ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 01:21
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލިސް
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓް
އެންމެ އެކަށީގެންވާ ފަރާތްތައް އަންގައި ދިނުމަށް ކޮމިޓީ ރިޕޯޓްގައި މިހާރު އޮންނަނީ "ހައިލީ ރިކޮމެންޑެޑް" އާއި "ރިކޮމެންޑެޑް"
 
މަގާމަށް އެންމެ ގާބިލް މީހާ މަޖިލީހަށް އަންގައިދެވޭނެ ގޮތެއް މިހާރު ނޯވޭ
 
މިހާރު އޮންނަގޮތުން އެންމެ ގާބިލް މީހާގެ ނަން ތަޅުމަށް އައުމުގު ފުރުސަތު ގެއްލިގެންދާ ފަހަރުވެސް އާދޭ
 
މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވާނީ ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްވާ ނަންތައް

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު މިހާރު އޮންނަ ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނު ކުރުމުގައި އެންމެ ޤާބިލު ފަރާތްތަކުގެ ނަންތައް ތަޅުމާ ހަމައަށް އައުމުގައި ހުރަސްތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މީގެކުރިން ވެސް ތަޅުމުގައި ވަނީ ފާޅު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި މީގެކުރިން އޮންނަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ޢައްޔަނު ކުރުމަށްޓަކައި ކޮމިޓީން މާކްސް ދޭ ގޮތަށެވެ. އަދި އެއަށްފަހު ކޮމިޓީން އިސްކަންދޭ ތަރުތީބުން މަޖިލީހުގެ ތަޅުމަށް ހުރިހާ ނަންތައް ފޮނުވާ ގޮތަށެވެ.

އެހެންނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަވާއިދަށް ގެނައި އިޞްލާޙާއެކު ޤަވާއިދުގެ 201 ވަނަ މާއްދާގެ ޅ ގައި ބުނަނީ މަޤާމުގެ ޝަރުޠުހަމަވާ ކަމަށް ކޮމިޓީއަށް ނަން ހުށަހަޅާފައިވާ ކޮންމެ ފަރާތެއް އެ މަޤާމަށް ޢައްޔަނު ކުރުމާމެދު ނުވަތަ ރުހުން ދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނަގަންވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވާނީ ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްވާ ނަންތަކެވެ. އަދި ކޮމިޓީ ރިޕޯޓުގައި އެކަން ފާހަގަ ކުރަންވާނެއެވެ. މި ރިޕޯޓުން ނަންތައް ދިރާސާ ކުރުމަށްފަހު ތަޅުމަށް ނަންތައް ދާއިރު އެތަނުން އެކަމަށް އެންމެ ގާބިލީ ކާކުކަން އެނގޭކަން ނޯވެއެވެ. މީގެއިތުރުން މިހާރު މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން ކޮމިޓީގެ މެމްބަރުން ވޯޓު ދެއްވާ ވޯޓުގެ އަޣްލަބިއްޔަތު ނުލިބޭ ފަރާތަކީ ކިތަންމެ ޤާބިލު ފަރާތެއް ކަމުގައިވިޔަސް އެ ނަމެއް ތަޅުމާ ހަމައަށް އައުމުގެ ފުރުޞަތެއް ނޯވެއެވެ. އެގޮތަށް އެކަން އޮތުމުގެ ސަބަބުން އެންމެ މެންބަރަކަށް މުޅި ކޮމިޓީގެ ނިންމުން ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެގޮތަށް އެކަން ހިނގާފައި ވެސް އެބަހުއްޓެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ތިއްބަވަނީ 12 މެމްބަރުންނެވެ. އެ ކޮމިޓީގެ އަޣްލަބިއްޔަތަކީ 8 މެމްބަރުންނެވެ. ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކުރަން ބަލާއިރު އިންޓަރވިއު ކުރާއިރު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވަނީ އެކި މިންވަރަށެވެ. 8 މެމްބަރުން ތިއްބަވާ ވަގުތެއްގައި އެންމެ މެމްބަރަކު ވޯޓު ނުދިންކަމުގައި ވިޔަސް ވެސް އެބޭފުޅެއްގެ ނަން ތަޅުމާ ހަމައަށް އައުމުގެ ފުރުޞަތު ގެއްލޭއިރު 12 މެމްބަރުން ތިއްބަވައިގެން އިންޓަރވިއު ކުރާ ގަޑިއެއްގައި އެއް މެމްބަރަކަށް އަދި ނުފެނުނު ކަމުގައިވިޔަސް އެފަރާތެއްގެ ނަން ތަޅުމަށް އައުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީގެކުރިން ބްރޯޑްކޮމް އަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެއްވެސް ނަމެއް ކޮމިޓީން ދިރާސާ ކުރުމަށްފަހު ތަޅުމާ ހަަމައަށް ނައިސް އެބަވެއެވެ.

މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމަށް ނަންތައް ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅުއްވާ ކޮންމެ ދުވަހަކުހެން ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތަށް ގަވާއިދު އޮތުމުގެ ސަބަބުން އެންމެ އަދުލުވެރި އަދި އިންސާފުވެރިކަމާއެކު އެކަން ހިނގާ ކަމަށް ދެކެވަޑައިނުގަންނަވާތީ މިކަން ބަދަލު ކުރުމަށް ޢާންމު ކޮމިޓީއަށް އެކަން ވަނީ ފޮނުވާފައެވެ. އެކަން ބަދަލު ކުރުމަށް ފޮނުވާފައި އޮންނަތާ އަހަރެއްވާން ދާއިރު ވެސް އަދިވެސް މިކަމަށް ހައްލެއް ނާދެއެވެ.

އެހެންކަމުން ހޯމަ ދުވަހުގެ ޖަލްސާ އަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން(އެންއައިސީ) އަށް މެމްބަރު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ކޮމިޓީއަށް އެންމެ ގާބިލް މީހުން މަޖިލީހަށް އެނގޭނެ ގޮތެއް ނޯންނާތީ އެކަމަށް ހައްލު ގެނައުމަށް މިހާރު ކޮމިޓީން ނިންމާފައިވަނީ ކޮމިޓީ ރިޕޯޓްގައި ހައިލީ ރިކޮމެންޑެޑް އާއި ރިކޮމެންޑެޑް ޖަހާފައި ތަޅުމަށް ކޮމިޓީ ރިޕޯޓް ފޮނުވުމަށް ކަމަށެެވެ.

އެހެންވީމާ މިފަހަރު ކޮމިޓީން ނިންމީ ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު ހައިލީ ރިކޮމެންޑެޑް، ރިކޮމެންޑެޑް އެގޮތަށް ކޮމިޓީން ތަޅުމަށް ފޮނުވާއިރު ޖަހާފައިކަމަށް ފޮނުވާނީ. އެހެންނޫނީ މަޖިލީހުގެ ތަޅުމުގައި ތިއްބަވާ މެމްބަރުންނަށް ކޮމިޓީގެ މަސައްކަތުން އެއްވެސް އެއްޗެއް ސާފެއްނުވާނެ. އެތަނުން އެންމެ ރަނގަޅު އެތަނުން އެންމެ އެކަށީގެންވަނީ ކޮން ބައެއްކަމެއް. އެހެންވީމާ މިފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވަނީ ހައިލީ ރިކޮމެންޑް ފަރާތްތައް ކަމާއި ދެ ވަނަ އަށް އެންމެ އެކަށީގެންވަނީ ރެކޮމެންޑެޑް ފަރާތްތައްކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައި. މީގެއިތުރުންވެސް މަގާމަށް އެކަށީގެންވަންޏާ އަޅުގަނޑުމެން އެބޭފުޅުންގެ ނަން ވަނީ ކޮމިޓީއަށް ފޮނުވާފައި ތަޅުމަށް.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މިކަމަކީ މީގެކުރިންވެސް ތަޅުމުގައި މެމްބަރުން ތަފާތު ޚިޔާލުތަކެއް ފާޅުކުރައްވާފައިވާ ކަމެކެވެ. މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމުގައި ކޮމިޓީން ކިތަންމެ މަތިން މާކްސް ދިނުމަށްފަހު ތަޅުމަށް ގެނައި ނަމަވެސް ދަށުން މާކްސް ލިބިފައި ހުންނަ ފަރާތްތައް މަޖިލީހުން ފާސް ކުރުމާއި މުއައްސަސާތަކަށް ނާގާބިލް މީހުން މަޖިލީހުން އައްޔަނު ކުރުމުގެ ސަބަބުން މިނިވަން މުއައްސަސާތައް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ޝަކުވާ އަކީ މެމްބަރުން ވެސް ކުރައްވަމުން ގެންދެވި ޝަކުވާއެކެވެ. އެ ޝަކުވާތަކަށް ނިމުން ގެނައުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު މިހާރު ދިމާވާ މި މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ނޫނީ ގާބިލް މީހުން މިނިވަން މުއައްސަސާތަކަށް އައްޔަނު ކުރެވޭނެ ދުވަހެއް ނާންނާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް