ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ލޮނުޒިޔާރަތްކޮޅު ޕާކު މައްސަލަ

ފަސްޓް ލޭޑީ ފަޒްނާއާ ގުޅުވައިގެން މޯލްޑިވްސް ނިއުސް ނެޓްވޯކުން ފަތުރަނީ ދޮގު ޚަބަރެއް: ލިޓިޖެންޓްސް ފާމް

  • މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ލިޓިޖެންޓްސް ފާމްއިން ބުނޭ
  • އެ ކަމަނާގެ ނަން ބޭނުންކޮށްގެން، ދޮގު މަޢުލޫމާތު ނުފެތުރުމަށް ޤާނޫނީ ޓީމުން ބުނޭ
  • ފަސްޓް ލޭޑީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ފުރިހަމަ މައުލޫމާތުތައް ހޯދާފައެއް ނުވޭ: ވަކީލުން

ކ. މާލެ | 23 އޮކްޓޯބަރ 2020 | ހުކުރު 21:45 | 12,887

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު - ރައީސް އޮފީސް

މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހެއްގައި، 22 އޮކްޓޯބަރ 2020 ގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މ. ދީފްރަމްއާގޭ ފަޒްނާ އަޙްމަދާ ބެހޭ ގޮތުން، މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ޤާއިމުކުރަމުންދާ ޕާކާ ގުޅުވައި، ޝާއިޢު ކޮށްފައި ވަނީ ކަނޑައެޅިގެން ބުހުތާން ދޮގު ވާހަކަތަކެއް ކަމަށް ލިޓިޖެންޓްސް ފާމްއިން ބުނެފިއެވެ.

އެ ފަރމްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ އާޓިކަލްގައި ބުނާ ގޮތުން، އެ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާ އަޙްމަދުގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އިރު، މިފަދަ ސާބިތު ނުހިފޭ ހަމަ ނުޖެހޭ، ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެ ކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޚާއްޞަކޮށް މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލް އިން، ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މަޢުލޫމާތު ފެންނަން އެބަ ހުރި ކަމަށާއި، އަދި ސްރީލަންކާގައި ވެސް އެ ފަދައިން ހޯދެން ހުރިއިރު، އެމްއެންއެންގެ އެޑިޓަރު، އެ ފަދަ އެއްވެސް ތަޙްޤީޤެއް ނުކުރައްވައި، ހިތު ލަފަޔަށް އެއްޗެހި ލިޔުމުން ފާޅުވަނީ އެޑިޓަރުގެ ފެންވަރާއި އެޑިޓަރުގެ ނޫހުގެ ފެންވަރު ކަމަށެވެ.

މޯލްޑިވްސް ނިއުސް ނެޓްވޯކް ނޫހުގެ ވެރިފަރާތަކީ ކޮބައިކަމާއި އެއާ ގުޅޭ ހުރިހާ މަޢުލޫމާތެއް ވެސް އެންމެނަށް އެނގޭނޭހެން ބިޒްނަސް ޕޯޓަލްއިން ފެންނަން އެބަ ހުރި ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެމްއެންއެންގެ ވެރިފަރާތަކީ މޯލްޑިވްސް ނިއުސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑްއެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ޙަމްދާން ޝަކީލާއި ސަނާއު ރަޝީދެވެ. މެނޭޖިން ޑިރެކްޓަރަކީ ސަނާއު ރަޝީދެވެ. ރަޖިސްޓަރ ކޮށްފައި އޮތީ ހުޅުމާލޭ ފްލެޓަކަށެވެ. ކުންފުނި އުފެދުނީ 15 ޖޫން 2020 ގައެވެ. މި ކުންފުންޏަށް ރަޖިސްޓަރީކޮށްފައިވާ ބިޒްނަސް ނަމަކީ "އެމްއެމްއެން" އެވެ.

ފަޒްނާ އަޙްމަދުގެ ފަރާތުން ހުށަހަޅާ ޕޮއިންޓަކީ، އެ ކަމަނާގެ ނަން ބޭނުން ކޮށްގެން، ދޮގު މަޢުލޫމާތު ނުފަތުރައި، އެ ބުނާ ކުންފުންޏެއް އޮތް ނަމަ އެކަން ހާމަ ކުރުމަށް އެދި ހުށަހަޅާ ޕޮއިންޓެއް ކަމަށް މި ބަޔާނުގައި އެ ކަމަނާގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ. އަދި ފަޒްނާ އަޙްމަދުގެ ކޮންމެ ވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައިގައި، މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއްކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި އެންމެ ކުޑަމިނުން މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއްވިޔަސް ގެނެސްދީފައި ނެތްކަން ފާހަގަ ކުރައްވަމުން، މި ހުރިހާ އިލްޒާމަކަށް ފަޒްނާ އަޙްމަދު އިންކާރު ކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޫހުގެ އެޑިޓަރުގެ އަރިހުގައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާކަމުގައިވާ ޞައްޙަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުން ނަކަލު ކުރުމާއި، އަގުހުރި އެއްޗެހި ނަކަލު ކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށް ދަންނަވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީ ވެސް ކުށެއް ކަމަށާއި 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ ޢަމަލުތައް ހިންގުމަކީ ވެސް ކުށެއް ކަމަށް މެޑަމް ފަޒްނާގެ ޤާނޫނީ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު، މި ފާރމްގެ ފަރާތުން ކުރިއަށް ގެންދާނެކަމުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.