ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 18:22
އުތީމު ގަނޑުވަރު
އުތީމު ގަނޑުވަރު
ޓްވިޓަރ
ގައުމީ ދުވަސް
ގައުމީ ދުވަސް: އިބުރަތުން ފުރިގެންވާ މުހައްމަދު ތަކުރުފާނުގެ މަތިވެރި ޖިހާދު
 
މުހައްމަދު ތަކުރުފާނުގެ ހަނދާނުގައި މި ދުވަސް ފާޙަގަ ކުރާތަ މިއީ 77 ވަނަ އަހަރު
 
މިއީ ޕޯޖުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބިގެން ދިޔަ ދުވަސް
 
ރާއްޖެއަށް އަލުން މިނިވަންކަން ހޯދީ ރަބީޢުލް އައްވަލް 1 ވަނަ ދުވަހު

ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހަކީ ދިވެހިން އެ ބަތަލެއްގެ ހަނދާން ފަހުރުވެރިކަމާއެކު އާ ކުރަމުން އަންނަ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި 15 އަހަރާއި ހަ މަސް ދުވަސް ވަން ދެން އޮތުމަށް ފަހު މިނިވަން ކޮށްދެއްވި ދުވަހެވެ. ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަހެވެ.

މި ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރެވެމުން އަންނަ އިރު މި އިބުރަތުން ފުރިގެންވާ މަތިވެރި ޖިހާދުގެ ވާހަކަތައް ފުރިހަމައަށް އިނގުމަކީ ވަރަށް ވެސް މުހިއްމުކަމެވެ.

ތާރީހު ދިރާސާ ކުރައްވާ ނަސީމާ މުހައްމަދު ޕޯޗުގީޒުން ދިވެހި ރާއްޖެ އަޅުވެތި ކުރި ގޮތް ވަރަށް ތަފްސީލުކޮށް ވަނީ ކިޔާދެއްވާފައެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އެބައި މީހުން ރާއްޖެ ހިފުމަށް އައި ފުރަތަމަ ފަހަރު އެބައި މީހުން ނާކާމިޔާބު ވީއެވެ. އަދި ދެވަނަ ފަހަރު ވެސް ހަމަ މިފަދައިން ނާކާމިޔާބުވެ ދިވެހިންނަށް ނަސްރު ލިބިގެން ދިޔައީއެވެ.

މިއީ ނުވަވަނަ ހަސަން ރަސްގެފާނު ތިވެހި ތަހުތުގައި އިންނަވާ ދީން ބަދަލު ކުރެއްވުމަށްފަހު ދިވެހި ރާއްޖޭގެ ތަހުތު ދޫކޮށް ގޮސް އަދި ވެރިކަމުގެ ދަހިވެތި ކަމުގައި ކުރައްވަމުން ގެންދެވި މަސައްކަތްތަކެކެވެ.

މީގެ އިތުރުން ވެސް ނަސީމާ ވިދާޅުވެފައި ވަނީ ތިންވަނަ ފަހަރު ނުވަވަނަ ހަސަން ރަސްގެފާނު ޕޯޗުގީޒުންގެ ރާނީއަށް ސިޓީފުޅެއް ފޮނުއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތިންވަނަ ފަހަރަށް އެބައި މީހުންގެ ފްލީޓެއް ރާއްޖެ ފޮނުވިގެން ދިޔުން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަހުތައް އައްސުލްތާން އަލީ ހަވަނަ އިސްވެވަޑައިގެންނެވި ތާ މާގިނަ ދުވަހެއް ނުވަނީސް ކަމަށާއި، އަލި ރަސްގެފާނު ޝަހީދު ކޮށްލުމަށްފަހު އަނދިރިއަނދިރިން ރަސްކަމަށް އެރީ ކަމަށް ވެސް ނަސީމާ ވަނީ ވިދާޅުވެފައެވެ.

ދެން ފެށިގެން ދިޔައީ އަނިޔާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ތާރީހުގެ ކަޅު ސަފްހާތަކެވެ. ދެކުނުގެ ތިން އަތޮޅެއް ކަމަށްވާ ހުވަދޫ، ފުވައްމުލަކު އަދި އައްޑޫ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށް ޕޯޗުގީޒުންގެ އަނިޔާވެރިކަން ވަނީ ފެތުރިފައެވެ. އެ މީހުންގެ އާރާބާރު ދައްކަމުން އެ މީހުން ދިޔައީ ދިވެހިރާއްޖެއިން އިސްލާމް ދީން ފޮހެލުމަށެވެ.

ގައުމަށް ހިޔާނާތްތެރިވި އެންމެ ދިވެހި ދަރިއެއްގެ ސަބަބުން ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން ދިޔައެވެ. ލާއިންސާނީ އެތައް އަމަލެއް ހިނގަމުން ދިޔުމާއެކު ނާއިންސާފުން ދިވެހިންނަށް އެތައް އަނިޔާއަކާ އަދަބެއް ލިބެމުން ދިޔައެވެ. ދީނީ މިނިވަންކަމާއެކު މުޅި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައެވެ.

މި ދަރަޖައަށް ރާއްޖޭގެ ހާލަތު ގޮސްފައި ވަނިކޮށް ދިވެހި ލޭހިނގާ ދިވެހި ދަރިންތަކެއް މިކަމާ ދެކޮޅަށް ތެދުވެ ދިވެހިން އަޅުވެތިކަމުން މިނިވަން ކުރުމަށް ނިންމިއެވެ. އުތީމު ހުސެއިން ހަތީބު ތަކުރުފާނުގެ ތިން ދަރިކަލުން މުހައްމަދު ތަކުރުފާނު، ހަސަން ތަކުރުފާނު އަދި އަލީ ތަކުރުފާނު މި ގައުމު މިނިވަން ކުރަން އަޒުމު ކަނޑައެޅުމަށްފަހު މިކަމުގެ ބާނީ އަކަށް މުހައްމަދު ތަކުރުފާނު ހަމަޖެއްސެވިއެވެ.

އެއަށްފަހު އެންމެ ފުރަތަމަ ކަމަކަށް ކަޅުއޮއްފުންމި ބަންނަވާ އާއިލާ މަލިކަށް ބަދަލު ކުރެއްވިއެވެ. އެތަނުން މި ތިންބެއިންނާ އަލީ ހާޖީ އަދި ހަސަން ހާޖީއާ ބައްދަލުވެގެން ދިޔައެވެ. މި ދެ ހާޖީން ވެސް މިކަމުގައި ބައިވެރިވާން ނިންމިއެވެ. މި ކުޑަކުޑަ ލަޝްކަރުގައި ދެން ބައިވެރިވެ ވަޑައިގެންފައިވަނީ ދުވާފަރު އަލީ ދަންޑަހެލެވެ. މިހާތަނުން ކަޅުއޮއްފުންމީގައި އެބޭފުޅުންގެ ޖިހާދު ފެއްޓެވީއެވެ.

މި ކުޑަކުޑަ ލަޝްކަރު އަމަލުތައް ބެހެއްޓެވި ގޮތަކީ ކޮންމެ ރެއަކު އިރުއޮއްސުމުން ރަށްރަށަށް އަރުއްވައި އެރަށްރަށުގައި ތިބި ޕޯޗުގީޒު ސިފައިން މަރުއްވަނީއެވެ. އަދި އިރުއެރުމުގެ ކުރިން އޮޑިއަށް ބޭނުންވާ ސާމާނު އަރުވައިގެން ރާއްޖެ ނުފެންނަ ހިސާބަށް ވަޑައިގަންނަވަނީއެވެ. މިހެން އުޅުމުގެ ތެރޭގައި ކާފަރުން އަލި ތަކުރުފާނު ޝަހީދުކޮށްލިއެވެ.

އެހާތަނުން އިތުރު ހިތްވަރަކާއެކު ދިވެހި ލަޝްކަރު މަސައްކަތް ކުރެއްވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން މުހައްމަދު ތަކުރުފާނު ކަންނަންނޫރަށް ވަޑައިގެން ޢަލީ ރާޖާގެ އެހީތެރިކަން ހޯއްދަވަން ނިންމަވާ އެފަދައިން ކަންތައްކުރެއްވިއެވެ. ޢަލީ ރާޖާ ދެއްވި ގުރާބާއި ލަޝްކަރާގެން މުޙައްމަދު ތަކުރުފާނު ރާއްޖެ ވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

އެމަނިކުފާނު މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ ނަޞާރާ ދީން ޤަބޫލު ނުކުރާ މީހުން މެރުމަށް ޕޯޗުގީޒުން ނިންމާފައިވާ ދުވަހެވެ. މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާގެން އެރޭ މާލެ އަރުއްވައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އަނދިއަނދިރިންގެ ކަރަށް ބަޑިޖައްސަވައި އޭނާ މިދުނިޔެއިން ވަކިކުރެއްވިއެވެ. އަދި ރާއްޖެއަށް އަލުން މިނިވަންކަން ހޯދައިދެއްވެވިއެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލް 1 ވަނަ ދުވަހެވެ.

ބޭރުގެ ލިޔުންތެރިއަކާ ހަވާލާދެއްވާ ނަސީމާ ވިދާޅުވެފައިވަނީ މިކަމުގެ ބަދަލެއްގެ ގޮތުން ރުޅިއައިސް ޕޯޗުގީޒުން ބަދަލު ހިފުމުގެ ގޮތުން އިތުރު ލަޝްކަރެއް ރާއްޖެއަށް ފޮނުވިކަމަށެވެ. އަދި މި ހަނގުރާމަ ތިން އަހަަރަށް ދެމިގެން ދިޔަކަމަށާ މި ހަމަލާތަކަށް ނިމުމެއް އައީ ރާއްޖެއާ ޕޯޗުގީޒުން 1576 ގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހުގައި ކަމަށެވެ.

ކޮންމެއަކަސް މުހައްމަދު ތަކުރުފާނާ އެ ތަކުރުފާނުގެ ލަޝްކަރުން ކުރެއްވި މި އިބުރަތުން ފުރިގެންވާ ޖިހާދުގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެއެވެ. މިކަން ކުރެވޭނީ އަދުގެ ޒުވާނުން މިކަމުގެ ރަނގަޅު މައުލޫމާތު ހޯދާ ދިރާސާ ކުރުމަށް ފަހު މާދަމާގެ ޒުވާނުންނަށް ވާންތިބި ކުޑަކުދިންނަށް މި ވާހަކަތައް ހިއްސާކޮށްގެންނެވެ.

އަބްދުﷲ ސައީދު ވިދާޅުވަނީ މިނިވަންކަމަކީ އަސާސީ ޙައްޤަކަށްވިޔަސް، އެ ޙައްޤާއެކު ޒިންމާއެއް ވާކަމަށެވެ. އަދި އެއީ ކަނޑައެޅިފައިވާ ވަކި މިންގަނޑެއްގެ މައްޗަށް ބިނާވެފައިވާ މާނަފުން ޝުޢޫރެއް ކަމުގައެވެ. މާދަމާވެސް މިފަދަ ހަމަލާއެއް އަތުވެއްޖެނަމަ ކަންތައް ކުރާނެ ގޮތް އިނގޭނީ ތާރީހީ މިފަދަ ވާހަކަތަކުން އިބުރަތް ލިބިގަނެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
40%
13%
0%
20%
13%
ކޮމެންޓް
2 އޮކްޓޯބަރ 2021 | ހޮނިހިރު 19:10
ލިޔާ
ރަނގަޅު
31 އޯގަސްޓް 2021 | އަންގާރަ 11:02
އައިމިނަތު މިސްއާ
ވަރަށް ރީތި
4 މެއި 2021 | އަންގާރަ 19:17
ހައިޝާ
ވަރަށް ރީތި ވާހަކަ އެއް