ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 16:33
ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބިދޭސީން ބައިތިއްބަން ހަދާފައިވާ ކޮޓަރިއެއް
ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބިދޭސީން ބައިތިއްބަން ހަދާފައިވާ ކޮޓަރިއެއް
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލްގެ ބިދޭސީންގެ ހާލަތު
ސިޓީ ކައުންސިލްގެ ބިދޭސީންގެ ހާލަތަށް ބަދަލެއް
 
ބައެއް ތަންތަން ވަނީ މަރާމާތު ކޮށްފައި
 
ބޭނުންވަނީ ބިދޭސީން ދޭ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރުން: މޭޔަރު
 
މަސައްކަތް ނިންމާލީ މަހެއްގެ ތެރޭގައި

މާލެ ސިޓީ ކައުންސިލް ގައި މަސައްކަތް ކުރާ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލުތައް ގެނައުމަށް ކައުންސިލުން ފެށި މަސައްކަތް ކާމިޔާބުކަމާއި އެކީ ނިންމާލައިފިއެވެ.

ސިޓީ ކައުންސިލްގެ ދަށުގައި 230 ބިދޭސީން މަސައްކަތް ކުރެއެވެ. މާލޭގެ ހާބަރު ސެކްޝަން ބެލެހެއްޓުމާއި، މަގު ހެދުމުގެ މަސައްކަތްތަކުގެ އިތުރުން ޕާކްތައް ބެލެހެއްޓުމަށްވެސް ސިޓީ ކައުންސިލްގެ ބިދޭސީން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު ގެނައުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އަންގާރަ ދުވަހު ''ރާއްޖެ.އެމްވީ'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ބިދޭސީންގެ ހާލަތު މީގެ ކުރިންވެސް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި، ކައުންސިލާއި ހަވާލުވެގެން އެންމެ ފުރަތަމަ މުވައްޒަފުންނާ ބައްދަލު ކުރި ދުވަހު ވެސް ބިދޭސީ މުވައްޒަފުން ބޭނުންވީ އެ މީހުން ދިރިއުޅޭ ތަންތަނަށް މިހާރަށްވުރެ ރަނގަޅު ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.

ސިޓީ ކައުންސިލްގެ ބިދޭސީންތަކެއް ދިރިއުޅެމުން އައި ތަނެއް

އެކަމަކު ފާއިތުވެ ދިޔަ ދުވަސްތަކުގައި ކައުންސިލްގެ ބަޖެޓުގައި ހަރަދު ކުރެވޭ ވަރަށް ފައިސާ ނެތުމުން އެކަން އޮތީ ކުރިޔަށް ނުގެންދެވި ކަމަށް ޝިފާ ވިދާޅުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ ބިދޭސީ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނަވާފައެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖެ އަށް ދިމާވުމާއި އެކު ބިދޭސީންނަކީ އޭގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހޭނެ ބައެއްކަން އެނގިގެން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފެށިކަން ޝިފާ ފާހަގަ ކުރެއްވިއެވެ.

ކޮވިޑު ފެތުރެންފެށީމަ އަޅުގަނޑުމެންނަށް އެނގިއްޖެ ދިވެހިރާއްޖެގައި އެންމެ ނިކަމެތިވާނީ ބިދޭސީންކަން. އެ ދުވަސްވަރަށް އަޅުގަނޑަށް ގަބޫލުކުރެވުނު މިތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެކަންޏެއް ނޫން. މުޅި ދިވެހި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އޮތް ޗެލެންޖެއްކަން. އެހެންވީމާ އަޅުގަނޑުމެން މާ ކުރިޔާ ދުރާލާ ފެށިން އެކަންތައް ކުރަން
ޝިފާ މުހައްމަދު - މާލެ ސިޓީގެ މޭޔަރު

މި ދައުރުގެ ތެރޭގައި ކުރެވުނު ކަންތައްތަކުގެ ލިސްޓުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައ ޝިފާ ފާހަގަކުރެއްވީ، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން އެއަށްވުރެ ފެންވަރު ރަނގަޅުކޮށް ބިދޭސީންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން އައީ ތައިސޭ ކޮށީގެ އިތުރުން ތައިސޭ ކޮއްޓާއި ނީލަން ފިހާރައާއި ޖެހިގެން ހުންނަ ޖާގައިގައެވެ. އެތަނުގައި ތިބި ބިދޭސީން ވަނީ މިހާރު އައޖީއެމްއެޗް ބިތް ދޮށުގައި އޮންނަ ބްލޮކްގެ އިތުރުން އިމާދުއްދީން ބްލޮކް އަށް ބަދަލު ކޮށްފައެވެ. އެ ތަންތަނަށް އެ މީހުން ބަދަލު ކުރީ އިތުރަށް މަރާމާތުކޮށް މީހުންނަށް ހަމަޖެހިލައިގެން ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.

