ޖުޑީޝަލް ސަރވިސް ކޮމިޝަން
މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި
 
އޭނާގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ވެސް ކުރެވޭ
 
އޭނާއާ ގުޅޭ ޖުމްލަ 8 މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަމުންދޭ
 
ޝުކޫރަކީ ރައީސް ޔާމީންގެ ކެމްޕެއިން ކުރުުގައި އުޅުއްވި ފަނޑިޔާރުންގެ ޓީމުގެ ބޭފުޅެއް
ކ. މާލެ |
ޖޭއެސްސީ: ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަތަކުގައި ފިޔަވަޅު އަޅަމުގެ ގާނޫނީ ޒިންމާ އޮންނަނީ ޖޭއެސްސީއަށް
ރާއްޖެއެމްވީ

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން ނިންމައިފިއެެވެ.

ޖޭއެސްސީން ހޮނިހިރު ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަޙްމަދު ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާ ކަން ސާބިތުވާ ކަމަށެވެ. އޭރު އޭނާ ހުންނެވި ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާ އެކު އަޙްމަދު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާ ކަން ވެސް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީއަށް ސާބިތުވީ އިތުރު މައްސަލައެއްގެ ގޮތުގައި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އަޙްމަދު ޝުކޫރު ޢަމަލުކުރުން ވަނީ ފާހަގަ ކޮށްފައެވެ.

އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ޖޭއެސްސީއިން ނިންމި އިރު، އޭނާގެ 8 ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖޭއެސްސީން ބަލަމުން ދިޔަ މައްސަލަތައް

  1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
  2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރުއާއި މެދު ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ
  3. ގއ. ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމް ކުރަމުން ދިއުމުގެ މައްސަލަ
  4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން
  5. ފަހުގެ ތާރީޚްގައި ގއ. ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ
  6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ
  7. ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުން ކުރުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ
  8. ގއ. މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ. މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ، ހިމެނެއެވެ.

އަހުމަދު ޝުކޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންތަކުގައި ފަނޑިޔާރުކަމުގައި ތިއްބަވައިގެން، އިސްކޮށް އުޅުއްވި، ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ކުރީގެ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުއާއެކު އުޅުއްވި ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved