ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 12:34
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ރޮއިޓަރސް
އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ހާލަތު
އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާނެ އައު ފިޔަވަޅުތައް ބޮޑުވަޒީރު ހާމަކުރައްވަނީ
 
އިނގިރޭސިވިލާތަކީ ޔޫރަޕްގައި އެންމެ ގިނަ މީހުން މިބަލީގައި މަރުވަމުންދާ ގައުމު
 
ލޮކްޑައުން އާއެކު އެގައުމުގެ އިގްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
 
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ވައިރަސް ޖެހެމުން އައި މީހުންގެ އަދަދު ވަނީ ފާއިތުވި ހަފްތާގައި ދެ ގުނަ ވެފައި

ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް އިނގިރޭސިވިލާތަށް އައިސްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާނެ އައު އިތުރު ފިޔަވަޅުތައް ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހޯމަ ދުވަހު އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ހާމަކުރައްވާނެއެވެ.

އިނގިރޭސިވިލާތަކީ މި ވަގުތު ޔޫރަޕްގައި އެންމެ ހަލުވިމިނުގައި ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމެވެ. ދުވާލެއްގެ މައްޗަށް އެ ގައުމުގައި އެވްރެޖްކޮށް ވައިރަސް ޖެހެމުން އައި މީހުންގެ އަދަދު ވަނީ ފާއިތުވި ހަފްތާގައި ދެ ގުނަ އިތުރުވެފައެވެ. އެއާއެކު އަލުން ލޮކްޑައުންއަކަށް ހިނގައިދާނެކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އެ ގައުމުގެ އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ އަލުން ލޮކްޑައުންކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މީގެކުރިންވެސް އެގައުމު ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް އެއާއެކު އެގައުމުގެ އިގްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އަލުން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ބޮޑުވަޒީރު ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ވަކި ހިސާބުތަކެއްގައި ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަ ކުރަންޖެހޭކަމަށެވެ. އަދި މިކަމުގެ ތަފްސީލުތައް ވީއެންމެ އަވަހަށް އެކުލަވާލާނެ ކަމަށްވެސް ސިޓީގައި ވެއެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގައި އެންމެ ގިނަ މީހުން މިބަލީގައި މަރުވަމުންދާ ގައުމެމެވެ. އެގައުމުން މިހާތަނަށް 42،679 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. މީގެއިތުރުން ދަށަށްދަމުންދާ އިގްތިޞާދު ހަމައަކަށް އެކުވުމަށް ރިކޯޑް އަދަދަކަށް މާކެޓަށް ފައިސާ އަންނަނީ ޕަމްޕު ކުރަމުންނެވެ.

އިނގިރޭސި ބޮޑުވަޒީރަށް ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުމުގެ އިތުރުން އިގްތިޞާދު ހަމައަކަށް އެޅުއްވުމަށްވެސް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އެއާއެކު ބޮޑުވަޒީރަށް އޮންނަ ތާއީދުވެސް އަންނަނީ ގެއްލެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް