ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 02:20
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނެއް
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނެއް
އޭއެފްޕީ
ކޮވިޑް-19 ވެކްސިން
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެކްސިނެއް ނުލިބޭނެ
 
އެމަރޖެންސީކޮށް ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެކުންފުންޏަށް އެމެރިކާގައި އެދެވޭވަރުވާނީ ނޮވެމްބަރ މަހުގެ ތިން ވަނަ ހަފްތާގައި
 
ވެކްސިނަކީ ބޭނުންކުރަން ރައްކާތެރި ވެކްސިނެއްތޯ ކަނޑައެޅުމަށް ބޭނުންވާ ޑާޓާތައް އަންނަ މަސް އަންނަން ވާއިރަށް ނުލިބޭނެ

ކޮވިޑް-19 އަށް ފިޒަރ އަދި ބައޯއެންޓެކުން އުފައްދާ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެންމެ އަވަހަށް ވެސް އެދެވޭނީ ނޮވްމްބަރ މަހުގެ ފަހުކޮޅު ކަމަށް ފިޒަރ އިން ބުނެފިއެވެ.

މި އަހަރު ނިމުމުގެ ކުރިން ކޮވިޑް ވެކްސިނެއް އެމެރިކާގައި ބޭނުންކުރަން ފެށޭވަރު ވާނެކަމަށް ފިޒަރ އިން ބުނެއެވެ. އެހެންނަމަވެސް ފިޒަރއިން އެކުލަވާލި މި ޓައިމްލައިން އާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެކްސިން ލިބޭނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގަންނަވާފައިވާ ވައުދު ފުއްދެވުމަކީ ނާދިރު ކަމަކަށް މިވަނީ ވެފައެވެ.

ފިޒަރއިން ބުނެފައިވަނީ އެ ކުންފުނިން އުފައްދަމުން އަންނަ ވެކްސިން ބޭނުންކުރަން ފެށޭނެތޯ މި މަހުގެ ތެރޭގައި ކަނޑައެޅިދާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކްލިނިކަލް ޓްރަޔަލް ކުރިޔަށް ގެންދާ 40،000 މީހުންގެ ޑޭޓާތައް ލިބިގެންކަމަށެވެ. ވެކްސިނަކީ ބޭނުންކުރަން ރައްކާތެރި ވެކްސިނެއްތޯ ކަނޑައެޅުމަށް ބޭނުންވާ ޑޭޓާތައް މި މަސް ނިމެން ވާއިރަށް ނުލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ފިޒަރއިން އުފައްދަމުން އަންނަ ވެކްސިންގެ ޓައިމްލައިނާ ގުޅޭގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އާންމު ކޮށްފައިވާ ސިޓީއެއް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ. އެގޮތުން ޗީފް އެގްޒެކެޓިވް އަލްބަރޓް ބައޮލާގެ ސިޓީގައި ބުނެފައިވަނީ އެމަރޖެންސީކޮށް ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެ ކުންފުންޏަށް އެމެރިކާގައި އެދެވޭވަރު ވާނީ ނޮވެމްބަރ މަހުގެ ތިން ވަނަ ހަފްތާގައި ކަމަށެވެ.

ޓްރަމްޕް ވަނީ މީގެކުރިން އެތައް ފަހަރަކު އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމެރިކާ ރައްޔިތުންނަށް ވެކްސިން ލިބޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

އަނެއްކޮޅުން ކޮވިޑް-19 އަށް ވެކްސިން އުފައްދެމުގައި އެންމެ ކުރީގައި އުޅޭ ދެ ކުންފުންޏެއްގެ ޓްރެއަލްތައް އެމެރިކާގައި ވަނީ މެދުކަނޑާލާފައެވެ.

އެމެރިކާގެ ރައީސް އަވަސް އަރުވާލާފައި ވެކްސިނެއް ހޯއްދަވަން އުޅުއްވާތީ އެކަމުގެ ކަންބޮޑުވުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑިމިނިސްޓްރޭޝަނުން ވެސް ވަނީ ފާޅުކޮށްފައެވެ. އެއީ އަވަސް އަރުވާލައިގެން ވެކްސިން ހޯދަން އުޅޭ ކަމަށް ވާނަމަ ވެކްސިންގެ ޑޭޓާތައް ރަނގަޅަށް ރިވިއު ނުކޮށް ވެކްސިން އާންމުންނަށް ދީފާނެތީއެވެ.

އެމެރިކާގެ ސިއްހީ އޮފިޝަލުން ވަނީ އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދިން ކަމުގައިވީ ނަމަވެސް ކުރީކޮޅު ވެކްސިން ޖަހަން ރައްޔިތުން ދެކޮޅު ހަދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ރައްކާތެރި ވެކްސިނެއްތޯ ކުރެވޭ ސުވާލުތައް އިތުރުވެފައިވުމާއި އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި ހުރުމުންނެވެ.

އެމެރިކާގެ އެފްޑީއޭއިން މިމަހުގެ ކުރީކޮޅު ބުނެފައިވަނީ ވެކްސިންގެ ޓްރަޔަލްގެ ދެ މަސް ދުވަހުގެ ޑޭޓާ އާއި ޓްރަޔަލްތަކުގައި ބައިވެރިކުރާ މީހުންގެ ދެ ބައިކުޅަ އެއްބައި މީހުންގެ ޑޭޓާތައް ވެކްސިން ރިވިއުކުރަން ބޭނުންވާނެ ކަމަށެވެ.

ފިޒަރގެ މިނިންމުމާއެކު އެ ކުންފުނިން ވެކްސިން އުފައްދަމުން އަންނަނީ ސިޔާސީ ގޮތުންނަށްވުރެ ބޮޑަށް ސައިންސަށް ބަރޯސާވެ ކަމަށް ހާމަވަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން އަދި ވެކްސިން ޖެހުމަށް ރައްޔިތުންނަށް ހުއްދަ ދިންނަމަވެސް ގިނަ ބަޔަކު ރައްކާތެރިކަމުގެ ސުވާލު އުފައްދާ ވެކްސިން ޖެހުމަށް ފަސްޖެހެމުންދާ ކަމަށް ނަގަމުންދާ ޕޯލްތަކުން ވެސް އަންނަނީ ހާމަވަމުންނެވެ.

ވެކްސިން އުފެއްދުމުގައި ކުރީގައި އުޅޭ މޮޑާނާއިން ވެސް ބުނެފައި ވަނީ އެމަރޖެންސީކޮށް ވެކްސިން ބޭނުންކުުރުމުގެ ހުއްދައަށް މި އަހަރު އެދޭނެކަމަށެވެ. އަދި މިހާރު ކުރިޔަށްދާ ކްލިނިކަލް ޓްރެއަލްގެ ތެރެއިން 30،000 މީހުންގެ ޑޭޓާތައް ނޮވެމްބަރ މަސް އަންނަންވާ އިރަށް ލިބިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް