ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
އެމެރިކާ އެމްބަސީ

ރާއްޖޭގައި އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ހުޅުވަނީ

  • އެމްބަސީ ހުޅުވުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައި
  • އެމެރިކާއަށް ދިއުމުގައި ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިިބިގެން ދާނެ

ކ. މާލެ | 28 އޮކްޓޯބަރ 2020 | ބުދަ 16:00 | 8,123

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ރައީސް އޮފީސް

އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމިކަން ޕޮމްޕެއޯ ހާމަ ކުރެއްވީ ބުދަ ދުވަހުގެ ހަވީރު ފުލް މޫން ބީޗް ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން ރާއްޖޭގައި ރެސިޑެންޓް އެމްބަސީއެއް ގާއިމް ކުރުމުގެ ސަބަބުން ދެ ގައުމުގައި ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި އެމްބަސީއެއް ހުޅުވަން ނިންމި ނިންމުމުން ވެސް މިހާރު އޮތް ގުޅުމުގެ ހަރުދަނާކަން ސާބިތުވެގެންދާ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް އަލިއަޅުއްވާލައްވާ ވިދާޅުވީ މިދަތުރުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށާއި، އިންޑޯ ފެސިފިކް ރީޖަންގައި ރާއްޖޭގެ ދައުރު ބަޔާންކޮށްދީ ރާއްޖޭގެ ދާހިލީ އަދި ބައިނަލްއަގުވާމީ ދައުރާ މެދު ވެސް އިތުރަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ އިންޑޯ ފެސިފިކް ރީޖަންގައި ރާއްޖެއިން އަދާކުރެވޭނެ ދައުރާ މެދު ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ރާއްޖެއަކީ އެމެރިކާގެ ބެޓަރ ޔޫޓިލައިޒޭޝަން އޮފް އިންވެސްޓްމެންޓް ލީޑިން ޓު ޑިވެލޮޕްމެންޓް އެކްޓްގެ ކެޓަގަރީގައި ހިމެނިފައިވާ ގައުމެއްކަމުން ރާއްޖެ އަދި އިންޑޯ ފެސިފިކް ރީޖަންގެ ގައުމުތަކުގެ ޕްރައިވެޓް ސެކްޓަރ އިތުރަށް ހަރުދަނާ ކުރުމަށް އެމެރިކާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.

އެމެރިކާއާއި ރާއްޖޭއާ ދެމެދުގައި ގިނަ ދާއިރާތަކެއްގައި އެހީތެރިކަން އަދި މައުލޫމާތު ހިއްސާކުރާކަން ފާހަގަކުރައްވައި ޕޮމްޕެއޯ ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ، ގަވާއިދާ ހިލާފަށް ކުރަމުންދާ މަސްވެރިކަން ހުއްޓުވުމުގެ އިތުރުން ކޮވިޑް-19ން އަރައިގަތުމަށް ދެ ގައުމުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އިން 2 މިލިއަން ޑޮލަރު ދިނުމަށް ނިންމައިވެއެވެ. އަދި 60 ކްރިޓިނަލް ކެއަރ ވެންޓިލޭޓަރާއި، ޕީޕީއީ ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.