ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 12:21
ބަންގްލަދޭޝްގެ މަސައްކަތްތެރިންތަކެއް ބޮސްނިއާ ގައި
ބަންގްލަދޭޝްގެ މަސައްކަތްތެރިންތަކެއް ބޮސްނިއާ ގައި
ރޮއިޓަރސް
ކޮވިޑް-19 އާއި ގުޅިގެން ހިޖުރަކުރާ މީހުންނަށް ދިމާ
ކޮވިޑް-19 އާ ގުޅިގެން 3 މިލިއަން މީހުންނަށް އެ މީހުންގެ ގައުމަށް އަނބުރާ ނުދެވިފައި
 
ބައެއް މީހުން ތިބި ތަންތަނަކީ ސާފުތާހިރުކަމެއް ނެތް ތަންތަނަށްވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގެންގުޅެންޖެހޭ ގައިދުރުކަންވެސް އެތަންތަނުގައި ނުގެންގުޅެވޭ
 
ރިޕޯޓުގައި 100ށް ވުރެ ގިނަ ގައުމުގައި ދިރިއުޅޭ އެކިގައުމުތަކުގެ މީހުންގެ މައުލޫމާތުތައް ހިމަނާފައިވޭ
 
އެންމެ ހާލަތު ގޯސް ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މެދު އިރުމައްޗާއި އުތުރު އެފްރިކާ

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމާއި އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިން މިލިއަން މީހުންނަށް އެމީހުންގެ ގައުމަށް އަނބުރާ ނުދެވި ތާށިވެފައި އެބަތިބި ކަމަށް އދ. ގެ މައިގްރެންޓް އެޖެންސީން އެކުލަވާލި ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް މީހުން ތިބީ އެއްވެސް ވަރަކަށް ސާފުތާހިރުކަމެއް ނެތް ތަފާތު އެކި ބާވަތްތަކުގެ މުދާ ރައްކާކުރުމަށް ހަދާފައިވާ ވެއަރ ހައުސްތަކުގައި ކަމަށެވެ. އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން ރިޕޯޓުގައި 100ށް ވުރެ ގިނަ ގައުމުގައި ދިރިއުޅޭ އެކިގައުމުތަކުގެ މީހުންގެ މައުލޫމާތުތައް ހިމަނާފައިވެއެވެ. މި ރިޕޯޓްގައި ހަމައެކަނި ބަޔާންކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެމީހުންގެ އަމިއްލަ ގައުމަށްދާން ބޭނުންވެ ނުދެވިފައި ތިބި މީހުންގެ މައުލޫމާތުތަކެވެ.

މި ރިޕޯޓްގައިވާ ގޮތުން ބައެއް ކަނޑުބޯޓުގައި މަސައްކަތްކުރާ މީހުން ވަނީ އެމީހުން މަސައްކަތްކުރާ ބޯޓުގައި ތާށިވެފައެވެ. އަދި މައިންގެ މަސައްކަތްކުރާ މީހުންނާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންވެސް ވަނީ އެމީހުންގެ ގައުމަށް ނުދެވި ތާށިވެފައެވެ.

މިކަމާއި ގުޅިގެން އދ ގެ ޑިރެކްޓަރ ޖެނެރަލް އެންޓޯނިއޯ ވިތޯނިއޯ ވިދާޅުވީ ހިޖުރަކުރާ މީހުންނަށްވެސް މިހާލަތުގައި ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު އެމީހުންގެ ގައުމަށް އަނބުރާ ދިޔުމުގެ ފުރުސަތު ލިބެންޖެހޭނެކަމަށެވެ. އަދި އެކަމަށްޓަކައި ދޭދޭ ގައުމުތަކުން ވީއެންމެ އަވަހަކަށް ވާހަކަތައް ފެށުމަށް އޭނާ ގޮވާލެއްވިއެވެ.

ބައެއް މީހުން ތިބި ތަންތަނަކީ ސާފުތާހިރުކަމެއް ނެތް ތަންތަނަށްވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގެންގުޅެންޖެހޭ ގައިދުރުކަންވެސް އެތަންތަނުގައި ނުގެންގުޅެވޭހާ ދަތި ކުދިތަންތަން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަމުންދާއިރު އަޅާނުލާ ދޫކޮށްލެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެންމެ ހާލަތު ގޯސް ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މެދު އިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދެވެ. އެއީ ރިޕޯޓްގައި ފާހަގަކޮށްފައިވާ 2.75 މިލިއަން މީހުންގެ ތެރެއިން 1.275 މިލިއަން މީހުން އެ ދެ ސަރަހައްދުގައި ތާށިވެފައި ތިބުމުގެ ސަބަބުންނެވެ. ދެވަނައަށް އެންމެ ހާލަތު ގޯސް ސަރަހައްދަކީ އޭޝިޔާއެވެ. އޭޝިޔާގައި މިލިއަނަކާ ކައިރިކުރާ ވަރަށް މީހުންނަށް އެމީހުންގެ ގައުމަށް ނުދެވި އެބަތިއްބެވެ.

ރިޕޯޓް ބުނާގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އެކަނިވެސް 648،000 މީހުންނަށް އެމީހުންގެ ގައުމަށް އެނބުރި ދާން ބޭނުންވެ ނުދެވިފައި އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ އޭޝިޔާ އާއި އިރުމަތީ އެފްރިކާ ގައުމުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނެވެ. ސައުދީ އަރަބިއްޔާގައި 280،000 މީހުންނަށް ނުދެވިފައި އެބަތިއްބެވެ.

ބައެއް މީހުން ކްރޫޒް ޝިޕްތަކުގެ ޑެކްގައި ޑެކުން މައްޗަށް އެރުމުގެ ފުރުސަތު ނުދީވެސް ތިބިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ހަ މަސް ދުވަސް ވަންދެން އެމީހުން ދިރިއުޅެމުންދަނީ އެބޯޓުތަކުގެ ޑެކް ތެރޭގައި ބޭރަށް ނިކުތުމުގެ ފުރުސަތުވެސް ނުދީކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ދާދި ފަހުން އެގްރިމެންޓެއްގެ ދަށުން މޮޒަމްބިގް ގެ މައިންގައި މަސައްކަތްކުރާ 3400 މީހުން މެޑިކަލް ޓެސްޓްތަކެއް ހެއްދުމަށްފަހު ދެކުނު އެފްރިކާއަށް ވަނުމުގެ ފުރުސަތު ދީފައިވާކަމަށާއި މަސަައްކަތްތެރިންނަށް އެމީހުންގެ ގައުމަށް އަނބުރާ ދިޔުމާއި ގުޅޭގޮތުން ޔޫއޭއީ އާއި އިންޑިޔާ އާ ދެމެދު ވާހަކަތަކެއް ދެކެވިފައިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް