިޚާބު
ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކުވެސް ކެމްޕެއިނުގެ ބޮޑެތި ހަރަކާތްތަކާއެކު ޓްރަމްޕް ކުރިއަށް
 
އިންތިޚާބު އޮޅުވާލާނެ ކަމަށް ދައްކަވާ ވާހަކަތައް އެންމެ ފަހުން ބޭއްވި ރެލީގައިވެސް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައި
 
ނެގެމުންދާ ޕޯލްތަކުން ދައްކާގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ޓްރަމްޕަށްވުރެ ބޮޑަށް ބައިޑަންއަށް

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، އެގައުމުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ގެންދަަވަނީ ގިނަ ބަޔަކާ ބައްދަލުކުރައްވައި ކެމްޕެއިނުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ.

ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ރިޔާސީ އިންތިޚާބު އޮންނައިރު، އެމެރިކާ އަކީ މިވަގުތު ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތުވެސް އެންމެ ގޯސް ގައުމެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ނާކާމިޔާބުވެވަޑައިގަންނަވާފައިވާއިރު، އެމެރިކާގައި ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފަށާފައެވެ.

އެހެންނަމަވެސް ޓްރަމްޕް ގެންދަވަނީ މިކަމަށް ބެއްލެވުމެއްނެތި ކެމްޕެއިނުގެ ބޮޑެތި ހަރަކާތްތައް ކުރިޔަށް ގެންދަވަމުންނެވެ. އެއާއެކު ރައްޔިތުންގެ ސިއްހަތަށްވުރެ ޓްރަމްޕަށް އިންތިޚާބު މުހިންމު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ. އެމެރިކާގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން 227،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެތައް މިލިޔަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ނުކުޅެދިފައިވުމަކީ ކުރިއަށް އޮތް އިންތިޚާބު ޓްރަމްޕަށް ނާކާމިޔާބުވެއްޖެނަމަ، އެކަމުގެ އެންމެ ބޮޑު ސަބަބަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހާރުވެސް އެމެރިކާގެ އެތެރޭގައި ނެގެމުންދާ ޕޯލްތަކުގައި ޓްރަމްޕާ ދެން ވާދަކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އުޅުއްވަނީ ކުރީގައެވެ. ޕޯލްތަކުގެ ނަތީޖާ މިގޮތަށް ދައްކާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީވެސް ކޮވިޑް-19 ފެތުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކެވެ.

އިންތިޚާބުގެ ނަތީޖާ ނެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާނީވެސް ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސަރަހައްދުތަކުގައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެސަރަހައްދުތަކުގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ކުޑައެވެ.

އެރިޒޯނާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. އެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބައިޑަން އާއި ޑިމޮކްރަޓިކުން ވެކްސިނެއް އައުން ލަސްކުރާނެ ކަމަށާއި، ޕެންޑަމިކްވެސް ދިގުދައްމާލާނެ ކަމަށެވެ. ސްކޫލުތަކާއި ގައުމު ބަންދުކޮށްގެން ބައިޑަން އުޅުއްވަނީ ޕެންޑަމިކް ދިގުދައްމާލަން ކަމަށް ވިދާޅުވެ ޓްރަމްޕް ގެންދަވަނީ އަބަދުވެސް ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕުގެ ކެމްޕެއިން ހަރަކާތްތަކަކީ ގިނަ ބަޔަކު އެއްވެ ކައިރިކައިރީގައި ތިބޭގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ. އަދި މި ކެމްޕެއިންތަކުގައި އެންމެން ތިބެނީ މާސްކު އަޅައިގެންނެއް ނޫނެވެ.

ޓްރަމްޕުގެ މި ކެމްޕެއިންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕްގެ އެޑްވައިޒަރު ވިދާޅުވީ ޓްރަމްޕް ރެލީތައް ބާއްވަމުން ގެންދަވަނީ މާސްކު އަޅާ މީހުން މަދު އަދި ވައިރަހުގެ ސަބަބުން ކުރާ އަސަރުތަކާމެދު އެންމެ ކުޑަކޮށް އެކަމާ ކަންބޮޑުވާ މީހުން އުޅޭ ސަރަހައްދުތަކުގައި ކަމަށެވެ. ޓްރަމްޕް މިފަހުން ބޭއްވި ރެލީތަކުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ޚިޔާލު ތަފާތު ފަރާތްތަކެއްވެސް އެބަތިއްބެވެ. ޔުނިވާސިޓީ އޮފް ވަޖީނިއާގެ ޕޮލިޓިކަލް އެނަލިސްޓެއް ކަމުގައިވާ ކައިލް ކޮންޑިކް ވިދާޅުވީ ރެލީ ތަކުގައި އަދި އެތައް ހާސް ބަޔަކު ބައިވެރިވި ކަމުގައިވިޔަސް ވޯޓުގެ ނަތީޖާ އެގޮތަށް ނުނިކުމެދާނެ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތުތަކާއި ދެކޮޅުވެގެންވެސް ބައެއް ވޯޓުތައް ޓްރަމްޕަށް ގެއްލިގެންދާނެ ކަމަށެވެ.

ބައިޑަން ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. ނެގެމުންދާ ޕޯލްތަކުން ދައްކާގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ޓްރަމްޕަށްވުރެ ބޮޑަށް ބައިޑަންއަށެވެ.

ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ދެ ސަރަހައްދެއް ކަމުގައިވާ ފްލޮރިޑާ އަދި އެރިޒޯނާގައި ނަގާފައިވާ ޕޯލްތަކަށް ބަލާއިރު ދެ ކެންޑިޑޭޓުންގެ ދެމެދުގައި އުޅޭ ފަރަގު ވަރަށް ކުޑައެވެ.

އަނެއްކޮޅުން އިންތިޚާބު އޮޅުވާލާނެ ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަތައް އެންމެ ފަހުން ބޭއްވި ރެލީގައިވެސް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ. މިހާތަނަށް އައިއިރު އެކަމުގެ އެއްވެސް ހެއްކެތް އަދި ފެނިފައިނުވާއިރު، ޓްރަމްޕް ގެންދަވަނީ މެއިލް މެދުވެރިކޮށް ލާ ވޯޓުތަކުން ނަތީޖާ އޮޅުވާލާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އަނެއްކޮޅުން އެމެރިކާގެ ނައިބު ރައީސް އަދި ޓްރަމްޕްގެ ރަނިންގމޭޓް މައިކް ޕެންސް ބުދަ ދުވަހު ވަނީ ވިސްކޮންސިންގައި ކެމްޕެއިން ރެލީއެއް ބާއްވާފައެވެ. އޭގެ އެއްދުވަސްކުރިން ވިސްކޮންސިންގައިވަނީ ރިކޯޑު މިންވަރަކަށް މީހުންނަށް ވައިރަސް ޖެހިގެންނާއި މަރުވެގެން ރިކޯޑް ކޮށްފައެވެ. އެއާކު އެސްޓޭޓުގެ އޮފިޝަލުން ވަނީ ގިނަ މީހުން އެއްވެ އުޅެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި މާސްކު އެޅުމަށާއި ފަސް މީހުންނަށްވުރެ ގިނައިން އެއްތާކު ނުތިބުމަށް އެދިފައެވެ.

އެހެންނަމަވެސް ޕެންސްގެ މިކެމްޕެއިން ހަރަކާތާއެކު އަނެއްކާވެސް އެސަރަހައްދުގައި ވައިރަސް އިތުރަށް ފެތުރިގެންދާނެ ކަމަށް އެޕިޑެމޮލޮޖިސްޓުން ބުނެއެވެ. އަދި ޓްރަމްޕުގެ ކެމްޕެއިންތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވާއިރު ގިނަ ބަޔަކު މާސްކު ނާޅާ ތިބުމަކީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ޓްރަމްޕްގެ ކެމްޕެއިނުން ބުނެފައިވަނީ ޕެންސް ބޭއްވި ރެލީ ބާއްވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް