ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
މާފުށީ ކައުންސިލް ފުޓްސަލް ކަޕް

މާފުށީ ކައުންސިލް ފުޓްސަލް ކަޕުގެ ކުޅުން ފަށައިފި

  • ފިރިހެން ބައިގައި ޖުމްލަ 17 ޓީމެއް، އަންހެން ބައިގައި ހަ ޓީމެއް ވަނީ ބައިވެރިވެފައި
  • މުބާރާތުގެ ފައިނަލް މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު

ކ. މާލެ | 24 އޮކްޓޯބަރ 2020 | ހޮނިހިރު 17:30 | 5,572

މާފުށީ ކައުންސިލް ފުޓްސަލް ކަޕުގެ ފިރިހެން ބައިގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ތެރެއިން - އަބްދުﷲ އިރުފާން

ކ. މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މާފުށީ ކައުންސިލް ފުޓްސަލް ކަޕް 2020" ގެ ކުޅުން ފަށައިފިއެވެ.

މިއީ އެ ކައުންސިލުގެ ފަރާތުން މާފުށީގައި ދިރިއުޅޭ ރައްޔިޔުންނަށް ހާއްސަކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އަދި މިއީ މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ ކުޅުން ފަށާފައިވަނީ ހުކުރު ދުވަހުގެރެއެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ޖުމްލަ 17 ޓީމެއް ބައިވެރިވެފައިވާއިރު، މި ބައިގެ ކުޅުން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ބައިގައި ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ބައިގައި ހިމެނޭ ބިރާގަން އެފްސީ އާއި ކޮމްޕޭނިއަނެވެ. މި މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ. ހުކުރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި އަންހެން ބައިގައި ހިމެނޭ ސައިރެންސް އާއި ކަނބުލޮ ބައްދަލުކުރިއިރު، މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަނބުލޮ ޓީމުންނެވެ. އަދި އެރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ފިރިހެން ބައިގައި ހިމެނޭ ބިރާގަން އެސްސީ އަދި ޑްރެގަންސްއެވެ. މި މެޗު ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިރާގަން އެސްސީންނެވެ.

މާފުށީ ކައުންސިލް ފުޓްސަލް ކަޕުގެ އަންހެން ބައިގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ތެރެއިން

މާފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް ގާއިމުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް ހޯދައި ދިނުމާއި، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި، ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން އެހީތެރިވުމާއި ފުޓްސަލް ހުނަރު އިތުރުކުރުމާއި، އަދި ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކުގައި އެ ރަށް ތަމްސީލުކުރުމަށް ކުޅުންތެރިން ތަމްރީނުކޮށް، އެ ރަށުގެ ޒުވާނުންނަށް މުބާރާތްތައް ކުޅުމުގެ ފުރުސަތު ހޯދައިދީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި ބައިގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ފިރިހެން ބައިގެ ފެއާޕްލޭ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

އަދި އަންހެން ބައިގެ ޗެމްޕިއަން ޓީމަށް 17،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުަށަހަޅާފައިވާއިރު، މި ބައިގެ ރަނަރަޕް ޓީމަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. އަދި އަންހެން ބައިގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކުޅުން ހުކުރު ދުވަހުގެރޭ ފެށިއިރު، މުބާރާތުގެ ފައިނަލް މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.