ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީއަށް ވައްދަން ވާނީ ރައީސްގެ ހިޔާލާއެކު: ބިގޭ

  • އަމީންގެ މައްސަލަ ވައްދަން ޕީޖީން ފާހެއްނުވި
  • ކޮމިޓީގައި އަމީން ވަނީ ދިފާއުވެވަޑައިގެންފައި
  • އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން 24 މެމްބަރަކުގެ ސޮޔެ ވަނީ ހޯދާފައި

ކ. މާލެ | 20 އޮކްޓޯބަރ 2020 | އަންގާރަ 23:57 | 15,194

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) - އެމްޑީޕީ

ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ) އަށް ހުށައެޅުމުގެ ކުރިން، ޕާޓީގެ ލީޑާޝިޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރުން އެއީ އެއީ އެންމެ އައުލާކަން ބޮޑު އެއްގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެ އަށް ވެންޓިލޭޓަރު ގެނައުުމުގައި ހެލްތް މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ކޮމިޓީ އަށް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ހާޒިރުކޮށްފައެވެ. އަންގާރަ ދުވަހުވެސް މިނިސްޓަރު އަމީން ހާޒިރު ކުރިއެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އަންގާރަ ދުވަހު އެމްޑީޕީގެ ޕީޖީގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. 58 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ފާހެއް ނުވިއެވެ. 30 މެމްބަރަކު ވަނީ އެ މައްސަލަ މަޖިލީހަށް ނުވައްދަން ވޯޓު ދެއްވާފައެވެ.

''ރާއްޖެ.އެމްވީ'' އާ ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ވޯޓު ނަގަން ކުރިޔަށް ދިޔަ ބައްދަލުވުމުގައި ދެ އިސްލާހެއް ހުށައެޅި ކަމަށެވެ. އޭގެ ތެރެއިން އެއް ހުށައެޅުމަކީ، ރައީސް ސޯލިހު އަކީ އެމްޑީޕީގެ އެންމެ އިސް ފަރާތަށް ވާތީވެ އާއި ވަޒީރުން އައްޔަން ކުރަނީ ރައީސް ކަމަށްވާތީވެ އެމަނިކުފާނުގެ މަޝްވަރާ ހޯދުމަށް ފަހު އިތުބާރު ނެތް ކަމުގެ މައްސަލާ ގައި ވޯޓް ނެގުމަށާއި، ރައީސްގެ މަޝްވަރާ ހޯދަން އުސޫލެއް އެކުލަވާލާށެވެ.

އޭގެ ތެރެއިން އެއްވެސް އިސްލާހެއް ފާސް ނުވާ ކަމަށް ބިގޭ ވިދާޅުވިއެވެ. ނަމަވެސް ޕީޖީގެ ތެރޭގައި އެހެން ނިންމާފައިވަނިކޮށް ބައެއް މެމްބަރުންގެ ސޮޔާއެކު މިނިސްޓަރުގެ މަގާމުން އަމީން ވަކިކުރަން މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ފަށާއި 24 މެމްބަރެއްގެ ސޮއި ވަނީ ހޯދާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕް އިން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބިގޭ ވިދާޅުވީ، ޕާޓީން ގޮތެއް ނިންމާފައި ވަނިކޮށް އެއާއި ހިލާފަށް އިތުރަށް ވޯޓެއް ނުނަގައި މެންބަރުންތަކެއް ކުރިޔަށްގެންދަން ނިންމި ނިންމުމަކީ ޕާޓީގެ އުސޫލާއި ހިލާފު ކަމެއް ކަމަށެވެ. ބިގޭގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގެ ކުރިން ޕާޓީގެ އިސް ފަރާތުން ރައީސްއާ މަޝްވަރާ ނުކުރެއްވުމެވެ .

އޭނާ ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކަންތައްތަކުގައި ރައީސްގެ މަޝްވަރާ ހޯދުން އެއީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް އެއްވެސް ވަރަކަށް ދެކޮޅު ނަހައްދަވާ ކަމަށެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި މިނިސްޓަރު އަމީން ވަނީ ކުރެވޭ ތުހުމަތުތަކުން ބަރީއަވެ ވަޑައިގެންފައެވެ. އަދި އެކަމުގައި އަމަލުކޮށްފައިވާނީ އުސޫލުތަކާއި އެއް ގޮތަށް ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މި މައްސަލާ ގައި ރައީސް ސޯލިހު އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.