ބިދޭސީ މުވައްޒަފުންލައްވާ އެ މީހުންގެ ނިދާ އެނދުތައްވެސް ތައްޔާރުކޮށް އެ ހުރިހާ މީހުންނަށް ނިދޭނެ ގޮތް ހަދައި ބޯ ދަށަށްލާނެ ބާލީހެއް ހޯދައިދީ އެ މީހުންނަށް އަމިއްލަ އަށް ކަބަޑުތައް އެހެރީ ޖަހާފައި. އަހަރަކު ދެ ފަހަރަކުހެން އެ މީހުން ގެންގުޅޭ އެއްޗެހި އެބަ ރޯވޭ. ރޯވާ ކޮންމެ ފަހަރަކު މުދާ ގެއްލޭ. ވަރަށް ހާލަކުން އެ މީހުން އެއްކުރަނީ ފައިސާ އައިލާތަކަށް ފޮނުވަން. ކައުންސިލްގެ ތައިސޭ ކޮށީގައި ދެ ތިން ފަހަރު ރޯވެސް ވެއްޖެ އެ މީހުން އުޅޭ ސަރަހައްދުގައި. ނިދާ ތަންތަނުގައި. މިހާރު އެހެރީ ކޮންމެ މީހަކަށް ކަބަޑެއް ހަދައިދީފައި. އެ މީހުންނަށް އެ މީހުންގެ ފައިސާ ރައްކާތެރިކަމާއި އެކު ގެންގުޅެވޭނެ ގޮތް ހަދައިދީފައި.
ޝިފާ މުހައްމަދު - މާލެ ސިޓީގެ މޭޔަރު
އިމާދުއްދީން ބްލޮކްގައި ބިދޭސީން ބައިތިއްބާ ތަން އިތުރަށް މަރާމަތުކޮށްފައި

އޭނާ ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ފެންވަރުގެ އިތުރުން އެ މީހުން އަމަލު ކުރަން ޖެހޭ އުސޫލެއް ވެސް ގާއިމްކޮށް ފެންނަ ގޮތަށް ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ.

އެއްޗެހި ދޮވުމާއި ކޮންމެ ހަފްތާއަކު އެއްފަހަރު ނިދާތަކެތި ބަދަލުކުރުމާއި މި ގޮތަށް ހުންނަ ކަންތައްތަކަށް ދަންދެން ކިޔާދިފައި. މަސައްކަތަށް ނިކުންނަން ޖެހޭއިރު އެ މީހުން ހުންނަން ޖެހޭ ގޮތާއި، އެ ހުރިހާ އެއްޗެއް ބަންގްލަދޭޝް ބަހުން ލިޔެފައި އެތަނުގައި ބެހެއްޓިފައި އެވަނީ. އެ މީހުން ތެރެއިން ލީޑަސް އިން ނަގައިގެން އެ ކަންތައްތައް ކޮށްފައި އެހެރީ.
ޝިފާ މުހައްމަދު - މާލެ ސިޓީގެ މޭޔަރު

ޝިފާ ވިދާޅުވާ ގޮތުގައި އެ ކަންތައްތައް ކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ގަބޫލު ކުރާ ފެންވަރަށް ބިދޭސީން ކުރާ މަސައްކަތްތައް ވެސް ގެންދިޔުމެވެ.

އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ކަމެއް މުވައްޒަފުންނަށް ރަނގަޅަށް ކަންތައްތައް ކޮށްގެންކަން، އެ މީހުންގެ އުފެއްދުންތެރިކަމާއި އެ މީހުންގެ ވިސްނުން ރަނގަޅުކޮށްގެން ކަން ގެންގުޅެ ވޭނީ.
ޝިފާ މުހައްމަދު - މާލެ ސިޓީ މޭޔަރު

އެ އަޒުމުގައި ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދާއިރު ކުރިޔަށް އޮތް ތަނުގައި ބިދޭސީންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން ސެކިއުރިޓީ ބަލަހައްޓަން 20 ބިދޭސީއަކަށް ތަމްރީނު ވަނީ މިހާރު ދީފައެވެ.

ކައުންސިލުން ބުނީ، ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ވެސް އިސްނަގައިގެން އެ މީހުންގެ ހާލަތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
75%
0%
0%
0%
25%
ކޮމެންޓް