ކ. މާލެ
|
21 އޮކްޓޯބަރ 2020 | ބުދަ 09:51
އައިލެންޑް އޭވިއޭޝަންގެ އިސްވެރިން މަޖިލީހުގެ ކޮމިޓީގައި
އައިލެންޑް އޭވިއޭޝަންގެ އިސްވެރިން މަޖިލީހުގެ ކޮމިޓީގައި
ދަ އެޑިޝަން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން ކާމިޔާބު ކުންފުންޏަކަށް ހެދުމަށް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވޭ: މެމްބަރުން
 
އައިލެންޑް އޭވިއޭޝަނަށް ގައުމީ އެެއަރލައިނުގެ ދަރަޖަ ދިނުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެންނެވުމަށް ފާސްކޮށްފައިވޭ
 
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް މިކުންފުންޏަކީ މުސްތަގްބަލްއޮތް ކުންފުންޏެއްކަމަށް ފާހަގަކޮށްފައިވޭ
 
އައިލެންޑް އޭވިއޭޝަން އާއި ގުޅިގެން ފުޅާ ދާއިރާއެއްގައި ކަންކަން ބެލި ކޮމިޓީ ރިޕޯޓްގައި 13 ހުށަހެޅުމެއް ހުށަހަޅާފައިވޭ

މިނިސްޓްރީ އޮފް ފިނޭންސުން ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލަވަންސެއް އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ނުނެގުމަށް އެ ކުންފުންޏަށް އެންގުމަށް އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އެ ކުންފުންޏާއި ގުޅުންހުރި ކަންކަން ބަލާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންނެވެ. އެއަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓްގައި އައިލެންޑް އޭވިއޭޝަން އާއި ގުޅިގެން ފުޅާ ދާއިރާއެއްގައި ކަންކަން ބެލި ކޮމިޓީ ރިޕޯޓްގައި 13 ހުށަހެޅުމެއް ހުށަހަޅާފައެވެ.

ކޮމިޓީން އައިލެންޑް އޭވިއޭޝަންގެ މައްސަލަތައް ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓް ހުށަހަޅުއްވަމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވަނީ އައިލެންޑް އޭވިއޭޝަންގެ ކަންކަން ދިރާސާކުރުމުގައި އޮޑިޓަރ ޖެނެރަލް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓާއި އައިލެންޑް އޭވިއޭޝަން ސަރވިސްގެ ޚާއްސަ ރިވިއު ރިޕޯޓް ދިރާސާކޮށްފައެވެ. އަދި ކޮމިޓީގެ އެކި ބައްދަލުވުންތަކުގައި އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން ހިއްސާކޮށްފައިވާ މައުލޫމާތުތައްވެސް ދިރާސާކޮށްފައިވާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނަކީ މިހާރު ރާއްޖޭގެ ގައުމީ އެއަރލައިނަށް ވާއިރު އެ އެއަރލައިނުން ގައުމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ނިކުމެ ގައުމީ ޚިދުމަތްް ކުރާކަން ފާހަގަކުރައްވާ އިލްޔާސް ލަބީބު ވަނީ ކޮވިޑްގެ މިދަތި ހާލަތުގައި އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ ގިނަ ގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ކޮވިޑާއި ގުޅިގެން މިއަހަރު އައިލެންޑް އޭވިއޭޝަންގެ އާމްދަނީ އަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާ 394 މިލިއަން ރުފިޔާގެ ކުރިއެރުމެއް ނާންނާނެކަން އޮޑިޓަރ ޖެނެރަލް އޮޑިޓު ރިވިއުގައި ފާހަގަކޮށްފައިވާކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ. މީގެއިތުރުން މުސާރަ އާއި އިނާޔާތްދިނުމުގައި އުސޫލުން ބޭރުން އިތުރަށް ދީފައިވާ ފައިސާ ފިނޭންސް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް މިހާރު ހޯދާފައިވާކަމަށްވެސް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ކުންފުނީގެ ކުރިމަގަށް ހުރި ހުރަސްތަކާއި ގުޅޭގޮތުން ދިރާސާކުރިއިރު އެންމެ ބޮޑަށް ފާހަަކުރެވުނީ ކޭޝްފްލޯ ރަނގަޅުކުރުމަށް ޚަރަދުކުރެވޭނެ ގޮތްތަކާއި އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުމަށް މިއަހަރަށް އަލަށް އެކުލަވާލެވުނު ބަޖެޓް ތަންފީޒުކުރަން ކުންފުނިން ނިންމާފައިވާކަމުގައެވެ.

އަދި ކުންފުނީގެ އެކްޝަން ޕްލޭން އެކުލަވައިލެވިފައިވާ ކަމަށާއި، މިކަރުދާހުގައި ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ގޮތާއި ނަފާވެރިކަން އަދި ކުންފުނިން ދެމުންދާ އެހެނިހެން ޚިދުމަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ރާވާފައިވާކަން ފާހަގަކުރެވުނު. ކުންފުނިން ވޭތުވެދިޔަ މުއްދަތުގައި ވިޔަފާރި ފުޅާކުރުމަށްޓަކައި އިންވެސްޓްމެންޓްތަކާއި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރައިދިޔުމުގެ ސަބަބުން ކުންފުނީގެ ޚިދުމަތްތައް އެތައް ގުނައަކުން ފުޅާކުރަންޖެހިފައިވުމާއި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ބައެއް ކަހަލަ ދަތިތައް ކުރިމަތިލާން ޖެހިފައިވާކަންވެސް ފާހަގަކުރެވުނު.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

މީގެއިތުރުން އިލްޔާސް ލަބީބު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ކޭޝްފްލޯ ހުރީ މައިނަސް 55 މިލިއަން ރުފިޔާގައި ކަމަށެވެ. ނެގެޓިވް ކޭޝް ފްލޯގެ މައިގަނޑު ސަބަބަކީ ކުންފުންޏަށް ފައިސާގެ ބޮޑު ބައި ލިބެންޖެހޭ ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާކުންފުނިތަކުން އެފައިސާ ދިނުމުގައި ލަސްތަކެއްވެފައި ހުރުމާއި ހަމަ އެމުއްދަތުގައި އައިލެންޑް އޭވިއޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ކޮންމެހެން ދައްކަންޖެހޭ ޚަރަދުތަކަށް އެކުންފުނިން ފައިސާ ދައްކަމުން ގޮސްފައިވުން ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީން ހުށަހެޅި 13 ހުށަހެޅުމުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަށް ގައުމީ އެެއަރލައިނުގެ ދަރަޖަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެންނެވުމަށް ވަނީ ހުށަހަޅާފައެވެ.

ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން އެސްއޯއީ ކޮމިޓީގައިވެސް އިންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ކޮމިޓީގައި އައިލެންޑް އޭވިއޭޝަންގެ ހާލަތު ވަރަށް ރަނގަޅަށް ބެލުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެގޮތުން މަސައްކަތްކުރިއިރު ފާހަގަވި ކަމަކީ މިފަދަ ކުންފުނިތަކަށް ރަނގަޅު ފުރުސަތުތަކެއް ސަރުކާރުން ހޯދައިދޭ ކަމަށްވާނަމަ ފައިދާވާ ކުންފުނިތަކަކަށް މިފަދަ ކުންފުނިތައް ވެގެންދާނެ ކަމަށެވެ. އެގޮތުން ފެންނަން ހުރި ހިސާބަށް ބަލާއިރު 2018 ވަނަ އަހަރަށްވުރެ 2019 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވާ ފައިދާ ބޮޑު ކަމަށާއި އަދި މިއަހަރު ކޮވިޑްގެ ހާލަތު ނައިނަމަ އަންދާޒާކޮށްފައިވާ 394 މިލިއަން ރުފިޔާގެ ކުރިއެރުމެއް އަންނާނެކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް މިކުންފުންޏަކީ މުސްތަގްބަލްއޮތް ކުންފުންޏެއްކަމަށް ފާހަގަކޮށްފައިވާ ކަމަށާއި ކުންފުނީގައި ލިކިއުޑިޓީގެ މައްސަލަތަކެއް ހުރިނަމަވެސް ކުންފުންޏަށް ސަރުކާރުގެ އެހީގައި އެކަމުން އަރައިގަނެވޭނެކަމަށް ހުސައިން ވިދާޅުވިއެވެ.

އޭގެއިތުރަށް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ޕްރޮފިޓެބިލިޓީއަށް ބަލައިލާއިރުވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުން މިކުންފުންޏަށް ފައިދާވޭ. އަދި އިތުރަށް ސީއައިޕީ ލައުންޖަކީވެސް ހަމަ ކުންފުނީގެ ވަރަށް ބޮޑު އާމްދަނީއެއް. ސަރުކާރަށް ވަރަށް ފަސޭހަ ކަމަކަށްވާނެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ސްޕޭސްތަކެއް ދީގެން އެގޮތަށް އެކަންތައް މެނޭޖްކުރެވޭނެ. އަދި ގްރައުންޑް ހޭންޑްލިންއަށްވެސް ދިޔުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ޕޮލިސީ ލެެވެލްގައި މިކަންތައް ރަނގަޅަށް ބައްޓަންކުރުމަށްފަހު މޯލްޑިވިއަނަށް ގައުމީ އެއަރލައިނެއްގެ ދަރަޖަދީފައި އެއަރލައިނަށް ކޮންސެޝަންތެއް ދީފިއްޔާ އަޅުގަނޑު ދެކޭގޮތުގައި މިކުންފުންޏަކީ ވަރަށް ރަނގަޅު ކުންފުންޏަކަށް ހެދިގެންދާނެ ކަމަށް ދެކެނީ
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީ

ފޭދޫ ދާއިރާގެ މެމްބަރ މުހައްމަދު ނިހާދުވެސް ވަނީ ގައުމީ އެއަރލައިނަށް، ގައުމީ އެއަރލައިންގެ ދަރަޖަ ދެވިފައިނުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އައިލެންޑް އޭވިއޭޝަނަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުންދޭނަމަ މިއަދު ނެރެމުންދާ ނަތީޖާތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް އެކުންފުނިން ނެރޭނެކަމަށް ނިހާދު ވިދާޅުވިއެވެ.

އަޅުގަނޑު މިއަދުވެސް މިއެދެނީ، ދިވެހި ދައުލަތުން، ދިވެހި ސަރުކާރުގެ ކުންފުނިތަކުން މި އެއަރލައިނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް. މި ރިޕޯޓު ބަލާއިރުގަައި އަޅުގަނޑުމެންނަށް އެބަފެނޭ ގައުމީ އެއަރލައިން ބޭރުގެ ދަތުރުތައް ފެށުމާއި އެކި ކަންކަމަށް ޕްރޮޕޯޒަލް ހުށަހަޅައި ސަރުކާރުގެ އެޕްރޫވަލް ލިބިފައިވާ، ފަންޑު ނުލިބި ތާށިވެފައިވާ ތަން. ސަރުކާރުގެ ކުންފުނިތަކުން ގައުމީ އެއަރލައިނަށް ދޭންޖެހޭ ފައިސާ ނުލިބިވާތަން. އަޅުގަނޑު މިއަދު އާދޭހާއެކު މިދަންނަވަނީ، ގޮވާލަނީ ފިނޭންސް މިނިސްޓަރަށް، މި ގައުމީ އެއަރލައިނަކީ ރަނގަޅު އެއަރލައިނަކަށް ހެދުމަށްޓަކައި ދެއްވަންޖެހޭ އެހީތެރިކަން ވީ އެންމެ އަވަހަށް ދެއްވާށޭ
ފޭދޫ ދާއިރާގެ މެމްބަރ މުހައްމަދު ނިހާދު

ކޮމިޓީ ރިޕޯޓަށް ވާހަކަދެއްކެވި އެހެން މެމްބަރުންވެސް ވަނީ އައިލެންޑް އޭވިއޭޝަނަށް ދޭންޖެހޭ އެއްބާރުލުންދީ އެކުންފުންޏަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަންފައެވެ.

އައިލެންޑް އޭވިއޭޝަން އުފެދިފައިވަނީ 2000 ވަނަ އަހަރުއެވެ. އައިލެންޑް އޭވިއޭޝަން އުފެދުމުގެ ކުރިން އޮތީ އެއަރ މޯލްޑިވްސްއެވެ. އެކުންފުނީގެ ނަމުގައި ނެގި ލޯނުތައް ނުދެއްކި ކުންފުނި ބަނގުރޫޓްވާ ހިސާބަށް ދިއުމުން އެކުންފުނި އުވާލުމަށްފަހު އުފެއްދި ކުންފުންޏަކީ އައިލެންޑް އޭވިއޭޝަނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް