ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ރޮނާލްޑޯ ވައިރަހަށް ޕޮޒިިޓިވްވުން

ރޮނާލްޑޯ އަދިވެސް ކޮވިޑް-19 އަށް ޕޮޒިިޓިވް، އެކަމަކު ބާސާއާ ދެކޮޅަށް ކުޅެވޭނެ

  • ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހު
  • ރޮނާލްޑޯ ވަނީ އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައި
  • މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗުގައި ކުޅެވޭނެ

ކ. މާލެ | 23 އޮކްޓޯބަރ 2020 | ހުކުރު 21:00 | 11,765

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ - ގެޓީ އިމޭޖާސް

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހުން ކުރި ޓެސްޓުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އަންނަ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

ބުރާސްފަތި ދުވަހު ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑް-19 އަށް އަދިވެސް ޕޮޒިޓިވް ކަމަށް ދައްކާފައިވުމާއެކު، މި ހަފުތާ ބަންދުގައި އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗުގައި ކުޅެވޭނެތީއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އޭގެ ދެ ދުވަސް ފަހުން ހާއްސަ އިހުތިޔާރެއްގެ ދަށުން ރޮނާލްޑޯ އިޓަލީއަށް ގޮސްފައިވާއިރު، އެކަމާ ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވަނީ ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި ކަމަށް ބުނެފައެވެ. ސްޕަޑަފޯރާ ވިދާޅުވީ ރޮނާލްޑޯ އުސޫލާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، ވަކި ރޮނާލްޑޯ ވީމަ ހާއްސަ ހުއްދައެއް ނުދޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން ނަގަންޖެހޭ ބައެއް ހުއްދަތަކެއް ފުރިހަމަނުވެ ހުއްޓައި ރޮނާލްޑޯ އިޓަލީ ދޫކޮށް ޕޯޗުގަލަށް ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދާދި ފަހުން އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.