އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބިލްބޯޑް އެވޯޑްސް 2020

ބިލްބޯޑް އެވޯޑްސް 2020 ގައި އެންމެ ގިނަ އެވޯޑް ހާސިލް ކުރީ ޕޯސްޓް މެލޯން

  • އެވޯޑްސް ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އޭޕްރިލް 29 ގައި
  • ހަފްލާ ބޭއްވިގެން ދިޔައީ ލޮސް އޭންޖަލިސްގެ ޑޮލްބީ ތިއޭޓާރގައި
  • ޕޯސްޓް މެލޯން ވަނީ 16 ނޮމިނޭޝަންގެ ތެރެއިން 9 އެވޯރޑް ހާސިލްކޮށްފަ

ކ. މާލެ | 18 އޮކްޓޯބަރ 2020 | އާދީއްތަ 01:50 | 2,375

ޕޯސްޓް މެލޯން - ބިލްބޯޑް އެވޯޑް 2020 - އިންސްޓަގްރާމް

އޮކްޓޯބަރ 14 ވަނަ ދުވަހު ބޭއްވި ބިލްބޯރޑް އެވޯރޑްސްގައި އެމެރިކާގެ ހިޕްހޮޕް ތަރި ޕޯސްޓް މެލޯން ނުވަ އެވޯޑް ހާސިލްކޮށްފިއެވެ.

ޕޯސްޓް މެލޯން ހާސިލްކުރި އެވޯޑްތަކުގެ ތެރޭގައި، އާޓީސްޓް އޮފް ދަ އިޔަރ އާއި ހިޕްހޮޕް ކެޓެގަރީގެ ގިނަ އެވޯޑްތަކެއް ހިމެނެއެވެ. މި އެވޯޑް ހަފްލާގައި ގިނަ އެވޯޑްތަކެއް ހާސިލްކުރި ތަރިންގެ ތެރޭގައި އާރްއެންބީ ތަރި ޙާލިދް، ލިލް ނަސް އެކްސް އާއި ބިލީ ރޭ ސައިރަސްގެ އިތުރުން ބިލީ އައިލިޝް ހިމެނެއެވެ.

ޕޯސްޓް މެލޯން ހާސިލް ކުރި 9 އެވޯރޑް އިން 8 އެވޯރޑް އާއި އެކުގައި

ބިލީ އައިލިޝް ހޯދި އެވޯޑްތަކުގެ ތެރޭގައި ބިލްބޯޑް އެވޯރޑްގެ ޓޮޕް ފީމޭލް އާރޓިސްޓް 2020 ގެ އިތުރުން ޓޮޕް ނިއު އާޓިސްޓްގެ އެވޯޑް ވެސް ހިމެނެއެވެ. ޓޮޕް ފީމޭލް އާޓިސްޓް އެވޯޑް ބިލީ އައިލިޝް ހާސިލްކުރީ މިދިޔަ އަހަރު އެވޯޑް ހާސިލް ކުރި އާރިޔާނާ ގްރާންޑޭ އަދި ތިން ފަހަރަށް އެވޯރޑް ހާސިލްކުރި ޓެއިލަރ ސްވިފްޓްގެ މައްޗަށް ކުރި ހޯދާފައެވެ.

ބިލީ އައިލިޝްއަށް ލިބުނު ބެސްޓް ނިއު އާޓިސްޓް އެވޯޑް އެންމެ ފަހުން އަންހެން އާޓިސްޓަކަށް ލިބިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު އެ އެވޯޑް ހާސިލްކުރީ ނިއު ޒީލެންޑުގެ ލަވަކިޔުންތެރިޔާ ލޯރޑްއެވެ.

ބިލީ އައިލިޝް - ބިލްބޯރޑް އެވޯރޑްސް 2020

އުމުރުން 22 އަހަރުގެ އެމެރިކާގެ ލަވަކިޔުންތެރިޔާ ޙާލިދްއަށް ލިބުނު އެވޯޑްތަކަށް ބަލާއިރު، އޭނާ ނޮމިނޭޓްވީ 12 ކެޓަގަރީގެ ތެރެއިން ހާސިލްކުރި ފަސް އެވޯޑުގެ ތެރޭގައި ގިނައީ އާރްއެންބީ ކެޓެގަރީން ހޯދާފައި ހުރި އެވޯޑްތަކެވެ. އޭގެ ތެރޭގައި ޓޮޕް އާރްއެންބީ އާޓިސްޓް އޮފް ދަ އިޔަރ އެވޯޑް ހިމެނެއެވެ.

ޙާލިދް - ބިލްބޯރޑް އެވޯރޑްސް 2020

މި އަހަރުގެ ބިލްބޯޑް އެވޯރޑްސް 2020 ގައި ތަފާތު ގިނަކަންތައް ވެފައިވާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއްކަންތަކަކީ ޖޯން ލެޖެންޑް އޭނާގެ އަންހެނުންނަށް ހަދިޔާކުރި ޕާރފޯމަންސްއެވެ.

"ނެވާރ ބްރޭކް" ލަވަޔަކީ މި ފަހުން ޖޯން ލެޖެންޑްގެ އަންހެނުން ބައިގެން ދިޔަ ހާދިސާއާ ގުޅިގެން، ދެ މީހުން އެކުގައި ތަހައްމަލު ކުރަމުން ދިޔަ ހިތްދަތިކަން ސިފަކޮށްދޭ މޮޅު ލަވައެއް ކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

ޖޯން ލެޖެންޑް - ބިލްބޯރޑް އެވޯރޑްސް 2020

އެވޯރޑް ހާސިލް ކުރި އިތުރު ފަރާތްތަކަށް ބަލާލާއިރު ބޮރެއާގެ ބޮއި ގްރޫޕް ބީޓީއެސް، ލިޒޯ، ހެރީ ސްޓައިލްސް، ޖޯނަސް ބްރަދަރސް، ޕިންކް، ކަރޑީ ބީ، ޕެނިކް އެޓް ދަ ޑިސްކޯ، އެލްޓަން ޖޯން، ދަ ޗެއިން ސްމޯކަރސް އަދި ކާންޔޭ ވެސްޓް ހިމެނެއެވެ.

މި ފަހަރުގެ ބިލްބޯރޑް އެވޯރޑްސް 2020 ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އޭޕްރިލް 29 ގައިއެވެ. ނަމަވެސް ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން މި އެވޯރޑް އޮކްޓޯބަރ 14 އަށް ފަސް ކުރެވިގެން ދިޔައެވެ. ޓީވީ ތަކުން މި އެވޯޑް ހަފްލާ ވަގުތުން ދުރަށް ދައްކާފައިވާ އިރު، މި ހަފްލާ ބޭއްވިގެން ދިޔައީ ލޮސް އޭންޖެލިސްގެ ޑޮލްބީ ތިއޭޓާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.