ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 00:07
ބްރެޒިލުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ
ބްރެޒިލުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ
ގެޓީ އިމޭޖަސް
ރޮނާލްޑީނިއޯ ވައިރަހަށް ޕޮޒިޓިވްވުން
ރޮނާލްޑީނިއޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ވައިރަހުގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ފެނިފައެއް ނުވޭ
 
ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ރޮނާލްޑީނިއޯ ހާމަކުރީ އިންސްޓާގްރާމުގައި ހިއްސާކުރި ވީޑިއޯއަކުން

ބްރެޒިލުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ރޮނާލްޑީނިއޯ ހާމަކުރީ އާދީއްތަ ދުވަހުގެރޭ އޭނާގެ އަމިއްލަ އިންސްޓާގްރާމުގައި ހިއްސާކުރި ވީޑިއޯއަކުންނެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑީނިއޯ ބުނީ ބްރެޒިލުގެ ސިޓީއެއް ކަމަށްވާ ބެލޯ ހޮރިޒޯންޓުގައި އޮތް އިވެންޓަކު ބައިވެރިވުމަށް އޭނާ ހޮނިހިރު ދުވަހު އެ ސިޓީއަށް ދިޔުމަށްފަހު ކުރި ޓެސްޓުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެ އިވެންޓުގައި ބައިވެރިނުވެ އަނބުރާ ދާން ޖެހިފައިވާ ކަމަށާއި، ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ވައިރަހުގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވައިރަހަށް ޕޮޒިޓިވްވުމާއެކު، ރޮނާލްޑީނިއޯ އޭނާގެ އަމިއްލަ ގޭގައި 14 ދުވަހަށް އައިސޮލޭޓްވާނެއެވެ.

ރޮނާލްޑީނިއޯ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ވަނީ ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބުމަށްފަހު މިނިވަންވެފައެވެ.

މި އަހަރުގެ މާޗު މަހުގެ ހަތަރުވަނަ ދުވަހު ޕެރެގުއޭއިން ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ ފޭކް ޕާސްޕޯޓަކާއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. ޖަލުގައި ރޮނާލްޑީނިއޯ 32 ދުވަސް ހޭދަކުރިއިރު، ކަފާލާތުގެ ދަށުން ދެބެން ޖަލު ބަންދުން ދޫކޮށްލީ އޭޕްރީ މަހުގެ ކުރީކޮޅުއެވެ. އަދި މައްސަލަ ނިމެންދެން ތިބެން ޖެހުނީ ޕެރޫގައި ގޭ ބަންދުގައެވެ.

އެއަށްފަހު އޮގްސްޓް މަހު އެ ދެބެއިން މިނިވަންވީ ޖޫރިމަނާގެ ގޮތުގައި ރޮނާލްޑީނިއޯ 90،000 (ނުދަދިހަ ހާސް) ޑޮލަރު ދައްކަން ޝަރުތުކުރުމަށްފަހުއެވެ. އަދި އޭނާގެ ވިޔަފާރި މެނޭޖަރެއްގެ ރޯލް އަދާކުރާ ބޭބެ 110،00 (އެއް ލައްކަ ދިހަ ހާސް) ޑޮލަރު ދައްކަން ޖެހެއެވެ. މި މައްސަލައިގައި ރޮނާލްޑީނިއޯ މިނިވަންވި ނަމަވެސް، މައްސަލަ އެއްކޮށް ނިންމާލާފައެއް ނުވެއެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލުން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ތަށި އުފުލާލިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ބާސެލޯނާގައި ވިދާލި ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2005 އަދި 2006 ވަނަ އަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް