އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުން

ހުޅުމާލޭގައި ކުއްލިގޮތަކަށް ދެ ޒުވާނުން މަރުވި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފި

  • މިހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ
  • މަރުވެފައިވަނީ، ތ. ތިމަރަފުށީ އުމުރުން 21 އަހަރުގެ އަހުމަދު ހާމީން އާއި މާލޭ ދަފްތަރު އުމުރުން 18 އަހަރުގެ ފާތުމަތު ސަމާ
  • މިމައްސަލާގައި އެ ދެ މީހުންގެ ފަސް އެކުރިންގެ މައްޗަށް ދައުވާ ކޮށްފައިވޭ

ކ. މާލެ | 26 އޮކްޓޯބަރ 2020 | ހޯމަ 18:35 | 36,686

2017 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި، ހުޅުމާލޭގައި މަރުވި، ތ. ތިމަރަފުށީ އުމުރުން 21 އަހަރުގެ އަހުމަދު ހާމީން އާއި މާލޭ ދަފްތަރު އުމުރުން 18 އަހަރުގެ ފާތުމަތު ސަމާ - ރާއްޖެ އެމްވީ

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި، ދެ ޒުވާނުންގެ މަރުގެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވައިފި އެވެ.

ހުޅުމާލޭގައި 2017 ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ރޭ މަރުވެފައި ވަނީ ތ. ތިމަރަފުށީ އުމުރުން 21 އަހަރުގެ އަހުމަދު ހާމީން އާއި މާލޭ ދަފްތަރު އުމުރުން 18 އަހަރުގެ ފާތުމަތު ސަމާއެވެ.

އެ ދެ މީހުން މަރުވި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، އެ ދެ މީހުންގެ އެކުވެރިން ކަމަށްވާ، ހަސަން ޒިދާނާއި އާދަމް ޝާހީނާއި އަހުމަދު އަމާން އާއި މަރިޔަމް މައިޝާ އަދި މަރިޔަމް އަފާގެ މައްޗަށެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިމައްސަލަ އެންމެ ފުރަތަމަ ބަލާފައިވަނީ ކްރިިނަލް ކޯޓުގެ ކުރީގެ ގާޒީ އާދަމް އާރިފް އެވެ. މިހާރު މިމައްސަލަ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.

ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ، ޝަރީއަތުގެ ކުރިން ދެފަރާތުން ހުށަހަޅާ ހުށަހެޅުމެވެ. ދިފާއުގައި އިޖުރާއީގޮތުން ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، ދައުވާ ބާތިލް ކުރުމަށް ވެސް އެދިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އުފަން ދުވަހުގެ ޕާޓީއެއް ބާއްވަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކުއްލި ދެ މަރާ ގުޅިގެން ދައުވާ ކޮށްފައި ވަނީ، އެ ދެ ޒުވާނުންނާ އެކު އެތަނުގައި ތިބި މީހުންގެ މައްޗަށެވެ.

މީގެ ތެރެއިން، ހަތަރު މީހަކު މި މައްސަލައާ ގުޅިގެން ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ދައުވާކުރި މީހުންގެ ތެރެއިން ހަސަން ޒިދާނުގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް ވެސް ކުރިއެވެ. އެގޮތުން، މަރާ ގުޅިގެން ދޮގު މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެ، އޭނާގެ މައްޗަށް ވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

ހާމީން އާއި ސަމާގެ މަރުގެ ވާހަކަ ފުރަތަމަ ފަތުރާފައި ވަނީ އޮޅުވާލައިގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ އަޑުފެތުރުނު ގޮތުގައި ހާމީން މަރުވީ ފުޓުބޯޅަ ކުޅެން ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. އަދި ސަމާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުން ކަމަށް އަޑުފެތުރުނެވެ. އެހެން ނަމަވެސް، ފަހުން ހާމަވި ގޮތުގައި ދެ ޒުވާނުންގެ މަރުގައި އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. އެހެންކަމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ދެ ޒުވާނުން ހުޅުމާލޭގައި ތިބި ސަރަހައްދުން "ޕާޓީ ޑްރަގްސް" (މަސްތުވާތަކެތި) ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.