ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 13:45
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ހައްވާ ލަތީފް
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ހައްވާ ލަތީފް
ރާއްޖެއެމްވީ
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު
ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރެވުމުން ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި މާހައުލެއް ގާއިމުކުރެވޭނެ: އެމްއެމްއޭ
 
ރައްޔިތުންނަށް އިނޮވޭޓިވް ޓެކްނޮލޮޖީއާއި އެކު އަވަހަށް ފައިސާ ފޮނުވުމަށް މަގުފަހިވެގެންދާނެ
 
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ

ގައުމީ ޕޭމެންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރެވުމުން ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރުގެ ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސް ކުރުމާއި ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހި ރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރެއްވުމަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެ އިދާރާގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ.

ބިލާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށައަޅުއްވަމުން އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ހައްވާ ލަތީފް ވަނީ ބިލުގެ މަޤްޞަދުތަކާއި ހާސިލުކުރަން ބޭނުންވާ ކަންތައްތައް މަޖިލީހާއި ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ މި ބިލުގެ ސަބަބުން ބޭންކްތަކެކޭ އެއްފަދައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ދިވެހިރާއްޖޭގައި ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދިވެހިރާއްޖޭގައި ފިންޓެކް ހިދުމަތްދޭ ފަރާތްތަކަށް އެ ފަރާތަކުން ދިނުމަށް ޤަސްދުކުރާ ޕޭމަންޓް ހިދުމަތަކާއި ގުޅޭގޮތުން، އެކްޓިވިޓީ ބޭސްޑް ލައިސަންސިންގ އުސޫލުތަކެއްގެ ދަށުން ހިދުމަތްތައް ތައާރަފްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ސަބަބުން ރާއްޖޭގެ ޕޭމެންޓް ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން މާކެޓަށް ވަންނަ ވަރު އިތުރުވެގެން ދާނެކަން ފާހަގަކުރައްވާ ހައްވާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އިނޮވޭޓިވް ޓެކްނޮލޮޖީއާއި އެކު އަވަހަށް ފައިސާ ފޮނުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއާއި އެކު ކުދި ވިޔަފާރިވެރިންނަށާއި، ދަނޑުވެރިންނަށާއި، ޓުއަރިޒަމްގެ ހިދުމަތްދޭ ފަރާތްތަކަށް އަދި ގޭގައި އެކި ކަހަލަ ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ހާއްސަކޮށް ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ބިލުގެ ސަބަބުން އެކުލެވޭ ރެގިއުލޭޓްރީ ރެޖީމްގެ ސަބަބުން ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުގެ އަަދަދު އިތުރުވާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީގެ ސަބަބުން މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ހެޔޮ އަގުގައި ޕޭމެންޓް ހިދުމަތް ދިނުމަށް ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

މިހާރު ޕޭމެންޓް އިންޑަސްޓްރީއަށް ބަލާކަމަށްވާނަމަ ވަރަށް ބޮޑަށް ވެސް ކާޑަށް ބަރޯސާވެފައިމިވަނީ. ކާޑަކީ އޭގެ ޒާތުގައި، ޕޭމެންޓު ހިދުމަތުގެ ޒާތުގައި ވަރަށް ގިނަ އިންޓިމީޑިއަރީސް ތަކެއް، ވަރަށް ގިނަ ލޭޔަރޒް ތަކެއް އެކުލެވޭ ސިސްޓަމެއް. އެހެންކަމުން މި ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތަކަށް ކޯސްޓް ކޮންޓްރޯލް ކުރުމަކީ ވަރަށް ޗެލެންޖިންގ ކަމަކަށް ، ގޮންޖެހުމަކަށް ވެފަ އޮންނަނީ. އަޅުގަނޑުމެން ތައާރަފް މިކުރާ ސިސްޓަމަކީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ސިދާ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް. އޭގެ ސަބަބުން މި ސިސްޓަމް މެދުވެރިކޮށް ޕޭމެންޓް ހިދުމަތްދޭ ފަރާތްތައް އިތުރުވެގެންދޭ. މިކަމުގެ ސަބަބުން ކޯސްޓް ކުޑަކުރުމަށް، ނުވަތަ ޕޭމެންޓް ހިދުމަތްތައް ދިނުމުގައި ހަރަދުކުޑަކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ.
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ހައްވާ ލަތީފް

ރާއްޖޭގައި ޕޭމަންޓް ސިސްޓަމްތައް ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު، އެމްއެމްއޭއިން އަންނަނީ ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑާ އީކޮމާސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތް ނިމުމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް