އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަ

ބަލަމުންދިޔަ މައްސަލައެއްގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީގެ އިތުރު "ސްކޭމް" ތަކެއް ފާހަގަވެއްޖެ: އައްސަދު

  • ޓޫރިޒަމް ޤާނޫނާ ޚިލާފަށް 12 ފަޅާއި، 37 ރަށް ދޫކޮށްފައިވޭ
  • މުޅި ތަހުޤީޤުގެ އަމާޒު ބަދަލުވާފަދަ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވޭ
  • އެފަދަ ސަބަބުތަކާހެދިވެސް ބައެއް ތަހުޤީޤުތައް ލަސްވެފައިވޭ

ކ. މާލެ | 21 އޮކްޓޯބަރ 2020 | ބުދަ 13:01 | 27,200

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު- އައްސަދު ވަނީ ތަޙުޤީޤު ކުރަމުންދާ މައްސަލަތައް ލަސްވަމުންދާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި - ރައީސް އޮފީސް

އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާފައިވާ ބޮޑެތި ކަންތައްތަކެއް ފާހަގަވެގެން ގޮސްފި ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން އައްސަދު ވަނީ އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައާއި، ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ އެހެނިހެން މައްސަލަތައް ލަސްވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އައްސަދު ވިދާޅުވީ، ޓޫރިޒަމް ޤާނޫނާ ޚިލާފަށް 12 ފަޅާއި، 37 ރަށް ދޫކޮށްފައިވާއިރު، ޤާނޫނީ ގޮތުން ބަލާނަމަ އެއީ މިހާރުވެސް ބޮޑު މައްސަލައެއް ގޮތުގައި ފެންނަ ކަމަށެވެ.

އޭގެ އިތުރުން، ކޮމިޝަނުން ބަލަމުންދިޔަ 5 މައްސަލައެއްގެ ތެރެއިން 2 މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި އައްސަދު ވިދާޅުވީ، އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުޤީޤުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ މެއިލް ސަރވަރއަށް އެކްސެސް ހޯދައި ބަލާފައިވާނެ ކަމަށެވެ. އަދި ކޮމިޝަނުން ބެލި ބެލުމުން މުޅި ތަހުޤީޤުގެ އަމާޒު ބަދަލުވާފަދަ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، އެކަންކަން މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ، އެފަދަ ސަބަބުތަކާހެދިވެސް ބައެއް ތަހުޤީޤުތައް ލަސްވެފައިވާ ކަމަށެވެ.

5 ކޭސްގެ ވާހަކަ ދަންނަވާ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދިފަހުން އެތަނުގެ މެއިލް ސާރވަރ އަށް އަޅުގަނޑުމެންނަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑިރެކްޝަން ބަދަލު ކުރަން އެބަޖެހޭ، އަޅުގަނޑުމެން ދައުވާކުރަން ޤަސްތުކުރި މީހާއަށް ދައުވާ ކުރެވޭނެ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކީމެކޭ އޭގެ ތެރެއިން ، އެހެންވީމާ އަޅުގަނޑުމެން އަވަސް ކުރުމުގެ ނިޔަތުގައި ހަމައެކަނި އެމީހާގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ އެއީ އެންމެ ޒިންމާދާރު ގޮތް ކަމުގައި ނުވާނެތީ އަޅުގަނޑުމެން އޭތި އެކްސްޕޭންޑް ކޮށްގެން މި ގެންދަނީ،

~ އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު

އައްސަދު އިތުރަށް ވިދާޅުވީ، ނަޤުދު ފައިސާގެ ގޮތުގައި ފައިސާ ދައުރު ކުރުމުން ދިމާވެދާނެ މައްސަލަތަކާއި، ނޭޝަނަލް ޑޭޓާ ބޭސްއެއްގެ ރަނގަޅު ނިޒާމެއް އޮތުމުގެ މުހިއްމުކަމާއި، މާލޭ ގެދޮރުގެ އެކަށީގެންވާ ދަފްރަތެއް ނެތުން ފަދަ ކަންކަން ކޮމިޝަނުން ފާހަގަކޮށްފައި ވާނެ ކަމަށެވެ. އަދި މައްސަލަތައް ތަޙުޤީޤު ކުރަމުން ގެންދިޔައިރު، ބޭންކިންގ ނިޒާމުގައި ހުރި މައްސަލަތައް ޙައްލު ކުރުމާއި، ސަރުކާރު ކުންފުނިތައް ޒިންމާދާރު ކުރެވޭނެ ގޮތްތަކެއް ހުންނަން ޖެހޭކަން ފާހަގަކޮށް، ކޮމިޝަނުން އެކަންކަންވެސް ރަނގަޅު ކުރުމަށް ހުށައަޅާފައިވާނެ ކަން އައްސަދު ފާހަގަ ކުރެއްވިއެވެ.

އައްސަދު ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގައި ހިމެނޭ މީހުންނާއި، އެމީހުންނާ ގުޅުންހުރި އެކި ފަރާތްތަކުގެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭންކުން އެ މައުލޫމާތުތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން 7 އޯގަސްޓް 2019 އާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް އިން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، މައުލޫމާތު ހޯދުމަށް މަގުފަހިވީ ކޯޓު އެންގުމެއްގެ މަތިން ކަމަށް އައްސަދު ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން މައްސަލަ ތަޙުޤީޤު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

7 އޯގަސްޓް 2019 އާ ހަމައަށް ކަނޑައެޅިގެން އެންމެ މުހިއްމުކޮށް މައުލޫމާތު ލިބެންޖެހޭ ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް، 2019 ގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް، ކޯޓަށް ގޮސްގެން ކޯޓު މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތް ހަމަޖެހުނީ، އެހެންވީމާ ބަލްކް އިންފޮރމޭޝަން ނުވަތަ އަޅުގަނޑުމެން ބޭނުންވާ ވަރަށް ގިނަ މައުލޫމާތުތައް އަންނަން ފެށީ އޭގެ ފަހުގައޭ، އެހެންވީމާ އަންދާޒާ ކުރައްވާށޭ ކިހާ ވަގުތެއްކަން އަޅުގަނޑުމެންނަށް ލިބިގެން މި އުޅެނީ،

~ އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު

ބޭންކް އޮފް މޯލްޑިވްސް އިން އޭރު އެކަމާ ގުޅިގެން ބުނެފައިވަނީ، މައުލޫމާތު ނުދިނުމަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި، ހައިކޯޓުން ނެރެފައިވާ ގަޒިއްޔާއަކާއި ޙަވާލާދީ ކަމަށެވެ. އެކައުންޓުތަކުގެ ތަފްސީލު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ކޯޓު އަމުރެއް ނެތި އެގޮތަށް މައުލޫމާތު ދެވެން ނެތްކަމަށް ބޭންކުގެ ޤާނޫނީ ޓީމުން ލަފާދީގައިވާކަން އޭރު ފާހަގަ ކޮށްފައިވެއެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުން ވަނީ ކޮމިޝަނަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.