ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 09:01
ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެމުންދަނިކޮށް
ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެމުންދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ހާލަތު
ކޮވިޑް ކޭސްތައް އިތުރުވާތީ އިޓަލީއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
 
ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ އިތުރު ލޮކްޑައުނަކަށް ދާން ބޭނުންނުވާތީ
 
އިޓަލީއަކީ މުޅި ދުނިޔެއިން 17 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމު

ޔޫރަޕާއި، އިޓަލީވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިޓަލީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ގައުމުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށާއި، މި ނިންމުން ނިންމީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ ކަމަށެވެ.

އިޓަލީ ސަރުކާރުން އިތުރަށް ބުނެފައިވަނީ މިހާރުވެސް އަޅާފައިވާ ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ބަލި ފެތުރިގެން ދިޔަ ސަރަހައްދުތަކުގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، އަވަށްޓެރި ގައުމުތަކުގައި އާއި އިޓަލީވިލާތުގައި ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ދުރާލާ ވަރުގަދަ ކުރަން ނިންމީ ކަމަށް ބުނެފައިވެއެވެ.

އިޓަލީވިލާތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު އެ ގައުމުން 5000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މިއީ މި ބަލި އެ ގައުމުގައި އެންމެ ބޮޑަށް ފެތުރިގެންދިޔަ ދުވަސްވަރު ކޭސްތައް ރިޕޯޓްކުރެވުނު އަދަދާ ގާތްކުރާ އަދަދެކެވެ.

އިޓަލީވިލާތަކީ މުޅި ދުނިޔެއިން 17 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމެވެ. އެގައުމުން މިހާތަނަށް 354،950 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 36،166 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލި ބޮޑަށް ފެތުރިގެން ދިޔައީވެސް އިޓަލީވިލާތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް