ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް

ފުރަތަމަ ފަހަރަށް މެދު ނުކެނޑި ޝަރީއަތެއް ހިންގައިފި: 8 ގަޑިއިރު، 14 ހެކިބަސް!

  • އެއް އަޑުއެހުމެއްގައި 14 ހެކިންގެ ހެކިބަސް ނަގާފައިވޭ
  • ދައުލަތުގެ ވަކީލުންނަށް ޕީޖީ ޝަމީމް ވަނީ ޝުކުރު އަދާ ކުރައްވާފަ
  • ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ވެގެން ދާނެ

ކ. މާލެ | 25 އޮކްޓޯބަރ 2020 | އާދީއްތަ 12:54 | 21,276

ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލައެއް - ރާއްޖެއެމްވީ

ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް މެދު ނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުޙައްމަދު ނަޖީބް ވިދާޅުވީ، ޚާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި "ކޮންޓިނިއަސް ކޮށް" ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ޝަރީއަތްތައް އަވަހަށް ނިންމުމަށް މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެގޮތަށް ޝަރީއަތް ކުރިއަށް ގެންދާއިރު، ޤާނޫނުން ލާޒިމުކުރާ މުއްދަތު ދިނުމާއެކު، ހެކިބަސް ނެގުމުގެ މަރުޙަލާ ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހު ފުރަތަމަ ފަހަރަށް މެދުނުކެނޑި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިގޮތަށް ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތް ކަމަށާއި، 8 ގަޑިއިރުވަންދެން ޝަރީއަތް ކުރިއަށް ގެންދިޔައިރު، 14 ހެކިންގެ ހެކިބަސް ނަގާފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިއީ އޮޅުވާލައިގެން "ގްރޫމް" ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ.

ޕީޖީ އިތުރަށް ވިދާޅުވީ، އެއް އަޑުއެހުމެއްގައި 14 ހެކިންގެ ހެކިބަސް ނަގާފައިވާ އިރު، އެކަމުގެ ސަބަބުން 18 މަސް ދުވަހަށް ދިގުދެމިގެން ހިނގައި ދާނެ މަރުޙަލާއެއް ހަފްތާއެއްގެ މުއްދަތަށް ކުރުކޮށްލެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ވަކީލުންނަށް ޕީޖީ ޝަމީމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މެދުނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ޕީޖީ އޮފީހުން މީގެ ކުރިންވެސް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެކެވެ. އެގޮތުން ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ކުރުމަށް މެދުނުކެނޑި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށް ހުށައެޅުއްވިކަން ޕީޖީ ވަނީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްއަށް ދެއްވި އިންޓަރވިއުއެއްގައި ވެސް ވިދާޅުވެފައެވެ.

މިހުށަހަޅާ މިނިޒާމަކީ ޔުނިވާސިޓީތަކުގައި ވެސް މިބްލޮކް މޯޑްގައި މިކިޔަވާ ދެވޭ ގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން. ބްލޮކް މޯޑަށްށޭ މިދަންނަވަނީ އެމީހެއްގެ ޝަރީއަތް ފަށާ ގޮތަށް އެދުވަހު ގެންގޮސް ނިންމަން. މިދެންނެވީ މިސާލަކަށް ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް އެޝަރީއަތް ހިންގާނީއޭ. ދެން އެމައްސަލައާ ގުޅިގެން ގެންނަންޖެހޭ ހެކިން އެދުވަހު ގެންނާނީއޭ. ދައްކަން ޖެހޭ ވާހަކަ ވެސް ދައްކާނީއޭ. ދެފަރާތުގެ ވަކީލުން ވެސް އަންނަންވީއޭ ތައްޔާރުވެގެން. އެހެންވީމަ ޝެޑިއުލް ކުރާނެ އެއްހަފްތާ ކުރިން ދެހަފްތާ ކުރިން ތިން ހަފްތާ ކުރިން. ޝެޑިއުލް ކޮށްފައި ބުނާނީ މިވެނި ދުވަހެއްގައި އޮންނާނޭ މިވެނި މައްސަލައެއް. ފަށާ ގޮތަށް މިސާލަކަށް އާދިއްތަ ދުވަހު ފަށާފިއްޔާ އެދުވަހަށް ނުނިމިއްޖެއްޔާ އަނެއް ދުވަހު ކުރިއަށްދާނީ. އެދުވަހު ނުނިމިއްޖެއްޔާ އަނެއް ދުވަހު ކުރިއަށްދާނީ. އެހެންގޮސް ތިނެއް ނުވަތަ ހަތަރު ދުވަސްތެރޭގައި ޝަރީއަތް ނިންމާލާނީ. ނިންމާ ހުކުމް ކުރީމަ އެމައްސަލަ އެނިމުނީއޭ.

~ ޕީޖީ ހުސައިން ޝަމީމް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.