ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލަ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ: ތިހާމުގެ އަޑުއެހުންތައް ނިންމާލައިފި

  • މި މައްސަލާގައި ދައުލަތުގެ ސްޓޭންޑް ބަދަލުވެފައިވާތީ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނާ އަމާޒުވި
  • ފަޔާޒު (ޕާޕާ) އާއި މުސާ ޒަމީރުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައި
  • ކްރިމިނަލް ކޯޓުން ތިހާމުގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައި
  • ތިހާމަކީ އެމްއެންޑީއެފްގެ ކުރީގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް

ކ. މާލެ | 28 އޮކްޓޯބަރ 2020 | ބުދަ 17:24 | 6,778

ކުރީގެ ރައީސް ޔާމީންއާއި އަނބިކަނބަލުން ދަތުރު ކުރައްވަނިކޮށް، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތެރެއިން (ފައިލް ފޮޓޯ) - ރާއްޖެއެމްވީ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި، ހެކި ނައްތާލަން މަސައްކަތްކުރި ކަމަށް ބުނެ، އެމްއެންޑީއެފްގެ ކުރީގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް، ސ. ފޭދޫ ބުލްބުލް، އަހުމަދު ތިހާމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ރައީސްގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލި މައްސަލައާ ގުޅިގެން އޭރު ސިފައިންގެ ތިން މީހެއްގެ މައްޗަށް ހެކި ނައްތާލަން މަސައްކަތް ކުރިކަމަށް ބުނެ ދައުވާ އުފުލިއެވެ. އެއީ، ކުރީގެ ރައީސް ޔާމީންގެ ކުރީގެ ސެކިއުރިޓީ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ތިހާމުގެ އިތުރުން މޫސާ ޒަމީރުގެ މައްޗަށެވެ.

ފަޔާޒުގެ މައްޗަށް އެ ހާދިސާއާ ގުޅިގެން ދެ ދައުވާ އުފުލިއެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާއެވެ. ފަޔާޒުގެ އިތުރުން ތިހާމާއި ޒަމީރުގެ މައްޗަށް ވެސް އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލިއެވެ.

އެ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމީހުގެ ތެރެއިން ޕާޕާ ދެ އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. ހައިކޯޓުގައި އެދައުވާ އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ ފަޔާޒުގެ މައްޗަށް އުފުލި ދައުވާ ބާތިލް ކަމަށް ނިންމާފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމިއިރު، ފަޔާޒުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވެ އޭރު އޭނާ ހުރީ މިނިވަން ވެފައެެވެ.

އަހުމަދު ތިހާމާއި މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ އެ ހާދިސާ އަށް ފަހު އެ ދެ މީހުން ލޯންޗަށް އަރައި، އުސޫލާ ޚިލާފަށް އަމަލުކުރި ކަމަށް ބުނެއެވެ.

އެ ދެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން 2019 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު ނިންމާފައިވަނީ މޫސާ ޒަމީރުގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް، އަދި ތިހާމުގެ މައްޗަށް ކުރި ހުކުމަށް ތާއީދު ކޮށްފައެވެ. ފަޔާޒާއި ޒަމީރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރި ނަމަވެސް ދައުލަތުން އެ ދައުވާތައް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެއެވެ.

ތިހާމުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅާ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް އެދި ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. މިމައްސަލާގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލުގެ ވާހަކަތައް ބިނާކޮށްފައި ވަނީ ތިހާމުގެ މައްޗަށް ކޮށްފައިވާ ހުކުމް ރަނގަޅު ނޫންކަމުގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލާގައި ދައުލަތުގެ ސްޓޭންޓް ބަދަލުވަމުންދާތީ، ފަނޑިޔާރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވައި، ގިނަ ސުވާލުތަކެއް ދައުލަތުގެ ގާނޫނީ ވަކީލުންނަށްކުރިމަތި ކުރުވާފައިވެއެވެ. އެގޮތުން، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ހުސްނުއްސޫދު ވަނީ، ދައުލަތުގެ ގާނޫނީ ވަކީލުންނާ ގިނަ ސުވާލުތަކެއް ކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި، ފަނޑިޔާރު ސުއޫދު ވަނީ، ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި، ނުބައި ނިޔަތެއްގައި ދައުލަތުން ދައުވާކުރި ކަމުގެ ތުހުމަތު އެބަ ކުރެވޭ ކަމަށެވެ. އަދި ހެކި ނެތީސް ދައުވާކުރީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ނުބައި ނިޔަތުގައި މީހުންނަށް ދައުވާ ކުރުމަކީ ކުށެއްކަން ނޭނގެނީތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ސުއޫދު ވިދާޅުވީ، ދައުވާ ކުރުމަށް ފަހު، ދައުވާ ގެންގޮސް، ދައުވާ ބަދަލުކޮށް، އަނެއް ދުވަހު، ދައުލަތުގެ ސްޓޭންޑް ބަދަލުވެ، ދަށު ކޯޓުގައި ދައްކަވާ ވާހަކަ ހައިކޯޓަށް ދާއިރު ބަދަލުވެ، މިހެން މިކަން "ކުޅިވަރަކަށް" ނުހެއްދެވޭނެ ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ވެސް، ފަަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވެސް ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނަށާއި ތިހާމުގެ ގާނޫނީ ވަކީލުންނަށް ކުރިމަތި ކުރުވިއެވެ.

އަޑުއެހުން ނިންމާލައްވަމުން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ، ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށެވެ. ނަމަވެސް އެ ޝަރީއަތް ބޭއްވޭނެ ވަކި ދުވަހެއް ފަނޑިޔާރު ވިދާޅެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.